23 Dec 2020, 18:17
އިސްލާމް އާބާދު (ޑިސެމްބަރު 23) : އިސްރާއީލާ ގުޅުން އުފެއްދެން ނެތްކަމަށާ އެއަށްވުރެ އިސްލާމީ ވަންތަކަމާއި ފަލަސްތީނުގެ ހައްގުތަށް ޕާކިސްތާނަށް މާ މުހިއްމުކަން ގަލްފުގެ އަރަބި ގައުމެއްކަމަށްވާ ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އަށް އަންގާފައިވާނެކަމަށް ޕާކިސްތާނުން ބުނެފިއެވެ.
ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހު މަޙްމޫދު ޤުރައިޝީ ވިދާޅުވިގޮތުގައި ފަލަސްތީނުގެ ހައްގުތަކަށް ނުބަލައި ޕާކިސްތާނުން އިސްރާއީލާ ގުޅުންތައް ގާއިމްކުރުން އެއީ ނުކުރެވޭނެކަމެއްކަން ވަރަށް ސަރީހަ އިބާރާތުން ޔޫއޭއީއަށް އަންގާފައިވާނެކަމުގައެވެ. ނަމަވެސް އިސްރާއީލާ ގުޅުންތައް އުފައްދަން ޔޫއޭއީން ޕާކިސްތާނަށް ފިއްތުންތައް ކުރިމަތިކުރިކަމަށް ސީދާގޮތެއްގައި ގުރައިޝީ ވިދާޅުވެފައެއް ނުވެއެވެ.
ނޫސްކޮންފަރެންސެއްގައި ޤުރައިޝީ ވިދާޅުވީ އިސްރާއީލު ނިގުޅައިގެންފައިވާ ފަލަސްޠީނުގެ ހައްގުތައްދީ 1969 ގެ އަރަބި އިސްރާއީލު ހަނގުރާމައިގާ އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކުން ފާބައި އެބިންތަކުގައި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް އުފެއްދުމުގެ ފުރުސަތު ދިނުމުން މެނުވީ ޕާކިސްތާނުން އިސްރާއީލަށް އިޢުތިރާފް ނުވާނެކަމުގައެވެ. މުސްލިމް ގައުމެއްގެ ހައިޘިއްޔަތުން ފަލަސްތީނުގެ ހައްގުތައް ދިފާއުކުރުމުގައި ޕާކިސްތާން ދެމިއޮންނާނެކަމަށާ އިސްރާއީލާ ގުޅުންތައް އުފެއްދޭނީ ފަލަސްތީނު މައްސަލައަށް އިންސާފުވެރި ގޮތެއްގައި ހައްލުކުރުމުގެ ފުރުސަތު އިސްރާއީލުން ދިން ދުވަހަކުން ކަމަށްވެސް ގުރައިޝީ ވިދާޅުވިއެވެ.

ޔޫއޭއީ ގެ ހަގީގީ ވެރިޔާ ކަމަށް ސިފަކުރެވޭ އެގައުމުގެ ވަލީއުލްއަހްދު މުހައްމަދު ބިންޒާޔިދު އައި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ
ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް އުފެއްދުމަށް ބައިނަލްއަގްވާމީ ގޮތުން ގޮވަލާ ގޮވާލުންތަކާ އަދި 1969 ގެ ހަނގުރާމައިގާ އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ގޮވާލާ އދ. ގެ ގަރާރުތަކަށްވެސް އިސްރާއީލު ގޮންޖަހަމުން ގެންދާތީ އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ އޯއައިސީގައި ހިމެނޭ އިސްލާމީ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްތަކުންވަނީ ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ފާބައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުން ނޫނީ އިސްލާމީ ގައުމުތަކުން އިސްރާއީލާ ގުޅުންތައް ނުއުފެއްދުމަށް ނިންމާފައެވެ.
މީގެއިތުރުން 2002 ވަނައަހަރު ބައިރޫތުގައި ބޭއްވި އަރަބި ގައުމުތަކުގެ އިސްވެރިންގެ ސަމިޓުންވެސްވަނީ 1969 ގައި އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ފާބައި އެބިންތަކުގައި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް އުފެއްދުމުގެ ފުރުސަތު ދިނުމުގެކުރިން އިސްރާއީލަށް އިޢުތިރާފް ނުވުމަށާއި އިސްރާއީލާ ގުޅުންތައްވެސް ގާއިމް ނުކުރުމަށް އިއްތިފާގުން ނިންމާފައެވެ.
ނަމަވެސް މި ނިންމުންތަކަށް ގޮންޖެހުމަށްފަހު ޔޫއޭއީންވަނީ މިދިޔަ އޮކްޓޯބަރުމަހު އިސްރާއީލާ ގުޅުންތައް ގާއިމް ކޮށްފައެވެ. އެއަށްފަހު ގަލްފުގެ ކުޑަ ގައުމެއްކަމަށްވާ ބަހްރައިންވެސް ވަނީ އިސްރާއީލާ ގުޅުންތައް ގާއިމްކޮށްފައެވެ. އޭގެފަހުން އަރަބި އިތުރު ދެގައުމު ކަމަށްވާ ސޫދާނާއި މޮރޮކޯ އިންވެސްވަނީ އިސްރާއީލާ ގުޅުންތައް އުފެއްދުމަށް ނިންމިކަން އިއުލާނުކޮށްފައެވެ. ނަމަވެސް ގުޅުންތައް ގާއިމްކުރުމުގެ އެއްބަސްވުމުގައި މިދެ ގައުމުން އަދި ސޮއިކޮށްފައެއް ނުވެއެވެ.

ސައޫދީ ގެ ބާރުގަދަ މީހާ ގެ ގޮތުގައި ސިފަކުރެވޭ އެގައުމުގެ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އާއި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ
ސޫދާނުން އިސްރާއީލާ ގުޅުންތައް ގާއިމްކުރަން ނިންމީ އެމެރިކާއާއި ޔޫއޭއީ އަދި ސައޫދީގެ ފިއްތުންތަކާ ގުޅިގެންކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާއިން ސޫދާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި އަދި ޓެރަރިޒަމަށް އެހީތެރިވާ ކަމަށް އެމެރިކާ ލޭބަލްކޮށްފައިވާ ގައުމުތަކުގެ ލިސްޓުން ސޫދާނުގެ ނަން ނަގާނީ އިސްރާއީލާ ގުޅުންތައް ގާއިމް ކުރުމުންކަމަށް އެމެރިކާއިން ޝަރުތުކުރާކަމަށް ސޫދާނުގެ ބޮޑުވަޒީރު އެތަށްފަހަރަކު ވިދާޅުވެފައިވެއެވެ. އަދި ސޫދާނުން އިސްރާއީލާ ގުޅުންތައް އުފައްދާނަމަ ސޫދާނަށް މާލީގޮތުން އެހީތެރިވާން ތައްޔާރަށް އޮތްކަން ސައޫދީ އަރަބިއާއާއި ޔޫއޭއީ އަންގާފައިވާކަންވެސް ސޫދާނުގެ މަސްއޫލުވެރިން ވިދާޅުވެފައިވެއެވެ.
އުތުރުއެފްރިކާގެ އަރަބި ގައުމެއްކަމަށްވާ މޮރޮކޯ އިން އިސްރާއީލާ ގުޅުންތައް އުފައްދަން ނިންމީ މޮރޮކޯ މިލްކުވެރިކަމަށް ދައުވާކުރާ ސަރަހައްދެއްކަމަށްވާ ވެސްޓަން ސަހަރާ އަކީ މޮރޮކޯގެ ބިމެއްގެ ގޮތުގައި އިއުތިރާފްވާނެކަމުގެ ޔަގީންކަން އެމެރިކާ ދިނުމުންކަމަށް ރިޕޯޓްތައް ބުނެއެވެ. ސައޫދީން ރަސްމީ ސިފައެއްގައި އިސްރާއީލާ ގުޅުންތައް އުފައްދާފައިނުވިނަމަވެސް ސައޫދީ ގެންދަނީ ސިއްރިޔާތުގައި އިސްރާއީލާ މުއާމަލާތް ކުރަމުންކަން އިސްރާއީލުގެ މަސްއޫލުވެރިން ކަށަވަރުކޮށްދެއެވެ.
ނަމަވެސް ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ވެރިކަމުގައި ސައޫދީ ސަރުކާރުން ރަސްމީ ސިފައެއްގައި އިސްރާއީލާ ގުޅުންތައް ނުއުފައްދާނެކަމަށާ ސަލްމާންއަށްފަހު އޭނާގެ ދަރިކަލުން މުހައްމަދު ބިން ސަލްމާން އަށް ރަސްކަން ލިބިއްޖެނަމަ ވަރަށް އަވަހަށް ސައޫދީން އިސްރާއީލާ ގުޅުންތައް ގާއިމްކުރާނެކަމަށް އިސްރާއީލުގެ މަސްއޫލުވެރިއަކާ ހަވާލާދީ އެގައުމުގެ ނޫހެއްކަމަށްވާ "ހާއާޓްސް" ބުނެފައިވެއެވެ.
އިސްރާއީލާއެކު ގުޅުން ގާއިމުކުރުމަށް އެމެރިކާއާއި، ގަލްފުގެ ދެގައުމަކުން ޕާކިސްތާނަށް ފިއްތުންތައް ކުރިމަތިކުރިކަމަށާ ނަމަވެސް ޕާކިސްތާނުން އެކަން ނުކުރާނެކަމަށް ބޮޑުވަޒީރު އިމްރާން ޚާން މިދިޔަ ނޮވެންބަރު މަހުގެ ވިދާޅުވެފައިވެއެވެ. އެއީ ކޮންދެގައުމެއްކަން އިމްރާންޚާން ވިދާޅުވެފައެއް ނުވެއެވެ. އިސްރާއީލާ ގުޅުންތައް ގާއިމް ކުރުމަށް ޕާކިސްތާނަށް ފިއްތުންތައް ކުރިމަތިކުރާ ގަލްފުގެ ދެގައުމަކީ ސައޫދީ އާއި ޔޫއޭއީ ކަމަށްވަނީ ބެލެވިފައެވެ.
ސައޫދީ އާއި ޔޫއޭއީ އަކީ ޕާކިސްތާނަށް މާލީގޮތުން ވަރަށް ބޮޑު އެހީތެރިކަމެއްދޭ ދެގައުމެވެ. ނަމަވެސް ސައޫދީން ކަޝްމީރުގައި އިންޑިއާ ހިންގާ ހަރުކަށި އަމަލުތަކަށް ސައޫދީ އަޅާނުލުމުންނާ އަދި ސައޫދީ އިންޑިއާ މާބޮޑަށް ގާތްވަމުންދާތީ ޕާކިސްތާނާއި ސައޫދީގެ ގުޅުންތައްވަނީ ނުތަނަވަސްވެފައެވެ. މިއާއެކު ޕާކިސްތާންވަނީ ސައޫދީގެ ދުޝްމަން ކަމަށްވާ އީރާނާ ގުޅުންތައް ބަދަހިކޮށްފައެވެ. އަދި ސައޫދީގެ ވާދަވެރި ގައުމެއްކަމަށްވަ ތުރުކީއާވެސް ޕާކިސްތާންވަނީ ވަރަށް ގާތްގުޅުންތަކެއް އުފައްދާފައެވެ.
ސައޫދީ އާއި ޔޫއޭއީ އިން އިސްރާއީލާ ގާތްވެ އަދި އިސްރާއީލާ ގުޅުންތައް ގާއިމްކުރުމަށް އިސްލާމީ އެހެން ގައުމުތަކަށް ބާރުއަޅަނީ އެދެގައުމުގައި ހިންގާ އާއިލީ ވިރާސީ ރަސްކަމުގެ ޚުދުމުޚްތާރު ނިޒާމުތައް ދެމެހެއްޓުމަށްޓަކައި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގެ ރުހުން ހޯދުމުގެ ބޭނުމުގައި ކަމަށް މުހައްލިލުން ވިދާޅުވެއެވެ. އިސްރާއީލާ ގުޅުންތައް ގާއިމްކުރާނަމަ ޑިމޮކްރަސީއާއި އިންސާނީ ހައްގުތައްފަދަ ހުޅަނގުން ސިޔާސީ ބޭނުންތަކުގައި ޕްރޮމޯޓްކުރާ ފިކުރުތަކަށް ތަބާނުވިނަމަވެސް އެގައުމަކަށް އެމެރިކާއާއި ޔޫރަޕްގެ ފާޑުކިޔުންތަކާއި ފިއްތުންތައް ކުރިމަތިނުވާކަން އެމެރިކާއާއި ޔޫރަޕްގެ ސިޔާސަތުތަކާއި ސުލޫކުންވަނީ ހާމަވެފައެވެ. (އަލްޖަޒީރާ+ ނޫސްއެޖެންސީތައް)