ވޮޝިންޓަން (ޑިސެމްބަރު 23): އެމެރިކާގެ ކޮންގްރެސްއިން ހޯމަ ދުވަހު ފާސް ކުރި، ގާތްގަނޑަކަށް 900 ބިލިއަން ޑޮލަރުގެ ރިލީފް ބިލަށް އިސްލާހުތައް ގެންނަން ޖެހޭ ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ކޮންގްރެސްއިން ރައީސަށް ފޮނުވި ރިލީފް ބިލް ތަސްދީގު ނުކުރާނެ ކަމަށް ޓްރަމްޕް ވިދާޅުނުވި ނަމަވެސް އޭނާ ވަނީ ބިލް މިހާރު އޮތް ގޮތަށް ގަބޫލު ކުރެއްވެން ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ބިލުގައި "ބޭކާރު ކަންތައްތައް" ހިމެނޭ ކަމަށާއި ގައުމުގެ ރައްޔިތުންނަށް ދޭ އެހީ އިތުރު ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ޓްރަމްޕް ވަނީ އެ ބިލުގައި އެހެން ގައުމުތަކަށް ހަރަދު ކުރަން ގިނަ އަދަދެއްގެ ފައިސާ ހިމަނާފައިވާކަން ފާހަގަ ކުރައްވާފަ އެވެ.

"މި ބިލުގައި ކެމްބޯޑިއާއަށް އެހީވާން 85.5 މިލިއަން ޑޮލަރު، ބަރުމާއަށް 134 މިލިއަން ޑޮލަރު، މުޅިން ވެސް ރަޝިއާއިން ހަތިޔާރު ގަންނަ މިސްރާއި އެގައުމުގެ އަސްކަރިއްޔާއަށް 1.3 ބިލިއަން ޑޮލަރު، ޕާކިސްތާނުގެ ޑިމޮކްރަސީ އަދި ޖެންޑާ ޕްރޮގްރާމްތަކަށް 25 މިލިއަން ޑޮލަރު، ބެލީޒް، ކޮސްޓަ ރީކާ، އެލް ސަލްވަޑޯ، ގުއާޓަމާލާ، ހޮންޑޫރަސް، ނިކަރަގުއާ އަދި ޕެނަމާއަށް 505 މިލިއަން ޑޮލަރު ހިމެނޭ،" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި އެ ފައިސާ ހަރަދު ކުރަން ޖެހެނީ ގައުމުގެ ރައްޔިތުންނަށެވެ. އަދި އަހަރަކު 75،000 ޑޮލަރަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންނަށް ދޭން ކަނޑައަޅާފައިވާ ފައިސާގެ އެހީގެ އަަދަދު 600 ޑޮލަރުން 2،000 ޑޮލަރަށް އިތުރު ކުރަން ޖެހެ އެވެ.

ކޮންގްރެސްގެ ޑިމޮކްރެޓިކް ލީޑަރުން ވަނީ އެ އިސްލާހުތަކަށް ތާއިދު ކުރާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ރިޕަބްލިކަން ޕާޓީގެ މެމްބަރުން ވަނީ އެ އަދަދު އިތުރު ކުރަން މީގެ ކުރިން ދެކޮޅު ހައްދަވާފަ އެވެ.

ކޮންގްރެސްއިން އެ ބިލް ފާސް ކުރީ ޑިމޮކްރެޓިކް އަދި ރިޕަބްލިކަން މެމްބަރުން މިދިޔަ ޖުލައި މަހުން ފެށިގެން ކުރިއަށްގެންދިޔަ މަޝްވަރާތަކަށް ފަހުގަ އެވެ. އަދި ސަރުކާރުން ކުރިއަށް އޮތް ނުވަ މަހު ފެޑެރަލް އޭޖެންސީތަކަށް ހަރަދު ކުރާނެ 1.4 ޓްރިލިއަން ޑޮލަރުގެ ސްޕެންޑިން ބިލެއްވެސް އޭގައި ހިމެނެ އެވެ. އެހެންކަމުން ޓްރަމްޕް އެ ބިލް ވީޓޯ ކުރައްވައިފި ނަމަ މި މަސް ނިމުމުން ސަރުކާރު ހުއްޓުމަކަށް އައުން އެކަށީގެންވެ އެވެ.

އެމެރިކާ އިން މިދިޔަ މާޗް މަހު ފާސް ކުރި 2.3 ޓްރިލިއަން ޑޮލަރުގެ ރިލީފް ބިލުގެ ދަށުން ކުޑަ އާމްދަނީއެއް ލިބޭ މީހުންނަށް ދިނީ 1،200 ޑޮލަރެވެ. އަދި މި ފަހަރު އެ އަދަދު މަދު ކުރުމުން އެމެރިކާގެ އިގުތިސާދީ މާހިރުންނާއި އާއްމު ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

އެ ބިލުގައި ދެން ހިމެނޭ ކަންތައްތަކުގެ ތެރޭގައި:

  • ވަޒީފާ ނެތް މީހުންނަށް 10 ހަފްތާ ވަންދެން ހަފްތާއަކު 300 ޑޮލަރު ދިނުން

  • ކުލި ނުދެއްކޭ މީހުން ގެއިން ނުނެރެން އަންގާފައިވާ ގަވާއިދު އިތުރު މަހަކަށް ދައްމާލުމާއި ކުލި ދައްކަން އެހީވުމަށް 25 ބިލިއަން ޑޮލަރު ހާއްސަ ކުރުން
  • ކުދި ވިޔަފާރިތަކަށް އެހީވުމަށް 20 ބިލިއަން ޑޮލަރު ކަނޑައެޅުން
  • އަދި ކޮވިޑް ވެކްސިން ހޯދުމާއި ޑިސްޓްރިބިއުޓް ކުރުމަށް 30 ބިލިއަން ޑޮލަރު ހާއްސަ ކުރުން ހިމެނެ އެވެ.

އެމެރިކާގައި މިހާތަނަށް 18.3 މިލިއަން މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 323،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.