ހެލްތު މިނިސްޓްރީއަށް އާ ދެ ސިޔާސީ ވެރިން އައްޔަނުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގެ ސިޔާސީ މަގާމުތަކަކަށް އަލަށް އައްޔަނުކުރި ދެ ބޭފުޅުންނަކީ ސްޓޭޓު މިނިސްޓަރުކަމަށް އަހްމަދު އާދިލް، އަދި ޑެޕިއުޓީ މިނިސްޓަރުކަމަށް މަރިޔަމް ޚާލިދާއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ އެ ދެ ބޭފުޅުން ހެލްތު މިނިސްޓްރީއަށް އައްޔަނުކުރެއްވީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ކަމަށެވެ.

މާލީ ދާއިރާގައި މަސައްކަތްކުރައްވައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިސް މަގާމުތައް އަދާކުރައްވާފައިވާ މަރިޔަމް ޚާލިދާ ވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށްޓަކައި އެކުލަވާލި އެޑްވައިޒަރީ ބޯޑުގެ ޗެއާކަން ކުރައްވާފައެވެ. ޚާލިދާއަކީ ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މޫސާގެ އަނބިކަނބަލުންނެވެ.

މީގެ އިތުރުން ސްޓޭޓު މިނިސްޓަރުކަމަށް އައްޔަނުކުރެއްވި އަހްމަދު އާދިލް މީގެ ކުރިން ހުންނެވީ ޓްރާންސްޕޯޓު މިނިސްޓްރީގައި ސްޓޭޓު މިނިސްޓަރެއްގެ ގޮތުގައެވެ. ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތަކެއް ގެނައުމުގެ ތެރެއިން ފެންމަތިވި ކޮރަޕްޝަނުގެ މައްސަލަތަކެއްގައި އެ މިނިސްޓްރީގެ ސިޔާސީ ވެރިންތަކެއް ސަސްޕެންޝަނުގައި ހުންނެވި ދުވަސްވަރުން ފެށިގެން އާދިލް ވަގުތީގޮތުން ހެލްތު މިނިސްޓްރީގައި މަސައްކަތް ކުރައްވަމުން ގެންދެވިކަން އެނގިފައިވެއެވެ

ވެންޓިލޭޓަރު ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން ހެލްތު މިނިސްޓްރީގެ ބިޑު ކޮމިޓީގެ ޗެއާކަމުގައި ހުންނެވި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ބިޑު ކޮމިޓީގެ މެމްބަރުކަމުގައި ހުންނަވައި ލިޔެކިޔުންތަކުގައި ސޮއިކުރެއްވެ ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު އަދިވެސް ހުންނެވީ ސަސްޕެންޝަނުގައެވެ. އެ ދެބޭފުޅުންގެ ސަސްޕެންޝަން އުވާލާނެކަން ނުވަތަ ނޫންކަން ސާފުވާ ގޮތެއް ނުވެއެވެ.

ނިޝާމާ އަދި ޝިޔާމާއަކީ ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީއަށް ނިސްބަތްވާ ދެ ބޭފުޅެކެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައާ ގުޅިގެން ހެލްތު މިނިސްޓަރުކަމުގައި އޭރު ހުންނެވީ އަބްދުﷲ އަމީން 21 އޮކްޓޫބަރު 2020 ގައި އިސްތިއުފާ ދެއްވި އިރު، އެ މަގާމަށް އައްޔަނުކުރެއްވީ އަހްމަދު ނަސީމް (ކެރަފާ ނަސީމް)އެވެ.