26 Jan 2012, 10:35
ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ކޮންމެ އަހަރަކު އެކުލަވާލާ ދުނިޔޭގެ ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ދައްކައިދޭ ލިސްޓްގައި ރާއްޖެ އެތައް ތަނެއް ފަހަތަށް ވެއްޓިއްޖެ އެވެ.
ރާއްޖޭގައި ބޭއްވި ފުރަތަމަ މަލްޓި ޕާޓީ އިންތިހާބު 2008 ވަނަ އަހަރު ބޭއްވުމާ ހަމައަށް ރާއްޖެ އޮތީ އެލިސްޓްގެ 104 ވަނައިގަ އެވެ. ނަމަވެސް އެ އިންތިހާބަށް ފަހު ޖެހިގެން އައި 2009 ވަނަ އަހަރު ރާއްޖެ ވަރަށް ބޮޑުތަން ކުރިއަށް ޖެހިލި އެވެ. އެ އަހަރު ރާއްޖެ އޮތީ ލިސްޓްގެ 54 ވަނައިގަ އެވެ.
ނަމަވެސް މިއަހަރު ރާއްޖެ އޮތީ ބޮސްނިއާ އާއި ކްރޮއޭޝިއާ އާއި މޮޒަމްބީކާއި ބޫޓާނަށް ވުރެ ވެސް ފަހަތުގައި 73 ވަނައިގަ އެވެ.
ހަތްދިހަ ތިން ވަނައިގައި ރާއްޖެއާ އެކު، ރާއްޖެ ފަދަ ޖަޒީރާ ގައުމެއް ކަމަށްވާ ޝީސެލްސް އޮތް އިރު އަވަށްޓެރި އެންމެ ބޮޑު ގައުމު އަދި ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީކަމަށްވާ އިންޑިޔާ އޮތީ 130 ވަނައިގަ އެވެ. އަދި ޕާކިސްތާނު 151 ވަނައިގައި އޮތް އިރު ސްރީލަންކާ އޮތީ 163 ވަނައިގަ އެވެ. އެ ގައުމުތަކަށް ވުރެ ކުރީގައި ނޭޕާލް އޮތީ 106 ވަނައިގަ އެވެ.
މީޑިޔާގެ މިނިވަންކަން އެންމެ ކުޑަ ގައުމުތަކުގެ ގޮތުގައި ލިސްޓްގެ އެންމެ ފަހަތުގައި އޮތީ އުތުރުކޮރެއާ އާއި އެރިޓްރިއާ އެވެ.