23 Dec 2020, 12:25
ދިއްލީ (ޑިސެމްބަރު 23): އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް-19 ވެކްސިން ބޭނުން ކުރަން އިންޑިއާއިން އަންނަ ހަފްތާގައި ހުއްދަ ދޭނެ ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފި އެވެ.
އިންޑިއާގެ ވެކްސިން ހަރަކާތާ ގުޅުން ހުރި ދެ މީހަކާ ހަވާލާދީ ރޮއިޓާސްގައިވާ ގޮތުން އެގައުމުގެ ބާރަތު ބަޔޯއެންޓެކް އާއި އެސްޓްރާޒެނެކާ އާއި ފައިޒާއިން ވަނީ އެ ކުންފުނިތަކުގެ ކޮވިޑް ވެކްސިންއަށް ހުއްދަ ދިނުމަށް އެގައުމުގެ ސެންޓްރަލް ޑްރަގްސް ސްޓޭންޑާޑް ކޮންޓްރޯލް އޯގަނައިޒޭޝަން (ސީޑީއެސްސީއޯ)ގައި އެދިފަ އެވެ. އަދި މި މަހުގެ ނުވައެއްގައި އެ އިދާރާއިން ވަނީ އެ ތިން ވެކްސިންއާ ބެހޭ އިތުރު މައުލޫމާތަށް އެދިފަ އެވެ.
އެހެންކަމުން، އިންޑިއާގައި އެސްޓްރާޒެނެކާގެ ވެކްސިން ޑޯޒްތައް އުފައްދާ ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި)އިން މިހާރު ވަނީ އެ ވެކްސިންއާ ގުޅިގެން ހިއްސާ ކުރަން ޖެހޭ ހުރިހާ މައުލޫމާތެއް ސީޑީއެސްސީއޯއާ ހިއްސާކޮށްފައި ކަމަށް ރޮއިޓާސްގައިވެ އެވެ. އަދި އެ ވެކްސިންއާ ބެހޭ ގޮތުން އިންޑިއާގެ ހެލްތު އޮފިޝަލުން އިނގިރޭސި ހެލްތު އޮފިޝަލުންނާ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށާއި އަންނަ ހަފްތާގައި އެ ވެކްސިންއަށް ހުއްދަ ދޭނެ ކަމަށް ވަރަށް ބޮޑަށް ލަފާ ކުރެވޭ ކަމަށް ރޮއިޓާސްއާ ވާހަކަ ދެއްކި މީހުން ބުންޏެވެ.
އިންޑިއާއިން ވެކްސިން ގަތުމަށް އަދި އެއްވެސް ކުންފުންޏަކާ އެކު އެއްބަސްވުމެއް ހަދާފައި ނުވެ އެވެ. ނަމަވެސް އެސްއައިއައި އިން ވަނީ އެސްޓްރާޒެނެކާގެ ވެކްސިންގެ 50 މިލިއަން ޑޯޒް އުފައްދާފަ އެވެ. އަދި ޖުލައި މަސް އަންނަވާ އިރަށް 400 މިލިއަން ޑޯޒް އުފައްދަން ނިންމާފަ އެވެ.
އެސްޓްރާޒެނެކާ އާއި އޮކްސްފޯޑުގެ ވެކްސިންއަކީ އަގު ހެޔޮ، އެއް ތަނުން އަނެއް ތަނަށް ގެންދަން ފަސޭހަ އަދި އާދައިގެ ފްރިޖުގެ ފިނިހޫނުމިނުގައި ދިގު މުއްދަތަކަށް ރައްކާ ކުރެވޭ ވެކްސިންއެއް ކަމުން އެއީ ކުޑަ އާމްދަނީ އެއް ލިބޭ، ހޫނު ގައުމުތަކަށް ރަނގަޅު ވެކްސިންއެއް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.
އެސްޓްރާޒެނެކާއިން އެ ވެކްސިންގެ އެންމެ ފަހު މަރުހަލާގެ ޓެސްޓުތަކުގެ ނަތީޖާ މި މަހު އާއްމު ކުރި އިރު އެ ވެކްސިންގެ ޑޯޒްތައް ދެގޮތަކަށް ދީފައިވާކަން ހާމަ ކުރި އެވެ.
އެގޮތުން ޓެސްޓުގެ ބައިވެރިންނަށް ދެ "ފުލް" ޑޯޒް ދިނުމުން 62 ޕަސެންޓު މީހުން ބަލިން ރައްކާތެރިވި އިރު، ދެބައިކުޅަ އެއްބައި ޑޯޒް ފުރަތަމަ ދިނުމަށް ފަހު ދެން ފުލް ޑޯޒްއެއް ދިނުމުން ރައްކާތެރިކަން 90 ޕަސެންޓަށް އަރަ އެވެ. އޭގެ ތެރެއިން ދެވަނަ ގޮތަށް ޑޯޒްތައް ދެވުނީ ފުރަތަމަ އޮޅުމަކުން ކަމަށާއި ނަމަވެސް ފަހުން އެ ޓެސްޓުތައް ކުރިއަށްގެންދަން ނިންމީ ކަމަށް ސައިންސްވެރިން ބުންޏެވެ.
އެ ނަތީޖާ އާއްމު ކުރުމަށް ފަހު އެސްޓްރާޒެނެކާއިން ވަނީ ވެކްސިންގެ ޑޯޒްތަކާ ބެހޭ ގޮތުން އިތުރު ޓެސްޓުތައް ހަދާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް މިހާތަނަށް ލިބިފައިވާ ނަތީޖާއިން ވެކްސިން 70 ޕަސެންޓު ކާމިޔާބުކަން އެނގޭ ކަމަށް ބުނެފަ އެވެ.
ރޮއިޓާސްއަށް މައުލޫމާތު ދިން ފަރާތްތަކުން ބުނި ގޮތުގައި އަންނަ މަހު ކޮވިޑް ވެކްސިން ޕްރޮގްރާމް ފަށަން ރާވާފައިވާ އިންޑިއާއިން އެސްޓްރާޒެނެކާގެ ވެކްސިން ދޭނީ ދެ ފުލް ޑޯޒްދޭ ގޮތަށެވެ.
އިންޑިއާގައި މިހާތަނަށް 10 މިލިއަން މީހުންނަށް ކޮވިޑު ޖެހި، ބަލީގައި 146،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.