23 Dec 2020, 10:23
ސްޕޭސް އެކްސް އިން އެމެރިކާގެ ސްޕައި ސެޓްލައިޓެއް، ނޭޝަނަލް ރެކޯނެސެންސް އޮފީސް (އެންއާރުއޯ) އަށް އޯބިޓަށް ފޮނުވައިފިއެވެ.
ދާދި ފަހުން ދުނިޔޭގެ އޯބިޓަށް ދޫކޮށްލި ސެޓްލައިޓާއެކު ސްޕޭސް އެކްސް އިން މިއަހަރުގެ ތެރޭގައި އެކަނިވެސް ފޮނުވި ސެޓަލައިޓްތަކުގެ އަދަދު މިވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން ދާދި ފަހުން ދޫކޮށްލި ސްޕައި ސެޓްލައިޓް އަކީ މިއަހަރު އެކުންފުނީން ފޮނުވާލި 30 ވަނަ ސެޓްލައިޓެވެ.
އެ ސެޓްލައިޓް ފޮނުވާފައިވަނީ ނޭޝަނަލް އެރޮނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ)ގެ ކެނެޑީ ސްޕޭސް ސެންޓަރުންނެވެ.
ސްޕައ ސެޓްލައިޓް އޯބިޓަށް ގެންގޮސްފައިވަނީ ސްޕޭސް އެކްސްގެ ބޭނުންކޮށްފައިވާ ޓޫ ސްޓޭޖްގެ ފެލްކަން-9 ރޮކެޓެއްގައެވެ. އެ ސެޓްލައިޓް ގެންދިޔުމުގެ ޕްރޮޖެކްޓަށް ސަރުކާރުން ކިޔަނީ އެންރޯލް-108 އެވެ.
އެންއާރުއޯ އޮފީހަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ސެޓްލައިޓް ފޮނުވާލިއިރު އެ ސެޓްލައިޓްއަކީ ސްޕައި ސެޓްލައިޓެއް ކަމަށް މައުލޫމާތު ލިބެއެވެ. އެހެންނަމަވެސް ސްޕައި މިޝަން އާ ގުޅޭ އިތުރު އެއްވެސް މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ. އަދި އެ ސެޓްލައިޓް ފޮނުވިއިރު އެންއާރުއޯ އޮފީސްއަށް ބޭނުންވާ "ޓޮޕް ސީކްރެޓް" ކާގޯއެއްވެސް ވަނީ ފޮނުވާފައެވެ.
ސްޕޭސް އެކްސް މެދުވެރިކޮށް މީގެކުރީންވެސް ވަނީ ސްޕައި ސެޓްލައިޓެއް އޯބިޓަށް ފޮނުވާލާފައެވެ. އެގޮތުން 2017 ވަނަ އަހަރުގައި ވަނީ ސެޓްލައިޓެއް ފޮނުވާފައެވެ.