22 Dec 2020, 18:03
އިލެކްޝަންސް ކޮމިޝަނުން އުޅެނީ އެކި އެކި ބަހަނާތައް ދައްކައިގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ނުބާއްވަން ކަމަށާއި އެއީ ސަރުކާރުން ބޭނުންވެގެން ކުރާ ކަމެއް ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިއަދު "ސަން" އަށް ވިދާޅުވީ މިއަދު ބޭއްވި އިންތިޚާބާ ގުޅޭގޮތުން ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި، އިންތިޚާބު ބޭއްވިދާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ވިދާޅުވެފައިވާ ކަމަށެވެ.
"އެހެންވީމަ އޭގެން އެބައެނގޭ މި އިންތިޚާބު އަވަސް ތާރިޚެއްގައި ނުބޭއްވޭނެ ކަން. އެބޭފުޅުން ވިދާޅުވިކަމަށް ވަނީ ފަހަރެއްގައި ރޯދައިގެ ފަހަށް ވެސް އިންތިޚާބު ލަސްކުރަން ޖެހިދާނެއޭ. އެހެންވީމަ މި އިންތިޚާބު މިހެން ފަސްކުރަމުން ފަސްކުރަމުން ގޮސް މި ސަރުކާރު އޮތްހާ ދުވަހަކު އިންތިޚާބު ނުބޭއްވޭ ގޮތް ވެސް ދިމާވެދާނެ،" އަދުރޭ ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް "ސަން" އަށް ވިދާޅުވެފައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮއްވާ އިންތިހާބު ބޭއްވުމަކީ ދަތިކަމަކަށް ވާނެ ކަމަށެވެ.
އޭނާ ވިދާޅުވެފައި ވަނީ މިހާރު އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއިންވެސް ކެމްޕެއިނު ކުރުމަށާއި އިންތިހާބެއް ބާއްވަން ފުރިހަމަ ކުރުމަށް ގާނޫނު ލާޒިމު ކުރާ ހުރިހާ ކަމެއް ކުރަން ޖާގަ ދޭނަމަ އިންތިޚާބު ބޭއްވިދާނެ ކަމަށެވެ.
އެގޮތުން އެންމެ ލަސްވެގެން ފަހެއް ޖެނުއަރީގެ ކުރިން އިންތިހާބުގެ ކަންކަން ކުރިއަށް ގެންދެވިދާނެ ކަމަށް ކަމާބެހެ މުއައްސަސާއިން އިއުލާނު ކުރުމުން ނޫނީ މާޗް މަހުގެ ހަ ވަނަ ދުވަހު އިންތިޚާބު ނުބޭއްވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭގެފަހުން ޓީވީ ޕްރޮގްރާމެއްގައި ޝަރީފް ވިދާޅުވެފައި ވަނީ މާޗް 13 ވަނަ ދުވަހަށް އިންތިޚާބު ފަސްކުރަން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
ކައުންސިލު އިންތިޚާބު ބާއްވަން ދިމާވާ އަނެއް މައްސަލައަކީ އިންތިހާބަށް ހަރަދުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ބަޖެޓުން 19 މިލިއަން މަޖިލީހުން ބަޖެޓް ފާސްކުރި އިރު ކަނޑާލާފައި އޮތުން ކަމަށް ޝަރީފް ވިދާޅުވިއެވެ. މިހާރު އިންތިހާބު ބާއްވަން ދީފައިވަނީ 51 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ޝަރީފް ވިދާޅުވެފައި ވަނީ އިތުރަށް ބޭނުންވާ ބަޖެޓް ދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް އެ ފައިސާ އިލެކްޝަންސް ކޮމިޝަނަށް ދީފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާފައިވާ އަދުރޭ ވިދާޅުވީ ކޮވިޑްގެ ހާލަތު މިއަށްވުރެ ނުރައްކާތެރިކޮށް އޮތް ގައުމުތަކުގައި ވެސް އިންތިޚާބުތައް ބާއްވާފައިވާއިރު، ރާއްޖޭގައި އިންތިޚާބު ނުބޭއްވެންވީ ސަބަބެއް ނެތް ކަމަށެވެ.
"މި ހާލަތުގައި އިންތިޚާބެއް ބާއްވަން އެންމެ ފަސޭހައީ މި ރާއްޖޭގައި. އެއީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ގައުމެއް ރާއްޖެ އަކީ. މިރާއްޖޭގެ ގިނަ ތަންތާ ކޮވިޑެއް ނެތް. ހަމައެކަނި މާލޭގަ އޮތީ. މާލެގަ ނިސްބަތުން މިހާރު މިވަނީ މަދުވެފައި،" އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިންތިޚާބު ބާއްވަން ބޭނުންވާ ބަޖެޓް ސަރުކާރުން އިލެކްޝަންސް ކޮމިޝަށް ނުދެނީ ފައިސާ ނެތިގެން ނޫން ކަމަށާއި ސަރުކާރުން އިންތިޚާބު ބާއްވަން ބޭނުންނުވާތީ ކަމަށެވެ.
އިންތިޚާބު ނުބާއްވަން އުޅޭ މައިގަނޑު ސަބަބަކީ އިންތިޚާބެއް ބާއްވައިފިނަމަ އެމްޑީޕީ ބަލިވާނެކަން އެނގޭތީ ކަމަށް އަދުރޭ ވިދާޅުވިއެވެ.
"ސަރުކާރަށް އެނގޭ މިވަގުތު އިންތިޚާބެއް ބާއްވައިފިއްޔާ އެމީހުން [އެމްޑީޕީ] ބަލިވާނެކަން. ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު ކުރެވުނު ކަމެއް ނެތް. ރައްޔިތުން ބަނޑަށް ޖެހިއްޖެ. އިގްތިސޯދު އަނދަވަޅަކަށް ވެއްޓިއްޖެ،" އަދުރޭ ވިދާޅުވިއެވެ.