ފަހަތުން އަރައި މާޒިޔާ ކަހަލަ ޓީމެއް ކޮޅަށް ތިން ގޯލު ޖަހައިގެން މިފަހަރުގެ ޗެރިޓީ ޝީލްޑް އުފުލާލުމަކީ އީގަލްސްއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. އަދި އެ ކާމިޔާބީގައި ހިފައިގެން މިފަހަރުގެ ލީގުގައި ވެސް އެ ފޯމު ދަމަހައްޓައި، ކުރީ ސީޒަނުގައި ވެސް ދެއްކި ޑޮމިނޭޓް ކުޅުން ތަކުރާރު ކުރާނެ ކަމަށް ގިނަބަޔަކު ގަބޫލު ކުރި އެވެ. އެހެން ނަމަވެސް އީގަލްސްއިން ލީގުގެ ފުރަތަމަ ދެ ހަފުތާ ނިންމާލީ ދެ ބައްޔާއެކު ތާވަލުގެ އެންމެ ފަހަތު ބަރިންނެވެ.

މީގެ ހަތްވަރަކަށް އަހަރު ކުރިއަށް ޖެހިލައި އިރު އީގަލްސް އަކީ ދިވެހި ފުޓުބޯޅައިގައި އައުކޮށް އޮތް ނަމަކަށް ވިޔަސް، އެމީހުން ބަދަލުނުކުރި ފިލޯސޮފީއެއްގައި މުއްކަވައިގެން ތިބެ އެ ޓީމަކީ މިވަގުތު ރާއްޖޭގެ ފުޓުބޯޅައިގެ ގަދަބާރެކެވެ. ތަށްޓަށް ވާދަޖަހައިގެން ލީގާއި ކުރިމަތިލާ ޓީމުތަކުގައި ހިމެނޭ އީގަލްސްގެ ކާމިޔާބީގެ އަސްލަކީ އެ ޓީމުން ވޭތުވެ އަހަރުތަކުގައި ގެންގުޅުނު މޮޅު އުކުޅެކެވެ. އެއީ ރާއްޖޭގެ ގިނަ ކުލަބުތަކަކަށް މިހާތަނަށް ދަސްވެފައި ނެތް އުކުޅެކޭ ވެސް ބުނެވިދާނެ އެވެ. އެ އަސްލަކީ ބޮޑު ޙަރަދުކޮށްގެން ކުޅުންތެރިން ގަތުމުގެ ބަދަލުގައި އީގަލްސް އަކީ ކުޅުންތެރިން އުފައްދާ ކުލަބެކެވެ.

އީގަލްސްއާއި ޓީސީ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗުން ޓީސީ މޮޅުވީ 0-2 ގެ ނަތީޖާއަކުން ---- ފޮޓޯ//އެފްއޭއެމް

ކުރީ ސީޒަނުގައި އީގަލްސްއަށް ލީގުން މޮޅު ނުވެ ދިޔައީ އެންމެ ދެ މެޗެވެ. އެ ކާމިޔާބާ އެކު އެ ޓީމުން ވަނީ ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕަށް ވެސް ކޮލިފައިވެ، ރާއްޖޭގެ އަސްކަނިން ބޭރުގައި ކުޅުމުގެ ފުރުސަތު ލިބިފަ އެވެ. އަދި އެއާ އެކު އޭރު އެއޮތް ޓީމާ އެކު ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) މި ސީޒަނަށް ތައްޔާރުވީ ބޮޑެތި އުންމީދުތަކަކާ އެކު އެވެ. އެހެން ނަމަވެސް އީގަލްސްގެ ސީޒަން މިހާރު އޮތީ ގޯސްވެ، އަލުން ކޮޅަށް ޖަހަން ޖެހޭ ހިސާބުގަ އެވެ.

ފުރަތަމަ މެޗުގައި މިފަހަރު އަލަށް ކޮލިފައިވި ސުޕަ ޔުނައިޓެޑް އަތުން އީގަލްސް ބަލިވި އިރު، ދެވަނަ މެޗުގައި މިފަހަރު ސްކޮޑަށް ބަލާއިރު، އެންމެ ތަޖުރިބާ މަދުކަމަށް ފެންނަ ޓީސީ އަތުން ބަލިވީ 0-2 އިން އެ ޓީމު އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދަނިކޮށެވެ.

މޯހަން ބުނީ، ނަތީޖާ ގޯސްވެގެން އުޅޭ އެންމެ ބޮޑު ސަބަބަކީ ޓީމުގެ އިންޖަރީ ލިސްޓް ދިގުވުމެވެ. ހާއްސަކޮށް މިދިޔަ ސީޒަނުގައި 38 ގޯލު ޖެހި އަހުމަދު ރިޒުވާން (ރިޒޭ) މި ފަހަރުގެ ސީޒަން ހުޅުވަން ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗަށްފަހު އަނިޔާވުމަކީ ޓީމަށް ބޮޑެތި އަސަރުތަކެއް ކުރުވި ކަމެއް ކަމަށް މޯހަން ވަނީ ބުނެފަ އެވެ.

"ރިޒޭ ނެތުމުން މުޅި ޓީމުން މޮޓިވޭޝަން ވެސް ދަށް ކޮށް ފެންނަ ކަހަލަ ގޮތަކަށް މެޗު ތެރެއިން މި ފާހަގަވެގެންދަނީ. ރިޒޭ ނެތްތަން ވަރަށް ބޮޑަށް ޓީމުގެ ތެރެއިން އެބަ ފެނޭ. ގޯލު ޖަހާނެ ކުޅުންތެރިއެއް ނެތިގެން މިދަނީ. ދަށްކޮށް ދިޔަ ނަމަވެސް ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބައިވަރު ފުރުސަތުތަކެއް ބޭނުން ނުކުރެވި މިދަނީ،" މޯހަން ބުންޏެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) --- ފޮޓޯ//އެފްއޭއެމް

މޯހަން ބުނީ މެޗުތަކުން ބަލިވިކަމުގައި ވިޔަސް އީގަލްސްއަށް ލަނޑު ޖަހާނެ ފަހި ގިނަ ފުރުސަތުތަކެއް ލިބިގެން ދިޔަ ކަމަށެވެ. އެހެން ނަމަވެސް އެ ފުރުސަތުތައް ގޯލަށް ބަދަލު ނުކުރެވުމުގެ ސަބަބުން މެޗުތަކުން ބަލިވެ ޕްރެޝަރު ބޮޑުވީ ކަމަށެވެ. އަދި 10 ނޫނީ 15 ވަރަކަށް ދުވަސް ފަހުން ރިޒޭގެ އިތުރު ޓެސްޓްތަކެއް ހަދާނެ ކަމަށާއި ދަނޑަށް އެނބުރި އާދެވޭނެ ދުވަހެއް ބުނަން އެނގޭނީ އޭގެ ފަހުން ކަމަށް މޯހަން ވަނީ ބުނެފަ އެވެ.

ރިޒޭގެ އިތުރުންވެސް އެ ޓީމުގައި އަނިޔާގެ ގިނަ މައްސަލަތަކެއް އެބަހުއްޓެވެ އެގޮތުން އެ ޓީމުގެ ހަސަން ރާއިފް އަޙްމަދު (ހަންނަ) އާއި އަޙްމަދު ނޫމާން (ހެލްމެޓް) ވެސް ތިބީ އަނިޔާގައި ކަމަށް އީގަލްސްއިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ކުޅުންތެރިންގެ އަނިޔާއިން އަރައިގަތުމަށް އެކަށީގެންވާ ގޮތެއްގައި ރިކަވަރީ ހެދޭނެ ކުލަބެއް ރާއްޖޭގައި އޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް މޯހަން ބުންޏެވެ. އައިސް ބާތު ނެގޭނެ އިންތިޒާމުތައް މިހާރު ހަމަޖެހިފައި ހުރިކަން ފާހަގަ ކުރަމުން، މޯހަން ބުނީ ގަވާއިދުން އެކަން ކުރަން ބަލާއިރު ކުލަބުތަކުގެ މާލީ ހާލަތު އެންމެ އެކަށީގެންވާ ވަރަކަށް ތަން ނުދޭ ކަމަށް މޯހަން ބުންޏެވެ.

އީގަލްސްއާއި ސަސް ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗުން ސަސް މޮޅުވީ 0-1 އިން --- ފޮޓޯ//އެފްއޭއެމް

"އަޅުގަނޑަކަށް ގަބޫލު ނުކުރެވޭ އަޅުގަނޑުމެންގެ އޮތް ހެނެއް ރިކަވަރީ ކުރެވޭނެ ރަނގަޅު އިންތިޒާމެއް އޮތް ކުލަބެއް ވަކި އަޅުގަނޑުމެން ކުލަބެއް ނޫން އަޅުގަނޑަށް ހީވަނީ ހުރިހާ ކުލަބކަށްވެސް އޭގެ ދަތިތައް އެބަހުރިހެން. އައިސްއަށް އެރެވެން މިހާރު އެބަ ހުރި. އެވެސް ގަވާއިދުން ކުރެވޭ ވަރަށް ވުރެ ތަން ކޮޅެއް އުނދަގޫ ކޮށް އުޅެނީ ހަގީގަތުގައި ފައިނޭންޝިއަލީ ބަލާއިރު ހަރަދުތަކަށް ބަލާއިރު އެއީ އެހާއެހާ ފަސޭހަ ކަމަކަށް ނުވޭ."

އަނިޔާގެ އިތުރުން ކުޅުންތެރިންގެ މިސްޓޭކްތައް ވެސް މެޗުތަކުގައި ގިނަަކަން މޯހަން ވަނީ ފާހަގަ ކޮށްފަ އެވެ. އެގޮތުން ކޮންމެ މެޗެއްގެ ކުރީކޮޅު ބައިކޮޅަށް ގޯލު ވަނުމަކީ މެޗުން މޮޅުވާން އެޅޭ ބޮޑު ހުރަހެއްކަން މޯހަން ވަނީ ފާހަގަ ކޮށްފަ އެވެ.

"ކުޅުންތެރިންނަށް ޓެކްނިކަލީ ވެސް ހެދޭ މިސްޓޭކް ގިނަކޮށް މި ފެންނަނީ. ދެން ބައިކޮޅަށް ކޮންމެ ދުވަހަކު 10 ވަރަަކަށް 15 ވަރަކަށް މިނިޓް ތެރޭގައި ލަނޑު ވަންނަތަން މި ފެންނަނީ. މިކަންކަން ރަނގަޅު ނުކުރެވި ނުވާނެ. ކޮންސެންޓްރޭޝަން ދަށްކަމަށް ބޮޑަށް ފާހަގަކުރެވެނީ. ދެން މަޑުމަޑުން ފެށުމުގެ ކަންތައް މި އުޅެނީ،" މޯހަން ބުންޏެވެ.