26 Jan 2012, 09:31
ގާނޫނު އަސާސީގެ 24 ވަނަ މާއްދާ ބުނާގޮތުން ކޮންމެ މީހެއްގެ ޒާތީ، އާއިލީ ދިރިއުޅުމާއި، ގޯތި ގެދޮރާއި އަނެކުންނާއި ކުރާ ޒާތީ މުއާސަލާތުތަކަކީ ހުރުމަތްތެރި ވެގެންވާ ކަންކަމާއި ތަންތަނެވެ. ކޮންމެ މީހަކު ވެސް އަނެއް މީހާގެ އެ ހައްގަށް ހުރުމަތް ތެރިކޮށް ހިތަންޖެހެ އެވެ. ނަމަވެސް މިހާރުގެ ހާލަތަށް ބަލާ އިރު މުޖުތަމައުގައި މި ހައްގަށް ހުރުމަތްތެރިކޮށް ހިތަނީ ކިހާވަރަކަށްތޯ ސުވާލު އުފެދެ އެވެ.
ބިއްލޫރި ދޮރުތައް ދަގަނޑަށް ބަދަލު ކުރަންޖެހިފައިވާ ހިސާބަށް ހާލަތު ގޮސްފައިވާ އިރު ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދޭ ދިރިހުރުމުގެ ހައްގާ ދޭތެރޭ ވެސް މިއަދު މިވަނީ ސުވާލު އުފެދޭ ހިސާބަށް ގޮސްފަ އެވެ.
އުފެދިފައިވާ ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައި ކޮންމެ ރެއަކީ ގޭގެއާއި އޮފީސްތަކުގެ ބިއްލޫރިތައް ފުނޑުކުރާ ރެއަކަށް ވަނީ ވެފަ އެވެ. ކޮންމެވެސް ގެއެއްގެ ނުވަތަ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންތައް ދަނީ ދެމުންނެވެ. ގޯތި ގެދޮރަށާއި މުދަލަށް ގެއްލުންދޭން ފެށުން މިއީ ވަރަށް ގިނަ ބަޔަކު ކަންބޮޑުވެ ބިރުގެންފައިވާ މައްސަލަ އެކެވެ.
ބަޔަކު ގާނޫނާ ޚިލާފަށް ކަމެއް ކޮށްގެން ވިޔަސް އަދި ބަޔަކު އެބައެއްގެ ސިޔާސީ ފިކުރު ހާމަކުރި ނަމަވެސް އެކަމުގެ ބަދަލަށް މުދަލަށާއި ގޯތިގެދޮރަށް އަރައިގަނެ ގެއްލުންދީއެއް ނުހެދޭނެ އެވެ. ގާނޫނު އެގޮތަކަށް ތަނެއް ނުދެ އެވެ.
މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު އަނިލް ވިދާޅުވީ މިވަގުތު ރާއްޖޭގައި ހިނގަމުންދާ އެފަދަ ކަންކަން ހިނގަމުން މިދަނީ ގާނޫނަށް ބޯލަނބަން ޖެހޭ ފަރާތްތަކުން ގާނޫނަށް ބޯ ލެނބުން ހުއްޓާލާފައިވުމުން ކަމަށެވެ.
"ސަރުކާރުން ވެސް ކަމާ ބެހޭ ފަރާތްތަކުން ވެސް އިދިކޮޅު ފަރާތްތަކުން ވެސް ވިސްނަން އެބަޖެހޭ މިކަން ފެށިގެން މިއުޅެނީ ކީއްވެގެން ކަމާއި މިކަން ހައްލު ކުރަން. ބަޔަކު ގާނޫނާޚިލާފު ކަންކަން ކުރާތީ ހުރިހާ ކަމެއް ވެސް ގޯސްވެގެން މިދަނީ،" އަނިލް ވިދާޅުވި އެވެ.
މިދިޔަ ދުވަސްތަކުގައި ގޯތި ގެދޮރަށާއި މީހުންގެ މުދަލަށް ގެއްލުން ދިން ހާދިސާތަކުގެ ހަބަރުތަކަށް އާންމުން ވަރަށް ގިނަ ކޮމެންޓްކޮށްފައިވެ އެވެ. އޭގެ ތެރެއިން ބައެއް ކޮމެންޓްތަކުގައި މިކަން އަވަސް ގޮތަކަށް ސަރުކާރުން ހައްލު ނުކޮށްފި ނަމަ މުޅި ގައުމުގައި ލޭ އޮހުރުވުން ފެށިދާނެ ކަމަށް އާންމުން ހިޔާލުފާޅުކޮށް އަދި އިންޒާރު ވެސް ކޮށްފައި ހުއްޓެވެ.
"އަޅުގަނޑުމެންގެ ގެއަށް ހަމަލައެއް އަރައިފި ނަމަ އަޅުގަނޑަށް ވެސް ބަލަން ނުހުރެވޭނެ ވާހަކަ ހިތާމަޔާ އެކު ދަންނަވަމެވެ،" ކޮމެންޓެއްގައި ބުނެ އެވެ.
އަދިވެސް އިތުރު ކިޔުންތެރިޔަކު ޚިޔާލުފާޅުކޮށްފައި ވެ އެވެ: "ކޮން ޤާނޫނަކުންބާ ނުވަތަ އިންސާނީ ކޮން އުސޭލެއްތޯ ހުއްދަކުރަނީ ދައުލަތާއި އާންމުންގެ މުދަލާއި ގެދޮރަށް ހަމަލާދީ ގެއްލުން ދިނުމަށް. މުޒާހަރާތައް ފެށި ރޭ ވެސް ފެން ފޯއް ރުށްތައް ކަނޑާ މީހުންގެ ގޯތި ގެދޮރަށް ދިން ޙަމަލާތައް ފާހަގަކޮށްލެވޭ،"
މިދިޔަ ދުވަސްތަކުގައި ގޭގެއަށް ވަދެގަނެ ބޮޑެތި ގެއްލުންދީ ހަދާފައިދާ އިރު އަދި މަގުތަކުގައި ހުރި ރުއްތަކާއި ގަސްތައް ބިނދެ ބިމާ ހަމަކޮށްފައިވާ އިރު މާ ބޮޑު ފިޔަވަޅުތަކެއް މިހާތަނަށް ވެސް އަޅާފައިވާތަނެއް ނުފެނެ އެވެ.
މަގުމަތީގެ ރައްކާތެރިކަން ގެއްލިފައިވާ އިރު މިހާރު މިވަނީ އަމިއްލަ ގެދޮރުގެ ރައްކާތެރިކަން ގެއްލިފަ އެވެ. ގޯތި ގެދޮރަށާއި މުދަލަށް އަރައިގަތުން ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓް ކޮށްލުން ނޫން ކަމެއް ނުކުރެވޭ ހާލަތަށް ގޮސްފަ އެވެ.
އުފެދިފައިވާ ހަލަބޮލި ކަމުގައި ފެށި މުޒާހަރާތަކުގެ ތެރެއިން މަޒުކަޒީ ބޭންކުގެ ބިއްލޫރިތައް ތަޅާލައި މާރުކޭޓްތަކަށާއި މަގުމަތީގައި ހުރި ރުއް ގަހަށާއި ތަކެއްޗަށް ވަނީ ބޮޑެ ގެއްލުން ދީފަ އެވެ. ވަޒީރެއްގެ ގެއަށް ވަދެގަނެ ގެއްލުން ދިނެވެ. ބައެއް ބޭފުޅުންގެ ގޭގޭ ކައިރިއަށް ޖަމާވެ ގެއްލުންދޭން މަސައްކަތް ކުރި އެވެ. މިހިރީ ބޮޑެތި މައްސަލަތަކެވެ. ބޮޑެތި ގެއްލުމެވެ.
ވޭތުވެދިޔަ ދެތިން ރެއަށް އެކަނި ބަލައިލި ނަމަވެސް މާލޭގެ ދެ ގެއަކަށް ވަދެގަނެ ބިއްލޫރިތައް ތަޅާލާއި ބައެއް އެހެން އެއްޗެއްސަށް ގެއްލުން ދިނެވެ. މާލޭ ސިޓީ ކައުންސިލުގެ ބައެއް ވެހިކަލްތަކާއި މާލޭގެ މަގުމަތީގައިވާ ގަސްތަކާއި ރުއްތަކަށް ގެއްލުން ދިނެވެ. ސިޔާސީ ޕާޓީތަކުގެ ތަންތަނަށް ގެއްލުން ދިނެވެ. ފުލުހުންގެ ހަ ވެހިކަލެއްގެ ބިއްލޫރިގަނޑު ތަޅައިލި އެވެ. ވަކިވަކިން މަގުމަތިން މީހުންނަށް ބިރު ދައްކާ ގަޔަށް އަތްލައި ހަދާފައި ވެއެވެ. ހޮޓަލަކާއި ފިހާރައަކާއި ޓީވީ ސްޓޭޝަނެއްގެ ބިއްލޫރިތައް ފުނޑުފުނޑު ކޮށްލި އެވެ. އަދި ސަރުކާރު އޮފީހެއްގެ ބިއްލޫރިތައް ވެސް ތަޅައިލި އެވެ.
މިދިޔަ އަހަރު ތެރޭ ވަނީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ ބައެއް ދޮރުތަކުގެ ބިއްލޫރިތައް ވެސް ތަފާތު އެކި ފަހަރުމަތިން ތަޅައިލި އެވެ. އަދި ބައެއް މިނިސްޓަރުންގެ ކާރުކޮޅުގެ ބިއްލޫރިތައް ވެސް އެކި ފަހަރުމަތިން ތަޅައި ގެއްލުންދިނެވެ.
ކޮންމެ ބަޔަކު ކުރި ނަމަވެސް މިއީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ވެސް ލިބިދީފައިވާ ހައްގަކަށް އަރައިގަތުމެވެ. މިކަމަށް އަވަސް ހައްލެއް ނައިސް ކުރިއަށްދާ ނަމަ ގޭގެއަށް ވަދެގަނެ ބިއްލޫރިތައް ފުނޑުން ގިނަވާނެތީ ކަންބޮޑުވާ މީހުން ބައިވަރެވެ.
ހުރިހާ ވެސް ހައްލަކީ ފުރަތަމަ ގާނޫނު ތަންފީޒު ކުރާ ފަރާތްތަކުން ފުރަތަމަ ގާނޫނަށް ބޯލެނބުމެވެ. އެހެން ނޫނީ އާންމުން ގާނޫނު އަތަށް ނަގައިފި ނަމަ ދެންވާނެ ގޮތެއްގެ ޒިންމާ ނަންގާނީ ކާކުތޯ އެވެ؟