ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާ ކަސްޓަމްސަށް ރިޕޯޓްކުރަންޖެހޭ އަދަދަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބަދަލު ގެނެސްފި އެވެ

މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގައި ކުރިން ބުނެފައި ވަނީ، ރާއްޖެއަށް އެތެރެކުރާ ނުވަތަ ރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާ، މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ރިޕޯޓްކުރަންޖެހޭ އަދަދަކީ 30،000 ޑޮލަރަށް ވުރެ އިތުރުވާނަމަ ކަމަށެވެ.

ނަމަވެސް މިދިޔަ އަހަރު އެ ގަވާއިދު އިސްލާހުކޮށް، އެ އަދަދު ވަނީ 20،000 ޑޮލަރަށް ދައްކޮށްފައެވެ.

މިއަދު އެ ގަވާއިދަށް ގެނައި އިސްލާހުގައި، ކަސްޓަމްސް އަށް ފައިސާ ރިޕޯޓުކުރަން ޖެހޭ އަދަދު ވަނީ 10،000 ޑޮލަރު ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ އެމެރިކާ ޑޮލަރު، ނުވަތަ އެ އަދަދަށްވާ ނުވަތަ މި އަދަދަށްވުރެ މަތީ އަދަދަކަށްވާ ދިވެހި ރުފިޔާ ނުވަތަ ބޭރު ފައިސާ އަށް ބަދަލުކޮށްފައެވެ.

އެ ގަވާއިދަށް އަމަލުކުރަން ފަށާނީ، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ކަމަށް ބުނެފައިވެއެވެ.