22 Dec 2020, 16:53
ވޮޝިންޓަން (ޑިސެމްބަރު 22) : ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާންގެ މައްޗަށް އެމެރިކާގެ އެއްވެސް ކޯޓެއްގައި ދައުވާ ނުކުރެވޭގޮތަށް އޭނާއަށް ޑިޕްލޮމެޓިކް ޚާއްސަ އިމިއުނިޓީއެއް (އިމްތިޔާޒްތަކެއް) ދިނުމަށް ސައޫދީ ސަރުކާރުން ރަސްމީ ސިފައެއްގައި އެމެރިކާ ސަރުކާރުގައި އެދިފި ކަމަށް އެމެރިކާގެ މަޝްހޫރު ނޫހެއް ކަމަށްވާ "ވޮޝިންޓަން ޕޯސްޓް" ބުނެފިއެވެ.
ސައޫދީ ސަރުކާރުން މިކަމަށް އެދިފައިވަނީ ގައުމުން ބޭރުގައި ދިރިއުޅުއްވާ ސައޫދީ ކުރީގެ މަސްއޫލުވެރިއެއް ކަމަށްވާ ޑރ. ސައްދުލްޖަބްރީ އަވަހާރަކޮށްލުމަށް މުހައްމަދު ބިން ސަލްމާން ރާއްވަވައި ބަޔަކު ލައްވައި އެކަން ތަންފީޒު ކުރުމުގެ މަސައްކަތް ކުރިކަމުގެ ތުހުމަތު މުހައްމަދު ބިންސަލްމާނަށް ކުރެވޭ މައްސަލަ އެމެރިކާގެ ކޯޓަކަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ. މިމައްސަލަ އެމެރިކާގެ ކޯޓަށް ހުށަހެޅީ ސައްދުލްޖަބްރީ އަވަހާރަކޮށްލުމަށް ފުރަތަމަ މަސައްކަތް ކޮށްފައިވަނީ އެމެރިކާގައި ކަމަށްވާތީ އާއި މިކަން ސާބިތުކުރެވޭވަރުގެ ހެކި ހުރުމުން ކަމަށް ސައްދުލްޖަބްރީ ގެ ވަކީލުން ބުނެއެވެ.

ޑރ. ސައްދުލްޖަބްރީ
ޖަބްރީ މިހާރު ދިރިއުޅުއްވަނީ ކެނެޑާގައި ކަމަށްވިޔަސް އޭނާ އަވަހާރަކޮށްލުމަށް އެންމެ ފުރަތަމަ މަސައްކަތްކުރިއިރު އޭނާ ދިރިއުޅުއްވީ އެމެރިކާގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ޖަބްރީގެ ދިރިއުޅުއްވުން ކެނެޑާއަށް ބަދަލުކުރީވެސް އޭނާ އެމެރިކާގައި ހުރުމުން ރައްކާތެރިކަން ކުޑަވުމުގެ ސަބަބުންނާއި އޭނާ އަވަހާރަކޮށްލުމުގެ ކަންތައް ތަންފީޒުކުރަން ސައޫދީ އެޖެންޓުންނަށް އެމެރިކާގައި ފަސޭހަވާނެކަމުގެ ބިރު އޮތުމާ ގުޅިގެންކަމަށް ޖަބްރީއާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ. ކެނެޑާއަށް ބަދަލުވުމަށްފަހުވެސް ޖަބްރީ އަވަހާރަކޮށްލަން މުހައްމަދު ބިން ސަލްމާން ޓީމެއް ފޮނުވަން މަސައްކަތްކުރިކަމަށް ޖަބްރީ ތުހުމަތު ކުރައްވައެވެ.
މުހައްމަދު ބިންސަލްމާންއަކީ ސައޫދީ ސަރުކާރުގައި މަގާމުގެ ގޮތުން ދެވަނައަށް އެންމެ އިސް ޝަޚްސިއްޔަތު ކަމަށްވިޔަސް މީހުން މެރުންފަދަ ޖިނާއީ ކަންކަމުގައި ވަކިމީހަކު ހިމާޔަތްކުރުމަށްޓަކައި ޑިޕްލޮމެޓިކް އިމިއުނިޓީ ދިނުން އެމެރިކާގައި ނޯންނަކަމަށް ގާނޫނީ ތަޖްރިބާކާރުންނާ ހަވާލާދީ "ވޮޝިންޓަން ޕޯސްޓް" ބުނެއެވެ.
ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވިފައިވާ މީހެއްގެ މައްޗަށް އެމެރިކާގެ ކޯޓެއްގައި ދައުވާ އުފުލުމުން އެމެރިކާގެ އެއްވެސް ކޯޓެއްގައި އޭނާގެ ދައުވާ ނުކުރެވޭގޮތަށް ޑިޕްލޮމެޓިކް ޚާއްސަ އިމިއުނިޓީއެއް އެމީހަކަށް ދިނުމަކީ އެމެރިކާ ސަރުކާރަށް ކުރެވިދާނެ ކަމެއްކަމާމެދު ގާނޫނާބެހޭ އެތަށް ފަރާތްތަކުންވަނީ ސުވާލު އުފައްދާފައެވެ. ސައޫދީ ޖާސޫސީ އިދާރާގެ ވަރަށް މަތީ މަގާމެއްގައި ކުރިން މަސައްކަތް ކުރައްވާފައިވާ ޑރ. ސަޢްދުލްޖަބްރީއަކީ މުހައްމަދު ބިންސަލްމާންއާ ގުޅޭ ސިއްރުތަކެއް އެނގޭ ބޭފުޅެއްކަމަށް ރިޕޯޓްތައް ބުނެއެވެ.
ތުރުކީގައި ދިރިއުޅުއްވަމުން ގެންދެވި ސައޫދީ ސަރުކާރާ އިދިކޮޅު ލިޔުންތެރިއެއް ކަމަށްވާ ޖަމާލްއަލްޚާޝުގްޖީ އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓްގައި ވަރަށް އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލާފައިވަނީ އެޖަރީމާ ހިންގުމަށް ސައޫދީން ޚާއްސަ ޓީމެއް ސާމާނާއެކު އިސްތަންބޫލްއަށް އައިސްގެންކަން ތަހްގީގްތަކަށްވަނީ ސާބިތުވެފައެވެ. މި ޖަރީމާގެ ފަހަތުގައިވާ ކަމުގެ ތުހުމަތުވެސް ކުރެވިފައިވަނީ ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާންގެ މައްޗަށެވެ. މިޖަރީމާއާ ގުޅިގެން ސައޫދީއާއި ތުރުކީގެ ގުޅުންތަކަށްވަނީ ބުރޫއަރާފައެވެ. (ނޫސްއެޖެންސީތައް)