22 Dec 2020, 16:53
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ އިމާރާތްތަކުގައި ވިޔަފާރި ހިންގަން ދޫކުރާ ޖާގަތަކުން ނަގަން ނިންމާފައިވާ ކުލި ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު އާންމުކޮށްފި އެވެ.
ހިޔާ ފްލެޓުތަކުގެ ގްރައުންޑް ފްލޯއިން އެންމެ ފުރަތަމަ ދޫކުރަން ނިންމާފައި ވަނީ، ކްލިނިކް، ފާމަސީ، ސުޕަމާކެޓު، ގްރޮސަރީ ސްޓޯ އަދި ކެފެޓީރިއާއެއް ހިންގާނެ ޖާގަ އެވެ. މިއަދު އެޗްޑީސީއިން ނެރުނު އިއުލާނެއްގައި ވަނީ އެ ޖާގަތަކަށް ނަގާނެ ކުލީގެ އަދަދު ހާމަކޮށްފަ އެވެ.
ކްލިނިކެއް ހިންގުމަށް ދޫކުރަން ނިންމާފައި ވަނީ 2196.91 އަކަފޫޓުގެ ޖާގައެކެވެ. އެތަނަށް ފުރަތަމަ ދެ އަހަރު ނަގަން ހަމަޖެހިފައި ވަނީ އަކަފޫޓަކަށް 15 ރުފިޔާ އެވެ. ތިން ވަނަ އަހަރުން ފެށިގެން ފަސް ވަނަ އަހަރާ ހަމައަށްވެސް އެ ތަނަށް ބިޑް ކުރެވޭނެ އެންމެ ކުޑަ އަގަކީ 15 ރުފިޔާ އެވެ.
ފާމަސީއެއް ހިންގުމަށް ދޫކުރަން ހަމަޖެހިފައި ވަނީ 542.35 އަކަފޫޓުގެ ތަނެކެވެ. އެތަން ހިންގާތާ ތިން ވަނަ އަހަރުން ފެށިގެން ފަސް ވަނަ އަހަރަށް ބިޑް ކުރެވޭނެ އެންމެ ކުޑަ އަގަކީ 30 ރުފިޔާ އެވެ.
ސުޕަމާކެޓް ހިންގުމަށްޓަކައި ދޫކުރަން އިއުލާނުކޮށްފައި ވަނީ 31،06.89 އަކަފޫޓުގެ ޔުނިޓަކާއި 3291.28 އަކަފޫޓުގެ ޔުނިޓެކެވެ. އެ ދެ ތަނުގެ ފުރަތަމަ ދެ އަހަރުގެ ކުއްޔަކީ އަކަފޫޓަކަށް 15 ރުފިޔާ އެވެ. ނަމަވެސް، ތިން ވަނަ އަހަރުން ފެށިގެން ފަސް ވަނަ އަހަރާ ހަމައަށް އެންމެ ކުޑަ އަގަކަށް ބިޑް ކުރެވޭނީ 30 ރުފިޔާ އެވެ.
ގްރޯސަރީއަށް 1096.52 އަކަފޫޓުގެ ތަނަކާއި 1093.40 އަކަފޫޓުގެ ތަނެއް ދޫކުރަން ނިންމާފައިވާއިރު، އެ ދެ ތަނުގެ ކުއްޔަކީ ފުރަތަމަ ދެ އަހަރު އަކަފޫޓަކަށް 15 ރުފިޔާ އެވެ. ތިން ވަނަ އަހަރުން ފެށިގެން ފަސް ވަނަ އަހަރާ ހަމައަށް އެންމެ ކުޑަ އަގަކަށް ބިޑް ކުރެވޭނީ 30 ރުފިޔާ އެވެ.
ކެފެޓީރިއާ ހިންގުމަށް ދޫކުރަން ނިންމާފައި ވަނީ 1085.86 އަކަފޫޓުގެ ޖާގައަކާއި 926.45 އަކަފޫޓުގެ ޖާގަ އެކެވެ. ކުއްޔަކީ ފުރަތަމަ ދެ އަހަރު އަކަފޫޓަކަށް 15 ރުފިޔާ އެވެ. އެ ދެ ޖާގައަށްވެސް ތިން ވަނަ އަހަރުން ފެށިގެން ފަސް ވަނަ އަހަރާ ހަމައަށް އެންމެ ކުޑަ އަގަކަށް ބިޑް ކުރެވޭނީ 30 ރުފިޔާ އެވެ.
ކްލިނިކާއި ފާމަސީއަށް ބިޑް ހުށަހަޅާ ފަރާތްތަކުން އަންނަ ޖެނުއަރީ 21ގެ ކުރިން ބިޑް ހުށަހެޅުމަށް ވަނީ ހުޅުވާލާފަ އެވެ. ގްރޯސަރީ އާއި ކެފެޓީރިއާގެ ޖާގަތަކަށް ބިޑް ހުށަހެޅުމުގެ މުއްދަތު ހަމަވާނީ 20 ޖެނުއަރީގަ އެވެ. ސުޕަމާކެޓުގެ ޖާގައަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ 19 ޖެނުއަރީގަ އެވެ.
ފުރަތަމަ ދެ އަހަރު ކޮންމެ ޔުނިޓަކުންވެސް އަކަފޫޓަކަށް 15 ރުފިޔާގެ ކުލި ނަގަނީ ކޮވިޑް-19އާ ގުޅިގެން ދިމާވެފައިވާ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށް އެޗްޑީސީއިން ބުންޏެވެ.