އެއްފަަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ރާއްޖެ އެތެރެކުރުން މަނާކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެސްފައިވާ އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އިމްޕޯޓް އެކްސްޕޯޓުގެ 18 ވަނަ ގާނޫނަށް ގެނައި އެ އިސްލާހަކީ އެ ގާނޫނުގެ ހަތް ވަނަ މާއްދާއަށް ގެނައި އިސްލާހެކެވެ. އެ އިސްލާހާ އެކު އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ އާންމު ކުރައްވާ ލިސްޓެއްގައި ހިމެނޭ ތަކެތި ރާއްޖެއަށް އެތެރެކުރުން މަނާކުރެވޭނެ އެވެ.

އެފަދަ ތަކެތީގެ ލިސްޓެއް އެކި ބައިބަޔަށް ބަހާލައިގެން ކަނޑައެޅުއްވުމުގެ އިހުތިޔާރު ވެސް ރައީސްއަށް ލިބެ އެވެ.

އެ ލިސްޓް އެކުލަވާލައި އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ކުރިން ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން ވެސް އެ އިސްލާހުން ލާޒިމް ކުރެ އެވެ. އެ ލިސްޓު ޝާއިއުކުރާއިރު، ލިސްޓުގައި ރައީސުލްޖުމްހޫރިއްޔާ ހިމަނުއްވާ ތަކެތި ބޭނުންކުރުން މަނާކުރާނެ ތާރީހެއް ކަނޑައަޅާފައި އޮންނަންވާނެ ކަމަށް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.

މި ބިލު ތަސްދީގުކޮށް މިއަދު ސަރުކާޜުގެ ގެޒެޓުގައި ޝާއިއު ކުރުމާއެކު ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓުގެ ގާނޫނަށް 17 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 12 ވަނަ މާއްދާ އުވުނީ އެވެ.

މި ބިލަކީ މިމަހުގެ ހަތްވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.