ކޮލަމްބޯ (ޑިސެމްބަރު 22): އިނގިރޭސިވިލާތުން ދަތުރު ކުރާ ފްލައިޓުތައް މާދަމާއިން ފެށިގެން ސްރީލަންކާގައި ޖެއްސުން މަނާ ވާނެ ކަމަށް ލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ)އިން ބުނެފި އެވެ.

ސީއޭއޭއިން ބުނި ގޮތުގައި އިނގިރޭސިވިލާތުން ދާ ފްލައިޓުތައް މަނާ ވާނީ މާދަމާ ދަންވަރު 2:00އިން ފެށިގެންނެވެ. އަދި އެ ފްލައިޓުތަކަށް ދެން އެގައުމުގައި ޖެއްސޭނެ ތާރީހެއް އިއުލާން ކުރާނީ ފަހުންނެވެ.

ސީއޭއޭއިން ބުނި ގޮތުގައި އެގައުމުން އެފަދައިން ނިންމާފައި ވަނީ އިނގިރޭސިވިލާތާއި ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައި ފެތުރެމުންދާ ކޮރޯނާވައިރަހުގެ އާ ސްޓްރެއިންގެ ސަބަބުންނެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ އެގައުމުން ފެނުނު ކޮރޯނާވައިރަސް ސްޓްރެއިން، އާއްމުކޮށް ފެންނަ ސްޓްރެއިންނަށް ވުރެ ހަލުވި ކަމާއެކު ފެތުރޭ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އާ ސްޓްރެއިންގެ ސަބަބުން ބަލީގައި މީހުން މަރުވުމުގެ ފުރުސަތު އިތުރުވާ ކަމުގެ ނުވަތަ އޭތި ވެކްސިންއަށް ނުގުޑާނެ ކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށް އެގައުމުގެ ޗީފް މެޑިކަލް އޮފިސާ ކްރިސް ވިޓީ ވިދާޅުވި އެވެ.

އެ ސްޓްރެއިންގެ ސަބަބުން އިނގިރޭސިވިލާތުގެ ދަތުރުތައް މަޑުޖައްސާލި 40އަށް ވުރެ ގިނަ ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނެ އެވެ. އަދި ސައުދީން ވަނީ ހަފްތާއެއް ވަންދެން އެގައުމުގެ ވަޔާއި ކަނޑާއި އެއްގަމުގެ ބޯޑަރުތައް ބަންދުކޮށްފަ އެވެ.