26 Jan 2012, 09:28
ބިންވަލީދު (ޖަނަވަރީ 26) : ލީބިޔާގެ އުތުރުގެ ރަށެއް ކަމަށްވާ ބިންވަލީދު، ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނެވިއްޖެކަމަށް ލީބޔާގެ ދިފާޢީ ވަޒީރު އުސާމާއަލްޖުވީލީ ވިދާޅުވެއްޖެވެ.
އޭނާ މިހެން ވިދާޅުވީ ލީބިޔާގެ ކުރީގެ ޒަޢީމް މުޢައްމަރުލްޤައްޒާފީއަށް ތާއީދުކުރާ ފަރާތްތަކާއި ގައްޒާފީގެ ވެރިކަން ވައްޓާލުމުގައި އިސްކޮށްއުޅުނު ހަނގުރާމަވެރިންނާ ދެމެދު ފާއިތުވި ހައެއްކަ ދުވަހު ބިންވަލީދުގައި ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމުގެ ޚަބަރުތަކެއް ފެތުރިފައިވަނިކޮށެވެ.
މިކުރިމަތިލުންތަކަށްފަހު ގައްޒާފީއަށް ވަފާތެރި ހަތިޔާރުއެޅިމީހުންގެ އަތްދަށަށް ބިންވަލީދު ދިޔަކަމަށް ފެތުރު ޚަބަރުތައް ލީބިޔާ ސަރުކާރުންވަނީ ދޮގުކޮށްފައެވެ. ބިންވަލީދަށް އިއްޔެ ވަޑައިގެން އެރަށުގެ އިދާރާތަކުގެ ވެރިންނާ އަދި ކަމުވޮށިގެންވާމީހުންނާ ބައްދަލުކުރެއްވުމަށްފަހު ޖުވީލީ ވިދާޅުވީ ބިންވަލީދުގައި ދާޚިލީ މައްސަލައެއް އުޅުނުކަމަށާ ނަމަވެސް ލީބިޔާގައި އަލަށް އުފެއްދި ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންތަކާއެކު ސަރުކާރު ސަލާމަތީ ބާރުތަކުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް އެރަށް މިހާރު ގެނެވިފައިވާ ކަމުގައެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.
ލީބިޔާގައި ވެރިކަންކުރާ އިންތިޤާލީ މަޖިލީހުގެ ރައީސް މުސްތަފާ ޢަބްދުލްޖަލީލް މިހަފްތާގެ ކުރީކޮޅު ވިދާޅުވީ ގައްޒާފީއަށް ތާއީދުކުރާ ހަތިޔާރުއެޅި ބަޔަކާއި ލީބިޔާ ސަރުކާރަށް ނިސްބަތްވާ ހަނގުރާމަވެރިންނާ ދެމެދު ބިންވަލީދުގައި މިދިޔަ ހޮނިހިރުދުވަހު ކުރިމަތިލުންތަކެއް ހިނގިކަމަށާ އެއަށްފަހު އެކަންތައް ނިމުމަކަށް އައިސްފައިވާކަމުގައެވެ. އަދި މިކުރިމަތިލުންތަކަށްފަހުވެސް އެރަށްއޮތީ ސަރުކާރަށް ތާއީދުކުރާ ހަނގުރާމަވެރިންގެ އަތްދަށުގައި ކަމަށް ޢަބްދުލްޖަލީލު ވިދާޅުވެފައިވެއެވެ.ބިންވަލީދުގެ ކުރިމަތިލުންތަކުގައި އަށް މީހަކު މަރުވިކަމަށް ލީބިޔާ ސަރުކާރުން ބުނެއެވެ. (އަލްޖަޒީރާ)