22 Dec 2020, 12:46
ކީރިތި ގުރުއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް، ހާއްސަ މެޑަލް އެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނެފައިވަނީ މިއަހަރުން ފެށިގެން އެ މެޑަލް ދޭން ފެށުމަށް ވަނީ ނިންމަވާފައި ކަމަށެވެ. އެގޮތުން މިމަހުގެ 26 ވަނަ ދުވަހުގެ ރޭ ޖުމްހޫރީ މައިދާނުގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ފުރަތަމަ ފަހަރަށް އެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ ހާފިޒުންނަށް މެޑަލް ދިނުމަށް ނިންމާފައިވާއިރު އެއްވަނަ ދަރަޖައިގައި ހަތަރު ހާފިޒެއް ވަނީ ފާސްވެފައެވެ.
ކީރިތި ގުރުއާން ހިތުދަސްކޮށް ދެވަނަ އަދި ތިންވަނަ ދަރަޖައިން ފާސްވާ ހާފިޒުންނަށްވެސް މެޑަލް ދެއެވެ. އެހެންނަމަވެސް އެ މެޑަލް ދޭނީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ކޮވިޑް-19 އާ ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން ގެންދާ ގައުމީ ކީރިތި ގުރުއާން ކިޔެވުމުގެ މުބާރާތް ވަނީ މިއަހަރު ކެންސަލުކޮށްލާފައެވެ.
އޭގެފަހުން މިއަހަރުގެ މުބާރާތް އޮންލައިންކޮށް ބޭއްވުމާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރެވުނެވެ. އެހެންނަމަވެސް އެކަމަށް ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.