22 Dec 2020, 12:21
ވޮޝިންޓަން (ޑިސެމްބަރު 22): އެމެރިކާއިން ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް 900 ބިލިއަން ޑޮލަރުގެ ރިލީފް ބިލެއް ފާސްކޮށްފި އެވެ.
އެމެރިކާގެ ކޮންގްރެސްގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން އިއްޔެ ރިލީފް ބިލް ފާސް ކުރަން 359 މެމްބަރުން ވޯޓު ދެއްވި އިރު އެއާ ދެކޮޅަށް ވޯޓު ދެއްވީ 53 މެމްބަރުންނެވެ. އަދި ސެނެޓުގެ 91 މެމްބަރުން ބިލަށް ވޯޓު ދެއްވި އިރު އެއާ ދެކޮޅަށް ވޯޓު ދެއްވީ 7 ސެނެޓަރުންނެވެ. އެއަށް ފަހު ރައީސް ޑޮނަލްޑް ޓްރަމްޕް އެ ބިލް ތަސްދީގު ކުރައްވާނެ އެވެ.
އެ ބިލް ފާސް ކުރަން ރިޕަބްލިކަން އާއި ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން އެއްބަސްވެފައިވާކަން ކޮންގްރެސްގެ ލީޑަރުން އިއުލާން ކުރެއްވީ އާދިއްތަ ދުވަހުގަ އެވެ. އަދި ގާތްގަނޑަކަށް 5،600 ސަފުހާގެ އެ ބިލަށް އިއްޔެ ވޯޓު ނެގި އިރު ބިލް ދިރާސާ ކުރަން ވަގުތު ނުލިބޭ ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ.
އެ ބިލާ އެއްކޮށް، ކުރިއަށް އޮތް ނުވަ މަހު ސަރުކާރުގެ އޮޕަރޭޝަންތަކަށް ހަރަދު ކުރުމަށް 1.4 ޓްރިލިއަން ޑޮލަރުގެ ސްޕެންޑިން ބިލެއްވެސް ވަނީ ފާސްކޮށްފަ އެވެ.
އެ ރިލީފް ބިލުން ފޯރުކޮށްދޭ އެހީގެ ތެރޭގައި:
އަހަރަކު 75،000 ޑޮލަރަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ އެމެރިކާގެ ކޮންމެ މީހަކަށާއި ކުޑަކުދިންނަށް 600 ޑޮލަރު ދިނުން
- ވަޒީފާ ނެތް މީހުންނަށް 10 ހަފްތާ ވަންދެން ހަފްތާއަކު 300 ޑޮލަރު ދިނުން
- ކުލި ނުދެއްކޭ މީހުން ގެއިން ނުނެރެން އަންގާފައިވާ ގަވާއިދު އިތުރު މަހަކަށް ދައްމާލުމާއި ކުލި ދައްކަން އެހީވުމަށް 25 ބިލިއަން ޑޮލަރު ހާއްސަ ކުރުން
- ކުދި ވިޔަފާރިތަކަށް އެހީވުމަށް 20 ބިލިއަން ޑޮލަރު ކަނޑައެޅުން
- އަދި ކޮވިޑް ވެކްސިން ހޯދުމާއި ޑިސްޓްރިބިއުޓް ކުރުމަށް 30 ބިލިއަން ޑޮލަރު ހާއްސަ ކުރުން ހިމެނެ އެވެ.
މީގެ ކުރިން މިދިޔަ މާޗް މަހު އެމެރިކާއިން ވަނީ 2.3 ޓްރިލިއަން ޑޮލަރުގެ ރިލީފް ބިލެއް ފާސްކޮށްފަ އެވެ. އެއީ އެގައުމުގެ ތާރީހުގައި ފާސްކުރި އެންމެ ބޮޑު އިގުތިސާދީ ރިލީފް ޕެކޭޖެވެ. އެ ޕެކޭޖުގެ ދަށުން، ދަށް މުސާރަ ލިބޭ މީހުންނާއި ކުޑަކުދިންނަށް ދިނީ 1،200 ޑޮލަރެވެ. އަދި މި ފަހަރު އެ އަދަދު ދަށްކޮށްފައި ވުމުން އެމެރިކާގެ ރައްޔިތުން ވަނީ އެހާ ވަރުން ނުފުދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފަ އެވެ.
މީގެ އިތުރުން އިގުތިސާދު ދިރާސާ ކުރާ މާހިރުންވެސް ވަނީ އެ ފައިސާގެ އެހީ މާ ކުޑަ ކަމަށާއި އެހީ ދޭ ގޮތް މާ ލަސް ކަމަށް ބުނެފަ އެވެ.
އެމެރިކާގައި މިހާތަނަށް 18.1 މިލިއަން މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 320،000އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.