ޕެރިސް (ޖަނަވަރީ 26) : އީރާނުގެ ތެޔޮ ބޭކުރުން ހުއްޓުވައިފި ނަމަ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 20 އާއި 30 ޕަސެންޓާ ދެމެދުގެ މިންވަރަކަށް އުފުލިގެންދާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.

އައިއެމްއެފް އިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ އީރާނުގެ ތެޔޮ ބަންދުކޮށްފި ނަމަ ތެލުގެ އަގު މައްޗަށް ދިޔުމުގެ ސަބަބުން ޚުދު ޔޫރަޕަށާއި އެމެރިކާއަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށާއި މިފަދަ ޙާލަތެއްގައި ކައިރި މުސްތަޤްބަލެއްގައި ތެލުގެ ދަށަށް ދިޔުމުގެ ފުރްސަތު ކުޑަކަމުގަ އެވެ.

އީރާނުގެ ތެޔޮ ބަންދުކޮށްފި ނަމަ ހުރްމުޒް ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރު ދީފައިވާތީ މިރިޕޯޓްގައި ބުނެފައި ވަނީ އީރާނުން މިފިޔަވަޅު އަޅައިފި ނަމަ މަދުވެގެން ތެލުގެ އަގު ފީފާއަކުން 30 ޑޮލަރު މައްޗަށް ދާނެކަމަށް ލަފާކުރެވޭ ކަމުގަ އެވެ.

އީރާނުގެ އިިޤްތިސާދީ މަސްލަޙަތާއި ޤައުމުގެ ސަލާމަތަށް ނުރައްކާވެއްޖެ ނަމަ ހުރްމުޒް ކަނޑުއޮޅި ބަންދުކުރާނެކަމުގެ އިންޒާރު ތަކުރާރުކޮށް އީރާނުން ގެންދަނީ ދެމުންނެވެ. ދުނިޔޭގެ ބާޒާރަށް އެކްސްޕޯޓްކުރާ ތެލުގެ 40 ޕަސެންޓް ހުރަސްކުރަނީ ގާތްގަނޑަކަށް 35 ކިލޯމީޓަރުގެ ފުޅާމިން ހުންނަ ކަނޑުއޮޅިއެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅިންނެވެ. މިކަނޑުއޮޅި ބަންދުނުކުރުމަށް އެމެރިކާ ވަނީ އީރާނަށް އިންޒާރުކޮށްފަ އެވެ.

އެމެރިކާގެ ސިފައިންގެ ގުޅިފައިވާ ލަޝްކަރުތަކުގެ ކޮމާންޑަރު ޖެނެރަލް މާޓިން ޑިމްޕްސީ ވިދާޅުވެފައި ވަނީ އީރާނަށް ހުރްމުޒް ކަނޑުއޮޅި ބަންދުކުރެވިދާނެކަމަށާއި ނަމަވެސް އެ ކަނޑުއޮޅި އަލުން އެމެރިކާ ހުޅުވާނެ ކަމުގަ އެވެ. އަދި އީރާނާއެކު ހަނގުރާމައަކަށް ދާންޖެހިއްޖެ ނަމަ އީރާން ބަލިކޮށްލާނެ ކަމުގެ އިންޒާރު ވެސް ޑިމްޕްސީ ދެއްވި އެވެ. (ނޫސްއެޖެންސީތައް)