ބްރަސެލްސް (ޑިސެމްބަރު 22): ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން އިއްޔެ ކޮވިޑް-19 ވެކްސިންއަކަށް ފުރަތަމަ ފަހަރަށް ހުއްދަ ދީފި އެވެ.

ޔޫރަޕިއަން މެޑިސިންސް އޭޖެންސީ (އީއެމްއޭ)ގެ ލަފާގެ މަތިން ޔޫރަޕިއަން ކޮމިޝަނުން އެ އިއްތިހާދުގެ ގައުމުތަކުގައި ބޭނުން ކުރަން ހުއްދަ ދިނީ އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކްއިން ގުޅިގެން އުފެއްދި ކޮވިޑް ވެކްސިންއަށެވެ.

އީއެމްއޭއިން ބުނި ގޮތުގައި އިނގިރޭސިވިލާތުން ފެނުނު ކޮރޯނާވައިރަހުގެ އާ ސްޓްރެއިންއާ ދެކޮޅަށްވެސް އެ ވެކްސިން މަސައްކަތް ކުރާނެ ކަމަށް ގަބޫލު ކުރެވެ އެވެ.

ޔޫރަޕިއަން ކޮމިޝަންގެ ވެރިޔާ އާސަލާ ވޮން ޑާ ލަޔަން ވިދާޅުވި ގޮތުގައި އެ އިއްތިހާދުގެ 27 ގައުމުގައި ފައިޒާގެ ވެކްސިން ޖެހުން އަންނަ އާދިއްތަ ދުވަހު ފަށާނެ އެވެ.

"މިއީ ވަރަށް އުނދަގޫ އަހަރަކަަށް ވަރަށް ރަނގަޅު ނިމުމެއް އަދި ކޮވިޑް-19އިން ދުރަށް ޖެހި އާ ސަފުހާއެއް ފެށުން،" ވޮން ޑާ ލަޔަން ވިދާޅުވި އެވެ.

ކޮވިޑުން ރައްކާތެރިވުމަށް އެމެރިކާގެ މޮޑާނާ ކުންފުނިން އުފައްދާފައިވާ އިތުރު ވެކްސިންއަކަށް ހުއްދަ ދިނުމާ ބެހޭ ގޮތުން އީޔޫއިން އަންނަ މަހުގެ ހަޔެއްގައި ގޮތެއް ނިންމާނެ އެވެ.

ފައިޒާގެ ވެކްސިން ބޭނުން ކުރަން މީގެ ކުރިން ހުއްދަ ދީފައިވާ ގައުމުތަކުގެ ތެރޭގައި އިނގިރޭސިިވިލާތް، އެމެރިކާ، ކެނެޑާ އަދި ސައުދީ އަރަބިއާ ހިމެނެ އެވެ.

ދުނިޔޭގައި މިހާތަނަށް 77.3 މިލިއަން މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 1.7 މިލިއަން މީހަކު ވަނީ މަރުވެފަ އެވެ.