23 Dec 2020, 10:18
ޔޫއްޕެ ޕްރޮޑަކްޝަނުން ގެނެސްދޭ ޑްރާމާ "ހުވާކޮށްފާ ބުނަން" އަންނަ ޖަނަވަރީ މަހު ސްޓްރީމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޔޫސުފް ޝަފީއު (ޔޫއްޕެ) ބުނެފިއެވެ.
ހުވާކޮށްފާ ބުނަން ޑްރާމާ އާ ގުޅޭގޮތުން ސަން އަށް މައުލޫމާތު ދެމުން ޔޫއްޕެ ބުނީ މި ޑްރާމާ ދައްކާނީ ބައިސްކޯފު މެދުވެރިކޮށް ކަމަށާއި ޖުމުލަ ތިން ސީޒަނަކަށް ބަހާލައިގެން ޑްރާމާ ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. ކޮންމެ ސީޒަނެއްގައި ޖުމްލަ 20 އެޕިސޯޑު ހިމެނޭނެ ކަމަށާއި ޖަނަވަރީ މަހު ޑްރާމާ ސްޓްރީމް ކުރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ޔޫއްޕެ ބުންޏެވެ.
ޑްރާމާގެ ޓްރެއިލާ މިހާރު އާންމުކޮށްފައިރު ޓްރެއިލާގެ ފުރަތަމަ ކޮޅު ހެއްވާ މަޖާ ކަންތައްތަކެއް ފެނިގެންދިޔައިރު ޓްރެއިލާގެ ފަހުކޮޅު ވަރަށް އިންޓެންސްއެވެ. ޝައުގުވެރިކޮށް ޓްރެއިލާ ނިމިގެންދިޔައިރު މި ޑްރާމާގައި ވާ ގޮތެއް ބަލަން ބެލުންތެރިން ތިބީ ކެތްމަދުވެފައެވެ. ލޯބީގެ ކަންތައްތަކެއް ދައްކުވައިދޭ މި ޑްރާމާގެ މައިގަނު ތަރިންނަކީ އަހުމަދު ސައީދު، އަހުމަދު އީސާ (އާނަންދު)، މުހައްމަދު މުސްތަފާ (މުސްތޮ)، އަބްދުﷲ ޝާފިއު (ފުބޫ)، އަލީ އާޒިމް (ދޮން އައްޔަ)، ޝިފާ، ނަތާޝާ، ވާޝީޔާގެ އިތުރުން ނާޝިދާ (ނާއްކޮ) އެވެ.
ހުވާކޮށްފާ ބުނަން ވާހަކައަކީ ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ ވާހަކައެކެވެ. އެ ޑްރާމާ ޑައިރެކްޓްކުރަނީ ވެސް އޭނާއެވެ. ކެމެރާކުރަނީ އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ. ޔޫއްޕެ ބުނީ މި ސީރީޒަކީ ހުރިހާ ރަހަތަކެއް ހެޔޮވަރަށް އެކުލެވިގެންވާ ސީރީޒެއް ކަމަށެވެ. ލޯތްބާއި އިޖުތިމާއީ މައްސަލަތައް ހުވާކޮށްފައި ބުނަން އިން ފެނިގެންދާއިރު ޔޫއްޕެ ބުނީ މިހާރުގެ މުޖުތަމައު އާ މި ސީރީޒް ވަރަށް ގުޅޭނެ ކަމަށްވެސް އޭނާ ބުންޏެވެ.