22 Dec 2020, 09:42
ކަތްމަންޑޫ (ޑިސެމްބަރު 22) : ނޭޕާލުގެ ޕާލަމެންޓް އުވާލައި އަވަސް އިންތިހާބެއް ބޭއްވުމަށް އެގައުމުގެ ރައީސާ ބިދްޔާ ދޭވީ ބަންޑާރީ ނިންމެވި ކުއްލި ނިންމެވުމަށް އިދިކޮޅު ޕާޓީތަކުން ދެކޮޅު ހަދައިފިއެވެ.
ނޭޕާލުގެ އިދިކޮޅު ޕާޓީތަކުން ބުނީ ރައީސާ ބިދްޔާއަށް މިގޮތަށް ނުނިންމެވޭނެ ކަމަށާއި މިއީ އެކަމަނާ އެޅުއްވި ޑިމޮކްރެސީއާ އިދިކޮޅު ފިޔަވަޅެއް ކަމަށެވެ. ބައެއް ސިޔާސީ ލީޑަރުންވަނީ މިއީ ނޭޕާލުގެ ބޮޑުވަޒީރު ކޭޕީ ޝަމްރާ އޮލީއަށް ކުރިމަތިވެވަޑައިގެންފައިވާ ސިޔާސީ ފިއްތުންތަކުން އޭނާ ސަލާމަތް ކުރުމަށްޓަކައި ރައީސާ ބިދްޔާ ނިންމެވި ގާނޫނު އަސާސީގެ ރޫޙާ ހިލާފު ނިންމުމެއް ކަމަށް ސިފަކުރައްވާފަ އެވެ.
ބަރުލަމާނީ ނިޒާމެއް އޮންނަ ނޭޕާލުގެ ގާނޫނު އަސާސީގެ 76 ވަނަ މާއްދާގައި ބައެއް ހާލަތްތަކުގައި ޕާލަމެންޓް އުވާލުމުގެ ބާރު އެގައުމުގެ ރައީސަށް ލިބިދީފައިވެ އެވެ. ނޭޕާލުގެ ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނެއް ބުނާގޮތުން ރައީސާ ބިދްޔާ ޕާލަމެންޓް އުވާލެއްވީ އެގައުމުގެ ގާނޫނު އަސާސީގެ 76 ވަނަ މާއްދާގެ 1 އަދި 7 އާއި 85 ވަނަ މާއްދާގައި ރިޔާސަތަށް ލިބިދީފައިވާ ގާނޫނީ ބާރުގެ ދަށުންނެވެ.

ނޭޕާލުގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ
ބޮޑުވަޒީރު ކޭޕީ ޝަމްރާ އޮލީ އަކީ ނޭޕާލުގައި ވެރިކަންކުރާ ކޮމިނިސްޓް ޕާޓީގެ ލީޑަރެވެ. ނޭޕާލުގައި ސިޔާސީ ކޯޅުންތައް ބޮޑުވުމާއެކު އޮލީގެ ކޮމިއުނިސްޓް ޕާޓީއަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ގެއްލިދާނެކަމުގެ ބިރުވަނީ ހީވެފަ އެވެ. އިދިކޮޅު ލީޑަރު ޕުޝްޕާ ކަމަލް ދަހާލް ވަނީ ރައީސާ ބިދްޔާ ޕާލަމެންޓް އުވާލެއްވީ ބޮޑުވަޒީރު އޯލީ އަށް ރަނގަނޅުގޮތް ހޯދައިދެއްވުމުގެ ބޭނުމުގައި ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
ނޭޕާލަކީ ކުރިން ވިރާސީ ރަސްކަމުގެ ނިޒާމެއް އޮތް ގައުމެކެވެ. އެގައުމުގެ ރަސްކަމުގެ ނިޒާމު ބަދަލުކުރުމަށް ކޮމިއުނިސްޓުން ކުރި މަސައްކަތްތަކާއި މާއޮއިސްޓުން އިސްކޮށް ތިބެގެންކުރި ދާހިލީ ހަނގުރާމައިގެ ނަތީޖާއެއްގެ ގޮތުން ނޭޕާލުގެ ރަސްކަމުގެ ނިޒާމު އުވާލައި އެގައުމުގެ ޖުމްހޫރިއްޔަތަކަށް ބަދަލުވެފައި ވަނީ 2008 ވަނަ އަހަރު އެވެ.
ނޭޕާލުގެ ޕާލަމެންޓް އުވާލުމާއެކު އަލުން އާއްމު އިންތިހާބު ބާއްވާނެ ތާރީހެއްވެސް ވަނީ އިއުލާނުކޮށްފަ އެވެ. އާންމު އިންތިހާބު ބާއްވާގޮތަށް ހަމަޖައްސާފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ އެޕްރީލް މަހުގެ 30 ވަނަ ދުވަހު އެވެ. ދެވަނަ ފިޔަވަހި ބޭއްވުމަށް ހަމަޖެހިފައިވަނީ މޭ މަހުގެ 10 ވަނަ ދުވަހު އެވެ. ނޭޕާލުގައި މިދުވަސްވަރު އާންމު އިންތިހާބު ބާއްވައިފިނަމަ ބޮޑުވަޒީރު އޮލީ ގެ ކޮމިއުނިސްޓް ޕާޓީއަށް އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑުކަމަށް އިދިކޮޅުން ދެކެ އެވެ. (ނޫސްއެޖެންސީތައް)