ޖަރުމަނުގެ ބުންޑެސްލީގާ މެޗެއްގައި ކުޅުންތެރިއެއް ގަޔަށް ކުޅު ޖެހި މައްސަލައިގައި ބުރެޝިއާ މޮންޗެންގްލަދްބަޝްގެ ފޯވާޑް މާކަސް ތުރަމް ހަ މެޗަށް ސަސްޕެންޑް ކޮށްފި އެވެ.

ލީގުގައި އެންމެ ފަހުން މޮންޗެންގްލަދްބަޝްއާއި ހޮފެންހަމް ކުޅުނު މެޗުގައި ހިނގި މި ހާދިސާއާ އެކު ރެފްރީ ވަނީ ތުރަމްއަށް ރަތް ކާޑު ދެއްކުމަށްފަހު ދަނޑުން ފޮނުވާލައިފަ އެވެ. އެއާ އެކު ތުރަމްގެ މި ދަށުދަރަޖައިގެ އަމަލަށް ޖަރުމަނުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ފިޔަވަޅު އަޅައިފައިވާ އިރު، ތުރަމް ވަނީ އެކަމަށް ކުލަބާއި، ހޮފެންހަމުގެ އިތުރުން އޭނާ ކުޅު ޖެހި ކުޅުންތެރިޔާގެ ކިބައިން މައާފަށް އެދިފަ އެވެ.

ތުރަމް ބުނީ އެއީ އޭނާ ގަސްތުގައި ކުރަން ބޭނުން ވެގެން ކުރި ކަމެއް ނޫންކަމަށާއި، މެޗު ހޫނު ވުމުގެ ސަބަބުން އިދިކޮޅު ކުޅުންތެރިޔާއާ ކުރި ޒުވާބެއްގައި ކުރެވުނު ކަމެއް ކަމަށެވެ. އެހެން ނަމަވެސް އެކަމާ ގުޅިގެން މޮންޗެންގްލަދްބަޝްއިން ވެސް އޭނާއަށް ވަނީ އަދަބު ދީފަ އެވެ. މޮންޗެންގްލަދްބަޝްއިން ވަނީ ތުރަމްގެ އެއް މަހުގެ ސެލެރީ ކެނޑުމަށް ނިންމާފަ އެވެ.

ފްރާންސްގެ ކުރީގެ މަޝްހޫރު ތަރި ލިލިއަން ތުރަމްގެ ދަރި، މާކަސް ތުރަމްއަށް ޖަރުމަނުގެ ފުޓުބޯޅަ އިދާރާއިން ދީފައިވާ އަދަބަކީ ހަ މެޗުގެ ސަސްޕެންޝަނެއްގެ އިތުރުން 40،000 ޕައުންޑުގެ ޖޫރިމަނާއެކެވެ. ފްރާންސްގެ ގައުމީ ޓީމުން ވެސް މިފަހަކުން ފުރުސަތު ހޯދާފައިވާ 23 އަހަރުގެ ފޯވާޑް ވަނީ މި ސީޒަނުގައި މޮންޗެންގްލަދްބަޝްއަށް ކުޅެދިން 20 މެޗުގައި ހަތަރު ގޯލު ޖަހައިފަ އެވެ.

މޮންޗެންގްލަދްބަޝްގެ ސްޕޯޓިންގް ޑިރެކްޓަރު މެކްސް އެބާރްލް ބުނީ، މާކަސްއާ އެކު ގިނައިރުތަކެއް ވަންދެން އެ މައްސަލައިގައި ވާހަކަ ދެކުވުނު ކަމަށާއި، އެކަމަކީ މާކަސް ގަސްތުގައި ކުރި ކަމެއް ނޫންކަމަށް އޭނާ ބުނި ކަމަށެވެ. އަދި އެކަމާ ދެރަވެ ހިތާމަކުރާ ކަމަށާއި، އެކަމަކީ ފުޓުބޯޅައިގައި އަދި އެހެން ކުޅިވަރެއްގައި ވެސް ކޮށްގެން ވާނޭ ކަމެއް ނޫންކަމަށް އޭނާ ގަބޫލު ކުރާ ކަމަށް އެބާރްލް ވަނީ ބުނެފަ އެވެ.