26 Jan 2012, 08:52
ސަލާމަތީ ބާރުތައް ކަމަށްވާ ސިފައިންނާއި ފުލުހުންނަކީ ގާނޫނެއްގެ ދަށުން ހަރަކާތްތެރިވާން ޖެހޭ މުއައްސަސާތަކެކެވެ. ގާނޫނު އަސާސީގެ އިމުގެ ތެރެއިން ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ގައުމުގެ އިސްތިގުލާލު ނެގެހެއްޓުމުގެ ބަލަދު ވެރިންނަކީ އެ ބާރުތަކެވެ. އެއީ އިތުބާރު ކުރަން ޖެހޭ އިތުބާރު ހިފަހައްޓަން ޖެހޭ މުއައްސަސާތަކެވެ.
މީގެ ކުރިން ފުލުހުންނަށް ތުހުމަތުގެ އިނގިލި ދިއްކުރަނީ ސިޔާސީ ފަރާތްތަކުންނެވެ. ނަމަވެސް، އެ މަންޒަރު ބަދަލުވެ މުޅި މުޖުތަމައު މިހާރު ތުހުމަތުގެ އިނގިލި ދިއްކުރަނީ ފުލުހުންނަށާއި ސިފައިންނަށެވެ. ގާނޫނު މުގުރާލުމާއި ފުލުހުންގެ މަސައްކަތުގައި އެއް އަތަކަށް ބުރަވުމުގެ ތުހުމަތުތަށް މިވަނީ ކުރެވެން ފަށާފަ އެވެ. އެ ސީރިއަސް ތުހުމަތުތަކުގެ ނަތީޖާ އަކީ ކޮބައިބާ އެވެ؟
"ރައްޔިތުންގެ އިތުބާރު ގެއްލޭތަން މިފެންނަނީ ފުލުހުންގެ ތެރެއިން. ގާނޫނާއި ގަވާއިދާ ހިލާފު އަމުރުތަކަށް ތަބާވެގެން މަސައްކަތް ކުރަމުންދާތަން މިފެންނަނީ. މިއީ ހަމަ ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނެ ކަންކަން،" ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވި އެވެ.
ފުލުހުންނާއި ސިފައިންގެ ގާނޫނުގައި ވަރަށް ސާފުކޮށް ބުނެ އެވެ؛ ސިފައިންނާ ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް ކޮޅަކަށް ބުރަވެގެން ނުވާނެ އެވެ. އަދި ޣައިރު ގާނޫނީ އަމުރެއް ކުރުން ވެސް އަދި އެ އަމުރަށް ތަބާވުން ވެސް އެއީ ކުށެކެވެ.
ނަމަވެސް ފުލުހުންނާއި ސިފައިންގެ ފަރާތުން ފެންނަ ބައެއް އަމަލުތައް ހުރީ އެއާ އިދިކޮޅަށް ކަމަށް ސިޔާސީ ވެރިން ސިފަކުރައްވަ އެވެ. ރައްޔިތުން މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވާ ގޮތުން ސަލާމަތީ ބާރުތައްވަނީ "ހިސޯރު" ކޮށްފ އެވެ.
އޭނާ ދެކިވަޑައިގަންނަވާ ގޮތުން ސިޔާސީ ނުފޫޒާއި އަމުރުތަކުން އެދެ މުއައްސަސާ ހަރާބުވެ، އިތުބާރަކީ ސިފައިންނާއި ފުލުހުންނަށް ރައްޔިތުން މިއަދު ކުރާ އެއްޗެއް ނޫނެވެ. ސަބަބެއް ކަމުގައި ވިދާޅު ވަނީ ކޯޓުތަކުގެ އަމުރުތަކަށް ބޯ ނުލެބުމާއި ސިޔާސީ އޯޑަރަށް އަމަލު ކުރުމެވެ.
"ފުލުހުންގެ މައްސަލައެއް ނޫން މި އުޅެނީ. ފުލުހުން ވެސް ދިރިއުޅެން ޖެހޭ އެމީހުންގެ ގޭގައި އަނބިދަރިން އެބަތިބި. ދިރިއުޅެން ތަންތަނަށް ކުލި ދައްކަން ޖެހޭ ވަރަށް ހާލުގައި މި އުޅެނީ. ގިނައިން ފުލުހުންނާއި ސިފައިންނަކީ އަތޮޅުތަކަށް ނިސްބަތްވާ މީހުން. މި މީހުންނަށް އެބަ މަޖްބޫރުވޭ ސަރުކާރުން މި އަންގާ އެންގުމަށް ތަބައަވާން ކޮންމެ ގޮތެއްވިޔަސް. އެމީހުން [ފުލުހުންނާއި ސިފައިންގެ ކުދިން] ވަރަށް ހިތްވަރު ކުރޭ. އެހެންނަމަވެސް މި ދެރެޔަކު ހާއްސަކޮށް މޫނު ނިވާކޮށްގެން ތިބޭ، މާސްކު އަޅައިގެން ތިބޭ މީހުންގެ އަނިޔާވެރިކަން މިދަނީ ބޮޑުވެގެން. މީހުންގައިގާ ތަޅައި އަންހެން ވެރިން ހައްޔަރުކޮށް ހުތުރު ބަހުން ވާހަކަދައްކާ މި ދެރެޔަކު ވަރަށް ފޯރީގައި މި އުޅެނީ. ވެގެން އުޅޭގޮތަކީ އެމްޑީޕީގެ ހަރުގެއިން މި އަންގަނީ ހޯމް މިނިސްޓަރަށް މިހެން ހަދަން،" ނިހާން ވިދާޅުވި އެވެ. "ގާނޫނު އަސާސީއަކަށް ބޮލެއް ނުލަބައި ރާއްޖޭގެ ކޯޓުތަކަކަށް ބޮލެއް ނުލަބާ އެހެންވީމާ ފުލުހުންނަށް މަޖްބޫރުވެގެން ހައިޖެކް ކުރެވިގެން ތިބި ހާލުގައި، ރައްޔިތުން ފަހަތުން ދުވެ އަނިޔާކުރުމުގެ ސަބަބުން އެ މުއައްސަސާތަކަށް ކުރަމުންދާ ގަދަރާއި އިހްތިރާމް ކުޑަވެގެންދާނެ،"
ސިފައިންނާއި ފުލުހުންނަށް ކުރެވޭ އިހްތިރާމާއި އިތުބާރުގައި ސުވާލުމާކު ޖެހޭއިރު ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ފަސީހް ހުންނެވީ ހަނުގަ އެވެ. އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ބްރިގޭޑިޔާ ޖެނެރަލް މޫސާ އަލީ ޖަލީލް ވެސް ހިޔާރު ކުރެއްވީ އެ މަގެވެ. އޭގެ ބަދަލުގައި ސިފައިންނާއި ފުލުހުންގެ ބަސް އިއްވެވީ ހޯމް މިނިސްޓަރު ހަސަން އަފީފާއި ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނެވެ.
ފުލުސް އޮފީހުގައި ގިނަ ދުވަސް ހޭދަކުރެއްވި ރިޔާޒް އެކަން ސިފަކުރައް ވަނީ "ކޮމިޝަނަރުގެ ތޮފި އަޅުއްވައިގެން" ބާރުތައް އަތް ދަށުލައްވައިގެން ކުރައްވާ މަސައްކަތެއްގެ ގޮތުގަ އެވެ. އޭނާ ވިދާޅުވާގޮތުން މިނިސްޓަރަށް ފުލުހުންގެ މަސައްކަތްތަކަށް ނުފޫޒް ފޯރުވުމުގެ އެއްވެސް ޗާންސެއް ގާނޫނުތަކުން ނުދެ އެވެ.
"ފުލުހުންގެ ޑޭޓްޑޭ އޮޕަރޭޝަންއާއި ބެހިވަޑައިގެންނެވޭނެ މީހެއް ނޫން އެއީ [ހޯމް މިނިސްޓަރު]. އެބޭފުޅާއަށް ޕޮލިސީ ގައިޑް ލައިންސް ދެވޭނީ. ރަނގަޅު ފުލުހުންގެ ގާނޫނުގައި އޮވޭ ބައެއް ހާއްސަ ހާލަތުގައި، އެކަހަލަ ހާލަތަކީ ބަޔަކު ނޫނިއްޔާ މަގާމެއްގައި ހުރިމީހަކު އޭނަ އެހުރި ގާނޫނާ އެއްގޮތަށް މަސައްކަތް ނުކުރާ ނޫނީ ކޮމިޝަނާ ވެސް ގާނޫނާ އެއްގޮތަށް މަސައްކަތް ނުކުރާހެން ހީވާ ކަހަލަ ހާލަތެއްގައި ބޭނުން ކުރުމަށް އޮންނަ މާއްދާއެއް އެއީ،" ފުލުހުންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ރިޔާޒް ވިދާޅުވި އެވެ.
ވެރިކަންކުރާ އެމްޑީޕީގެ ޕާލިމަންޓް މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވާގޮތުން ސިފައިންނާއި ފުލުހުން މި ދަނޑިވަޅުގައި އަމަލުކުރަނީ ހާއްސަ ހާލަތެއްގަ އެވެ. ގައުމަށް ވަނީ ހާއްސަ ހާލަތެއް ކުރިމަތިވެފަ އެވެ. އެއީ ގާނޫނު އަސާސީ ނެގެހެއްޓުމުގެ އެއްބާރުތައް ކަމައްވާ ކޯޓުތައް ނޫނީ ޖުޑީޝިއަރީ ވަކި ބަޔެއްގެ "މުށުގެ ތެރޭގައި" އޮތުމެވެ.
"ސިފައިންނަށް އެބަ ބާރުލިބޭ ގާނޫނުން އަދި ގާނޫނު އަސާސީން ގައުމުގައި އަދުލު އިންސާފު ގާއިމްކޮށް ގާނޫނީ ވެރިކަން ދަމަހައްޓަން. އަނެއްކާ ފުލުހުންނާއި ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން ލާޒިމްކުރޭ އެންމެން އިތުބާރުކުރާ އިންސާފެއް ހޯދަދޭން. އެ އުސޫލުގެ ތެރެއިން ސިފައިންނާ ފުލުހުން މަސައްކަތް ކުރައްވަނީ. ގާނޫނު އަސާސީ ދެމެހެއްޓުމަށް،" ގާނޫނީ ވަކީލުކަން ވެސް ކުރައްވާ އިންތި ވިދާޅުވި އެވެ.
ސިފައިން ސުޕްރީމް ކޯޓުގެ އަމުރަށް ތަބާނުވެ ރޭގަނޑު ދަންވަރުގައި ގޭގެއަށް ވަދެ މީހުން ހައްޔަރުކުރުމަށް ސަރުކާރުގެ ބަހަނާއަކީ ހާއްސަ ހާލަތެވެ. ޖުޑީޝިއަރީ މިނިވަން ކުރުމެވެ. ނަމަވެސް މައްސަލައަކީ ގިނަ ގާނޫނީ ވަކީލުން ސިފައިންނާއި ފުލުހުންގެ އެ އަމަލަކީ ގާނޫނުގެ އިމަށް ފެތޭ އަމަލެއް ކަމަށް ގަބޫލެއް ނުކުރުމެވެ. އެ ބަސް ގިނަ ރައްޔިތުންނަށް ގަބޫލުކުރެވުމެވެ.
ރައްޔިތުންގެ އިތުބާރުގެ މައްސަލަ ފުލުހުންނަށް ކުރިމަތިވެފައިވާ އިރު ފުލުހުންނާއި ސިފައިންނަށް ކުރިމަތިވާނެ ގޮންޖެހުންތައް ބޮޑުވާނެ އެވެ. ރިޔާޒް ވިދާޅުވާގޮތުން އޭގެ ބާރު އެންމެ ބޮޑުވާނީ ޔުނީފޯމް އަޅައިގެން އާންމުންނާ ޑީލްކުރަން ނިކުންނަ ފުލުސް މީހާއަށް ނޫނީ ސިފައިންގެ މީހާ އަށެވެ.
"ދެން ފުލުހުންގެ ފަރާތުން ބަރާބަރަށް ހަމަހަމަކަމާއި އިންސާފުވެރި ކަމާ އެކު ކަންތައްތައް ކޮށްދޭނެ ކަމުގެ ޔަގީންކަމެއް ނޯންނާނެ. އެހެންވީމަ ފުލުހުންގެ ހިދުމަތަކަށް ނުދާނެ މީހުންނެއް. އެމީހުން ވަކި ފަރާތަކަށް ޖެހިގެން މަސައްކަތް ކުރާކަން ފާހަކުރެވެންޏާ ރައްޔިތުން ފުލުހުން ހެރެސްކުރުން. މަގުމަތިން ޔުނީފޯމް އަޅައިގެން ދާއިރު މީހުން ދިމާކޮށް އެއްޗިހި ކިޔާ ހަޅޭލަވާ ހެދުން މިއީ ނުކުންނާނެ އިޝޫސްތައް،" ރިޔާޒް ވިދާޅުވި އެވެ.
އިތުބާރުގެ މައްސައަކީ އެ ދެ މުއައްސަސާ އިން މިއަދު ސީރިއަސްކޮށް ވިސްނަންވެއްޖެ މައްސަލަ އެކެވެ. ފުލުހުންނާއި ސިފައިންގެ ލީޑަޝިޕުން ސިޔާސީ އަމުރުތަކުގެ ކުރިމަތީ "ފިނޑި" ވާ ނަމަ އެއީ ނުރައްކާތެރި މައްސަލަތަކެއްގެ ކޮޅުމައްޗަ އެވެ. ގައުމުގެ އަމަންއަމާންކަމާއި ރައްކާތެރިކަމާ މެދު ސުވާލުއުފެދޭ ޕޮއިންޓަކީ އެއީ އެވެ. އޭގެ ކުރިން ފުލުހުންނާއި ސިފައިންގެ ލީޑަޝިޕުން ރައްޔިތުންގެ އިތުބާރު އުފައްދާ ދެމެހެއްޓުމަށް މަސައްކަތް ކުރައްވަން ވަނީ ޖެހިފަ އެވެ.