މި ދެތިން ދުވަހު ސޯޝަލް މީޑިއާ ފުރާލީ ހުޅުމާލޭގެ ގޮނޑުދޮށުގައި ރެދަން ލާފައިވާ ތަން ފެންނަ ހިތްގައިމު މަންޒަރުތަކުންނެވެ. ރޭގަނޑުގެ ވަގުތުގައި އެ ހިތް ގައިމު މަންޒަރު ބަލައިލަން ހުޅުމާލޭ ގޮނޑުދޮށަށް އެތައް ބަޔަކު ބައި ހަދާފައި ޖަމާވި އެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި ރެދަން ބަލަން ދާނަމަ ސަމާލުވާން އެބަޖެހެ އެވެ. އެއީ، ހުޅުމާލޭ ގޮނޑުދޮށަށް މިހާރު ޖެލީ ފިޝް އަރަމުންދާތީ އެވެ.

ހުޅުމާލެ ގޮނޑުދޮށަށް މިއަދު ދިޔަ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުނަމުންދަނީ ގޮނޑުދޮށް ފުރިފައި އޮތީ ހުސް ޖެލީ ފިޝް އިން ކަމަށެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުގައި އެކި ވައްތަރުގެ ޖެލީ ފިޝް ވަނީ ގޮނޑުދޮށުން ފެނިފަ އެވެ.

"އެބައުޅޭ އެކި ވައްތަރުގެ ޖެލީ ފިޝް. ވަރަށް ކުދި ކުދި ޖެލީ ފިޝް އުޅެނީ. ހުޅުމާލޭ އިރުމަތީ ގޮނޑުދޮށް ސަރަހައްދު އޮތީ ހަމަ އެކި ހިސާބުގައި ހުސް ޖެލީ ފިޝް މިހާރު،" މިއަދު ހެނދުނު ހުޅުމާލެ ގޮނޑުދޮށުގައި އުޅުނު މީހަކު ބުންޏެވެ.

ބައެއް ފަރާތްތަކުން ވަނީ ޖެލީ ފިޝް އިން ރައްކާތެރިވުމަށް އިންޒާރުވެސް ކޮށްފަ އެވެ. ސަބަބަކަށް ވަނީ ޖެލީ ފިޝް ގައިގާ ޖެހިއްޖެ ނަމަ، ޖެހޭ ތަންތަން ދުޅަވެ ފިތްގަނޑުގަނޑު ނަގާނެތީ އެވެ.

އެކަމާ ގުޅިގެން ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފައިވަނީ ހުޅުމާލޭ ގޮނޑުދޮށުން ދެ ބާވަތެއްގެ ޖެލީ ފިޝް ފެންނަމުންދާ ކަމަށެވެ. އެގޮތުން ހުޅުމާލޭ ގޮނޑުދޮށުން ފެންނަނީ "ބްލޫ ބަޓަން" ޖެލީ ފިޝް އާއި "ބްލޫ ބޮޓްލް" ޖެލީ ފިޝް ކަމަށް އެޗްޑީސީއިން ބުނެ އެވެ.

ބްލޫ ބަޓަން ޖެލީ ފިޝް އަކީ ނުރައްކާތެރި ޖެލީ ފިޝް އެއް ނޫނެވެ. އެހެންނަމަވެސް ހަމުގައި ޖެހުމުން ރައްކާތެރިވުން އެކަށީގެންވެ އެވެ. ސަބަބަކީ އެ ޖެލީ ފިޝް ހަމުގައި ޖެހިއްޖެ ނަމަ ހަންގަނޑު ހިރުވުން ފަދަ ކަންތައް ވާނެތީ އެވެ. ބްލޫ ބޮޓްލް އަކީ އާންމުކޮށް ފެންމަތީގައި އޮންނަ ޖެލީ ފިޝްއެކެވެ. އެ ޖެލީ ފިޝްގެ ޓެންޓެކަލްގައި ޖެހިއްޖެނަމަ ދިލަ ނަގާނެ އެވެ. އަދި އެ ޖެހޭ ތަންތައް ދުޅަވުމުގެ އިތުރުން ހިރުވުންވެސް އެކަށީގެންވެ އެވެ. އެހެންނަމަވެސް ގާތްގަނޑަކަށް ގަޑިއިރެއް ފަހުން ދިލަ ފިލާ ކަމަށް ޑޮކްޓަރުން ބުނެ އެވެ.

އެޗްޑީސީއިން ވެސް ބުނީ ޖެލީ ފިޝްގައި ޖެހިއްޖެ ނަމަ ދިލަ ނެގުން އެކަށީގެންވާ ކަމަށެވެ. އެހެންކަމުން ގޮނޑުދޮށަށް ގޮސް އުޅުމުގައި ސަމާލުވުމަށް އެޗްޑީސީއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެހެންކަމުން ރެދަން ބަލަން ދާން ބޭނުންވެފައި ތިބި ފަރާތްތަކުން ހުޅުމާލެއަށް ދާ ކަމުގައިވާނަމަ ޖެލީ ފިޝްއަށް ސަމާލުވުން މުހިއްމެވެ. ސޯޝަލް މީޑިއާގައި ވާހަކަ ދެކެވޭގޮތުގައި އަދިވެސް ގިނަ ބަޔަކު ތިބީ ރެދަން ބަލަން ދާހިތުން ކެތްމަދުވެފަ އެވެ.

ރެދަން ލުމަށްފަހު ޖެލީ ފިޝް ގޮނޑުދޮށުން ފެނުމަކީ އާ ކަމެއް ނޫނެވެ. ކޮންމެ އަހަރެއްގެ މިދުވަސްވަރާ ދިމާކޮށް ބައެއް ރަށްތަކުގައި ގިނަ އަދަދަކަށް ރެދަން ލާއިރު ބައެއް ސަރަހައްދުތަކުން ދަނީ ޖެލީ ފިޝްވެސް ފެންނަމުންނެވެ. އެހެންވަނީ ބައެއް މޫސުންތަކުގައި އޮއެވަރަށް އަންނަ ބަދަލަކާ ގުޅިގެންނެވެ.