ކޮވިޑް19އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރެވޭ އަދަދު ބޮޑުކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޖްޕީއޭ)އިން މިއަދު އުސޫލެއް އެކުލަވާލާ އާންމުކޮށްފި އެވެ.

އެޗްޕީއޭ އިން މިއަދު އާންމުކުރި "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުންތަކާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު"ގައިވާ ގޮތުގައި އާންމު ފަރުދެއް ނަމަ، 1،000 ރުފިޔާއިން ފެށިގެނން 10،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ގާނޫނީ ސަހުސެއް ނަމަ، 5،000 ރުފިޔާއިން ފެށިގެން 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވިދާނެ އެވެ.

އާންމު ފަރުދެއް ނަމަ:

  • އެންގުމާ ހިލާފުވާ ފުރަތަމަ ފަހަރު 1،000 ރުފިޔާއިން ޖޫރިމަނާކުރުން

  • އެންގުމާ ހިލާފުވާ ދެވަނަ ފަހަރު 3،500 ރުފިޔާއިން ޖޫރިމަނާކުރުން
  • އެންގުމާ ހިލާފުވާ ތިންވަނަ ފަހަރު 7،500 ރުފިޔާއިން ޖޫރިމަނާކުރުން
  • އެންގުމާ ހިލާފުވާ ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 10،000 ރުފިޔާއިން ޖޫރިމަނާކުރުން

ގާނޫނީ ޝަހުސެއް ނަމަ

  • އެންގުމާ ހިލާފުވާ ފުރަތަމަ ފަހަރު 5،000 ރުފިޔާއިން ޖޫރިމަނާކުރުން

  • އެންގުމާ ހިލާފުވާ ދެވަނަ ފަހަރު 25،000 ރުފިޔާއިން ޖޫރިމަނާކުރުން
  • އެންގުމާ ހިލާފުވާ ތިންވަނަ ފަހަރު 50،000 ރުފިޔާއިން ޖޫރިމަނާކުރުން
  • އެންގުމާ ހިލާފުވާ ހަތަރުވަނަ ފަހަރު 75،000 ރުފިޔާއިން ޖޫރިނަމާކުރުން
  • އެންގުމާ ހިލާފުވާ ފަސްވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާކުރުން

މީގެ ކުރިން އެންގުމާ ހިލާފުވެއްޖެ ނަމަ ޖޫރިމަނާ އަކީ 1،000 ރުފިޔާ އެވެ.

އުސޫލުގައި ބުނެފައިވާ ގޮތުގައި ޖޫރިމަނާގެ އާ އުސޫލަށް އަމަލު ކުރާނީ ކޮވިޑް-19 އާ ގުޅިގެން މިހާރު އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު، ނުވަތަ އަލަށް އެ ހާލަތު އިއުލާންކުރުމަށް ފަހު އެ ހާލަތެއް ނިމުމަކަށް ގެންނަތާ 60 ދުވަސް ހަމަވާ ތާރީހުގެ ނިޔަލަށެވެ.

ކަރަންޓީނު ކޮށްފައިވާ ނުވަތަ އެކަހެރި ކޮށްފައިވާ މީހާ، ކަރަންޓީނުގެ އަމުރާ ނުވަތަ އެކަހެރިވުމުގެ އަމުރާ ހިލާފުވެއްޖެނަމަ ބޮޑު އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް އުސޫލުގައިވެ އެވެ. އޭގެ އިތުރުން މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްރަށާއި ތަންތަނަށް ވަދެ އަދި ނިކުތުމުގެ އިތުރުން ނުރައްކާތެރި ބައްޔެއް ހުރި ނުވަތަ ޝައްކު ކުރެވޭ މީހެއްގެ މައުލޫމާތު އެނގިހުރެ ސިއްރު ކުރާ ފަރާތްތައް ވެސް ބޮޑު އަދަދު ޖޫރިމަނާކުރެވޭނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.

އުސޫލުގައި އިތުރަށް ބުނެފައިވަނީ ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހާ ރާއްޖެ އެތެރެވުމަށް މަގުފަހިކޮށްދިނުން ނުވަތަ ރާއްޖެ ގެނެސްފި ނަމަވެސް އެ ފަރާތެއް ޖޫރިމަނާކުރާނެ ކަމަށެވެ.

އުސޫލުގެ ދަށުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި، އެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ޕޮލިސް ސާވިސް އިން ކަމަށް ވެސް އުސޫލުގައި ވަނީ ހިމަނައިފަ އެވެ.