26 Jan 2012, 00:26
ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދު ފުލުސް އޮފީހަށް މާދަމާ ފުލުސް އޮފީހަށް ހާޒިރުވުމަށް ކަނޑައެޅި ގަޑި، މެންދުރު ފަހު 13:30 އަށް ބަދަލުކޮށް އޭނާ އަށް އަންގައިފި އެވެ.
ގައުމީ ޕާޓީގެ އަމީން އާންމު އަބުދުﷲ އަމީން މިރޭ ވިދާޅުވީ ޑރ. ހަސަން ސައީދު މާދަމާ ހެދުނު 9:00 ޖަހާ އިރު ފުލުސް އޮފީހަށް ހާޒިރު ވުމަށް މީގެކުރިން އެންގެވި ނަމަވެސް މިރޭ އަނެއްކާ ވެސް ހަސަން ސައީދު ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގަވާފައި ވަނީ މެންދުރު ފަހު 13:30 ގައި ކަމަށެވެ.
"ފުލުހުންނާއި ޑރ. ހަސަން އާއި ދިމާނުވުމުން ޕާޓީ އޮފީހަށް ވަނީ މިހާރު ހަސަން ވަޑައިގަންނަވަން ޖެހޭ ގަޑި އަންގަވާފައި. ގަޑި ފަސްކުރި ވަކި ސަބަބެއް ފުލުހުން ވިދާޅެއް ނުވޭ،" އަމީން ވިދާޅުވި އެވެ.
ޑރ. ހަސަން އާއި އުމަރު ފުލުހަށް ހާޒިރުވުމަށް އެންގި އިރު، ގައުމީ ދުވަސް ފާހަގަ ކުރުމަށް ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި އެ ދެބޭފުޅުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވައިފަ އެވެ. ޑރ. ހަސަން މެންދުރުފަހުގެ ވަގުތެއްގައި ހާޒިރުވުމަށް އެންގި އިރު އުމަރަށް ފުލުހުން ފޮނުވި ޗިޓްގައި ބުނެފައި ވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުވާލުކޮށް ބަޔާން ނެގުމަށް މާދަމާ ހެނދުނު 9:00 ޖަހާއިރަށް ފުލުހަށް ހާޒިރުވުމަށް އަންގާ ކަމަށެވެ. ނަމަވެސް ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަފްސީލް އެ ދެ ބޭފުޅުންނަކަށް ދެއްވާފައެއް ނުވެ އެވެ.
ސީރިއަސް އެންޑް އޯގަނައިޒް ކުރައިމް ޑިޕާޓްމަންޓްގެ އިސްވެރިއަކު ސޮއި ކުރައްވައި ޑރ. ހަސަން ސައީދާއި އުމަރު ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވި އިރު މީގެ ދެ ދުވަސް ކުރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު، އަދި އިދިކޮޅު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބުދުﷲ ޔާމީން ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކޮށްފަ އެވެ.