21 Dec 2020, 17:01
ކޮވިޑް ފެތުރޭ ރަށްރަށުގައި އަންނަ ޓާމްގައި ކިޔަވައިދޭނީ އޮންލައިންކޮށް އަދި ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ކޮރޯނާއާ ގުޅިގެން މިއަަހަރު ކުރިއަށް ގެންގޮސްފައިވަނީ ފުރަތަމަ ޓާމްގެ ކިޔެވުމެވެ. އަދި ފެށޭ އަހަރު ސްކޫލްތައް ފަށާނީ ދެވަނަ ޓާމްއިންއެވެ. އެއާއެކު ދިރާސީ އާއަހަރު ފަށާނީ އަންނަ އަހަރުގެ މެދުތެެރެއިންއެވެ.
އަންނަ އަހަރު ސްކޫލްތައް ހުޅުވާއިރު އަމަލުކުރާނެ އުސޫލުތައް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ އާންމުކޮށްފައެވެ.
އެ އުސޫލުގައިވާގޮތުން އޮންލައިންކޮށް ނުވަތަ ކްލާހަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިނުދެވޭ ހާލަތެއް އަތުވެއްޖެނަމަ ކިޔަވައިދޭނީ ޓެލެކްލާސްތައް މެދުވެރިކޮށެވެެ.
ރަށެއް ފުރަބަންދުގެ ހާލަަތަށް ގެންގޮސްފިނަމަ އެ ރަށެއްގެ ސްކޫލް ބަންދުވާނެއެވެ. އެހެން ނަަމަވެސް މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށްތަކުގައި ކިޔަވައިދޭނީ އެޗްޕީއޭގެ ލަފަޔާ އެއްކޮށްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
އާ ޓާމްގައި ކިޔަވައިދޭ ސްކޫލްތައް ތިން ކެޓަގަރީއެއްގެ ގޮތުގައި ވަނީ ހިމަނައިފައެވެ. އޭގެ ތެރޭގައި ގައިދުރުކޮށް ސިންގަލް ސެޝަނަށް ކިޔަވައިދޭ ސްކޫލްތަކާއި ގައިދުރުކޮށް ދެ ދެޝަނަށް ކިޔަވައިދޭ ސްކޫލްތައް ހިމެނެއެވެ.
ސިންގަލް ސެޝަނަށް ކިޔަވައިދޭ ސްކޫލްތަކާއި ދެ ސެޝަނަށް ކިޔަވައިދޭ ބައެއް ސްކޫލްތަކަށް ދަރިވަރުން ހަފްތާއަކު ފަސް ދުވަހު ކިޔަވަން ދާން ޖެހެއެވެ. އަދި ދެ ސެޝަނަށް ކިޔަވައިދޭ ބައެއް ސްކޫލްތަކަށް ކިޔަވަން ދާން ޖެހެނީ ދެ ދުވަހުން އެއް ދުވަހުއެވެ.
އާ އުސޫލުތަކުގައި ވާގޮތުން އަންނަ އަހަރު ގްރޭޑް އެކަކުން ފެށިގެން މަތީގެ ދަރިވަރުންނަށް ހަފްތާއަކު ފަސް ދުވަހު ހަތަރެއް ނޫނީ ފަސް ގަޑިއިރުގެ ސެޝަނެއް ކުރިއަށް ގެންދާނެއެވެ.
އޭގެ ތެރެއިން އެއް ގަޑިއިރު އަތް ދޮވުމާއި، ހުން ބެލުމާއި، ހާޒިރީ ނެގުމާއި ކަސްރަތު ފަދަ ކަންކަމަށް ހާއްސަކޮށްފައި ވެއެވެ.