21 Dec 2020, 16:16
ދިއްލީ (ޑިސެމްބަރު 21): އިންޑިއާއިން އެގައުމާއި އިނގިރޭސިވިލާތާ ދެމެދު ކުރާ ދަތުރުތައް މާދަމާ ރެއިން ފެށިގެން މި މަސް ނިމެންދެން މެދުކަނޑާލައިފި އެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަނުން ބުނި ގޮތުގައި އިނގިރޭސިވިލާތާ ދެމެދު ކުރާ ދަތުރުތައް މެދުކަނޑާލަން ނިންމީ އެގައުމުގައި ބަލި ހާލަތު މިހާރު އޮތް ގޮތުންނެވެ.
"އިނގިރޭސިވިލާތުގެ ހާލަތު މިހާރު އޮތް ގޮތަށް ބެލުމަށް ފަހު އިންޑިއާގެ ސަރުކާރުން ވަނީ އިނގިރޭސިވިލާތުން އިންޑިއާއަށް އަންނަން އޮތް ފްލައިޓުތައް 31 ޑިސެމްބަރު 2020އާ ޖެހެންދެން ކެންސަލް ކުރަން ނިންމާފަ. އަދި މި މުއްދަތުގައި އިންޑިއާއިން އިނގިރޭސިވިލާތަށް ދާން އޮތް ފްލައިޓުތައްވެސް ކެންސަލްކޮށްފަ،" ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން މާދަމާ އިނގިރޭސިވިލާތުން އިންޑިއާއަށްދާ ބޯޓުތަކުގައި ތިބޭ މީހުން އެގައުމަށް ދިޔުމާއެކު ކޮވިޑު ހުރިތޯ ބެލުމަށް ޕީސީއާރު ޓެސްޓު ހަދަން ޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
އިންޑިއާއިން އެ ފިޔަވަޅު އަޅާފައި ވަނީ އިނގިރޭސިވިލާތުން ފެނިފައިވާ ކޮރޯނާވައިރަހުގެ އާ ސްޓްރެއިންއާ ގުޅިގެންނެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ އެ ސްޓްރެއިންއަކީ ކުރީގެ ސްޓްރެއިންއަށް ވުރެ ހަލުވި ކަމާ އެކު ފެތުރޭ ވައްތަރެއް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އާ ސްޓްރެއިންގެ ސަބަބުން ބަލީގައި މީހުން މަރުވުމުގެ ފުރުސަތު އިތުރުވާ ކަމުގެ ނުވަތަ އޭތި ވެކްސިންއަށް ނުގުޑާނެ ކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށް އެގައުމުގެ ޗީފް މެޑިކަލް އޮފިސާ ކްރިސް ވިޓީ ވިދާޅުވި އެވެ.
އެ ސްޓްރެއިންގެ ސަބަބުން އިނގިރޭސިވިލާތާ ދޭތެރޭ ދަތުރުތައް ހުއްޓާލާފައިވާ ގައުމުތަކުގެ ތެރޭގައި އިޓަލީ، ނެދަލޭންޑްސް، ފްރާންސް، ޖަރުމަނު، ބެލްޖިއަމް، އޮސްޓްރިޔާ، އަޔަލޭންޑް، ރަޝިއާ އަދި ކުވޭތު ހިމެނެ އެވެ.