21 Dec 2020, 14:58
އިދިކޮޅުން ޕްރްގްރެސިވް ކޮންގްރެސް ކޯލިޝަނުން އަންނަ ހޮނިހިރު ދުވަހު "ވިސްނާ"ގެ ނަމުގައި ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
ޖަލްސާ ބާއްވަނީ ކާނިވާ ސަރަހައްދުގައި ހޮނިހިރު ދުވަހުގެ ރޭ 8:30ގަ އެވެ.
މިއަދު އެ ކޯލިޝަންގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާޙިމް ޝުޖާއު ވިދާޅުވީ، އެ ޖަލްސާ ބޭއްވުމަށް އެދި ހުއްދަ ހޯދުމަށް ކަމާ ބެހޭ ފަރާތްތަކަށް މިހާރު ސިޓީ ފޮނުވާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އުންމީދުކުރަން މިފަހަރު މި ސަރުކާރަށް މިކަން ކުރަން [ޖަލްސާ ބޭއްވުމަށް ހުއްދަ ދޭން] ކެރޭނެކަމަށް،" ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ޖަލްސާ ބާއްވަނީ ގައުމަށް ދިމާވެފައިވާ މައްސަލަތަކާއި ސަރުކާރުން ހަދާފައިވާ ގޯސްތަކާއި ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ކަމަށެވެ.
އެ ޖަލްސާގައި ވަރަށް "ސަޕްރައިޒިން" ކަންތަތައްތަކަށް ފެނުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ޖަލްސާ ކުރިއަށްދާނީ ގައިދުކަން އިސްކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިދިޔަ ދުވަސްތަކުގައިވެސް އިދިކޮޅު އެއްވުންތައް ބޭއްވުމަށް ކާނިވާ ސަރަހައްދު ދިނުމަށް އެތަށް ފަހަރަކު އެދިފައިވާނެ ކަމަށާއި ނަމަވެސް އެކަމުގެ ހުއްދަ ދީފައި ނުވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ޝުޖާއު ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ރަށްތަކުގައި އޮންލައިންކޮށް ޖަލްސާތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މާދަމާ ރޭ ޅ. ނައިފަރު އަދި ހޮނިހިރު ދުވަހުގެ ރޭ ގއ. ވިލިގިލީގައި އޮންލައިން ޖަލްސާ އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.