25 Jan 2012, 23:46
ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި މިރޭ އަޑުއުފުއްލެވުމުން އެކަމުގެ ރައްދު ވަރަށް ހިތިކޮށް އަންނާނެކަން ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް "ފެލާލައި ކޮށާލިއަސް، ޗިސްޗިސްކޮށްލިއަސް" އަބްދުﷲ ގާޒީ އަސްކަރިއްޔާ ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވާނެ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މި ރޭ ވިދާޅުވީ އޭނާ އެންމެ ފުރަތަމަ މުޒާހިރާއެއްގައި ވާހަކަފުޅު ދެއްކެވީ މިރޭ ކަމަށާއި މިރޭ މުޒާހިރާގައި ބައިވެރިވެވަޑައިގެންނެވީ ގާނޫނުތައް ތޮރުފާލާފައި ޑިމޮކްރަސީގެ އުސޫލާއި ހިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ނިޒާމުން ގެއްލުވާލައިގެން ސަރުކާރުން އުޅޭތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު އެކަމާ ގުޅޭ ގޮތުން ސަރުކާރުން އެއްވެސް ބަހެއް ބުނެފައި ނުވާތީ އެކަމަކީ ގާނޫނު އަސާސީ އާ ހިލާފަށް ކުރެއްވި ކަމެއްކަން ހާމަކުރެއްވުމުގެ ގޮތުން ކަމަށެވެ.
"އަޅުގަނޑަށް އެބައިނގޭ މިރޭ މުޒާހިރާގައި ވާހަކަ ދެއްކީމާ އެކަމުގެ ރައްދު ވަރަށް ހިތިކޮށް އަންނާނެކަން .އެއްފަހަރު އަތުވެއްޖެމެ. އެހެނަސް އަޅުގަނޑު ދަންނަވަން ބޭނުން ވަނީ މިހާލަތުގައި މިމައްސަލާގައި އަޅުގަނޑު ފެލާލިއަސް އަލުގަނޑު ކޮށާލިއަސް އަޅުގަނޑަށް ކޮންމެ ގޮތެއް ހެދިޔަސް އަޅުގަނޑު ޗިސްޗިސް ކޮށްލިއަސް އަޅުގަނޑުގެ ގައިން ނުކުންނަ ކޮންމެ ލޭތިއްކަކުން ވެސް ބުނާނީ އަބުދުﷲ މުހައްމަދު އެހުރީ ގާނޫނުގެ އިމުން ބޭރުން ހައްޔަރުކޮށްފައޭ. ގާނޫނޫ އަސާސީ އާ ހިލާފަށް ހައްޔަރުކޮށްފައޭ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގައި އެކިއެކި ބޮޑެތި ޖަރީމާތައް ހިންގައި ކުށްތަށް ކުރާފަރާތްތަކާ މެދު ގާނޫނާއި ގަވާއިދާ އެކުގައި ކަންކަންކުރާ އިރު އެމީހުންނަށް ހައްގުތައް ލިބިގެން ދާއިރު އަބުދުﷲ ގާޒީ ހައްޔަރުކޮށްގެން އުޅެނީ އެވަރު ކޮންކަމެއް ކޮށްގެންތޯ ސުވާލު އުފެދޭ ކަމަށެވެ.
"މީހުންމަރާ މީހުންނާއި ކުޑަކުދިންނާއި ޖިންސީ ގޯނާކުރާ މީހުންނާއި، ތުއްތުކުދިން ދަޅުދަޅަށް ލާފައި މަރާ މީހުންނާއި މަގުމަތީ ދާއިރު ވަޅިއަޅާ މީހުންނާއި ،މިއެންމެނަށް އެހައްގުތައް ލިބިދޭ އިރު އަބުދުﷲ ގާޒީ ކޮށްގެން އުޅެނީ ކޮންފަދަ ބޮޑު އަމަލެއްބާ. އޭނާ އަށް އެއްވެސް ހައްގެއް ނުދީ އޭނާ ގެންގޮސް ތަނެއްގައި ބާއްވާފައިވާތާ ހަފްތާއެއްވީ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިރޭ ސިފަކުރެއްވި ގޮތުގައި އަބުދުﷲ ގާޒީއާ މެދު މިހާރު އަމަލުކުރައްވަމުން ގެންދަވަނީ ސަރުކާރުން ޅަބުޅާގަނޑަކާއި މެދު ވެސް އަމަލް ކުރާވަރަށް ވުރެ ދަށުދަރަޖައިގެ ގޮތުގައިކަން ވަނީ ފާހަގަކުރަށްވާފަ އެވެ.
ނަޝީދު ވިދާޅުވީ ސަރުކާރުން އިތުރު އެއްވެސް ބަހަނާތަކެއް ނުދައްކަވައި ގާނޫނުގެ ތެރެއަށް ސަރުކާރު އަނބުރާވަދެ މިހާރުން މިހާރަށް އަބުދުﷲ ގާޒީ ދޫކޮށްލުމަށް ތަކުރާރުކޮށް ވަނީ ގޮވާލައްވާފަ އެވެ.