21 Dec 2020, 12:39
ފޭރުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން މޯލްޑިވްސް ޕޮލިސް ސާވިސްއިން މިއަދު އިއުލާނުކޮށްފި އެވެ.
ފުލުހުން މިއަދު ކުރި އިއުލާނެއްގައި ވަނީ، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ފޭރުމުގެ މައްސަލައަކާ ގުޅިގެން، ގދ. މަޑަވެލި، އުދަރެސް، އަހުމަދު އަބާން ވަހީދު (21އ) ހޯދަން އިއުލާނުކޮށްފަ އެވެ.
އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅައިގެން ހިއްސާ ކުރުމަށް ފުލުހުން އެދުނެވެ.
ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓަކީ ވައްކަމާއި ފޭރުމާއި، ސްކޭމް ފަދަ ކުށްތައް ތަހުގީގު ކުރާ ޑިޕާޓްމެންޓެެވެ. މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ އެ ޑިޕާޓްމަންޓުގެ ހެޑް، ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް އަލީ ފާއިޒު ވިދާޅުވީ، މި އަހަރުގެ ފުރަތަމަ 10 މަސް ދުވަހުގެ ތެރޭގައި ވައްކަމާއި ފޭރުމާއި އޮޅުވާލުންތަކުން މީހުން އަތުން ނަގާފައިވާ 2.9 މިލިއަނަށް ވުރެ ރުފިޔާގެ ތަކެތި އަތުލައިގަނެވިފައިވާ ކަމަށެވެ.
އޭގެ ތެރެއިން ފޭރުމުގެ މައްސަލަތަކުގައި އަތުލައިގަތް 300،000 އަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ހޯދައި، އޭގެ ތެރެއިން ބައެއް ތަކެތި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފާއިޒު ވިދާޅުވެފައިވެ އެވެ.