ވޮޝިންޓަން (ޑިސެމްބަރު 21): ކޮވިޑް-19 ބަލިމަޑުކަމާ ހެދި ލިބުނު ގެއްލުންތަކުގެ ސަބަބުން ރައްޔިތުންނަށް އެހީ ފޯރުކޮށްދޭން ފާސް ކުރާނެ ރިލީފް ބިލާ ބެހޭ ގޮތުން އެގައުމުގެ ކޮންގްރެސްއަށް އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް ސެނެޓުގެ ލީޑަރުން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ސެނެޓުގެ މައިނޯރިޓީ ލީޑަރު ޗަކް ޝޫމާ ވިދާޅުވި ގޮތުގައި ކޮންގްރެސްގެ ތިރީގެ އާއި މަތީގެއިންވެސް މިހާރު އެއްބަސްވެފައިވާ، ގާތްގަނޑަކަށް 900 ބިލިއަން ޑޮލަރުގެ ރިލީފް ބިލަށް ދެ ޗޭމްބަރުންވެސް ރުހުން ލިބޭނެ އެވެ. އަދި ސެނެޓުގެ މެޖޯރިޓީ ލީޑަރު މިޗް މެކޮނެލް ވިދާޅުވި ގޮތުގައި އެ ބިލް ފާސް ކުރުމާއެކު ކޮރޯނާވައިރަހާ ގުޅުން ހުރި ގެއްލުންތައް ފޫބެއްދުމަށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ.

"ޗުއްޓީ ދުވަސްވަރު އެމެރިކާގެ ރައްޔިތުން ކޮރޯނާވައިރަސް ބަލިމަޑުކަމާ ކުރިމަތިލަމުންދާ އިރު، ރައްޔިތުން އެކަނި ތިބެން ދޫކޮށްނުލާނަން. ކޮންގްރެސްއިން ވަނީ އެއްބަސްވުމަކަށް އައިސްފަ. އަޅުގަނޑުމެން ވީހާވެސް އަވަހަކަށް ރެސްކިއު ޕެކޭޖެއް ފާސް ކުރާނަން. އިތުރު އެހީ އެބަ ލިބޭ،" މެކޮނެލް ވިދާޅުވި އެވެ.

އެ ބިލް ފާސް ކުރަން ވޯޓު ނަގާނެ ގަޑިއެއް އަދި އިއުލާން ކޮށްފައި ނުވި ނަމަވެސް މިއަދުގެ ވަގުތެއްގައި ބިލް ފާސް ކުރާނެ ކަމަށް އެމެރިކާގެ މީޑިއާތަކުގައިވެ އެވެ.

އެ ޕެކޭޖުގެ ދަށުން ފޯރުކޮށްދޭ އެހީގެ ތެރޭގައި ކުޑަ މުސާރައެއް ލިބޭ މީހުންނަށްދޭ ފައިސާ އާއި ވަޒީފާ ނެތް މީހުންނަށާއި ކުދި ވިޔަފާރިތަކަށް ހާއްސަކޮށްފައިވާ ފައިސާ ހިމެނެ އެވެ. އަދި ކޮވިޑް ވެކްސިން "ހޯދުމާއި ޑިސްޓްރިބިއުޓް" ކުރުމަށްވެސް އެ ބިލުން 30 ބިލިއަން ޑޮލަރު ހާއްސަ ކުރާނެ އެވެ.

މީގެ އިތުރުން، އަންނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމަޔަށް ފެޑެރަލް އޭޖެންސީތަކަށް ހަރަދު ކުރާނެ 1.4 ޓްރިލިއަން ޑޮލަރުގެ ސްޕެންޑިން ބިލެއްވެސް އެ ރިލީފް ބިލާއެކު ކޮންގްރެސްއިން ފާސް ކުރާނެ އެވެ.

އެމެރިކާގެ ކޮންގްރެސްއިން މިދިޔަ މާޗް މަހު ވަނީ 2.3 ޓްރިލިއަން ޑޮލަރުގެ ރިލީފް ބިލެއް ފާސްކޮށްފަ އެވެ. އެއީ އެގައުމުގެ ތާރީހުގައި ފާސްކުރި އެންމެ ބޮޑު އިގުތިސާދީ ރިލީފް ޕެކޭޖެވެ.

އެމެރިކާގައި މިހާތަނަށް 17.9 މިލިއަން މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 318،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި ބަލިމަޑުކަން ފެށުނު ފަހުން އެގައުމުން ވަޒީފާ ގެއްލުނު މީހުންގެ ތެރެއިން 10 މިލިއަން މީހުންނަށް އަދިވެސް ވަޒީފާއެއް ލިބިފައި ނުވެ އެވެ.