އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ފަސް މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.

ސެޕްޓެމްބަރު 14، 2020 ވަނަ ދުވަހުގެ ރޭ 9:38 ގައި އެ މީހުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތި ބޭނުންކޮށް، ގެންގުޅެ އޭގެން ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ފުލުހުން ވަނީ ހ. ވައިފިނި ބަލައި ފާސްކޮށް، ހަތް މީހަކު ހައްޔަރުކޮށްފަ އެވެ.

ހައްޔަރު ކުރި ހަތް މީހުންގެ ތެރެއިން ފަސް މީހެއްގެ ބަންދު އެކި ފަހަރުމަތިން ކްރިމިނަލް ކޯޓުން އިތުރުކޮށްދީފައިވެސް ވެ އެވެ.

އެ ފަސް މީހުންނަކީ:

  • ގއ. ވިލިނގިލި، ޒޫމް، މުހައްމަދު ތަގިއްޔު

  • ކ. މާފުށި، ވާރޭވިލާ، އަހުމަދު އަހުނަފް އަސްފާގު
  • ގދ. ވާދޫ، ޗިޗަންޑާގެ، މުހައްމަދު ވިސާމް
  • ހދ .ނޮޅިވަރަން، ހިޔާ، އަމްޖަދު އަބްދުއްސައްތާރު
  • ގއ .ވިލިނގިލި، ނައިންފުލާވަރ، އީމާން މުހައްމަދު

އެ މީހުންގެ ފަރާތުން މުޖުތަމައުއަށް ނުރައްކާ ވެދާނެތީ، ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރަކަށް ދައުލަތުން މި މަހުގެ ތިން ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ވަނީ އެދިފަ އެވެ. އެ ދުވަހު އެ ކޯޓުން ނިންމީ އެ ފަސް މީހުން ދޫކޮށްލާށެވެ. އެ މީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވެ އެވެ. އެ ނިންމުން ނިންމެވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު މުހައްމަދު މިސްބާހުއެވެ.

ކްރިމިނަލް ކޯޓުގެ އެ ނިންމުން ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ހައިކޯޓުން އެ މައްސަލަ ބަލައި އިއްޔެ ނިންމާފައި ވަނީ ކްރިމިނަލް ކޯޓުން އެ ފަސް މީހުން ދޫކޮށްލަން ނެރުނު އަމުރުތަކަކީ ގާނޫނާ ހިލާފަށް ނެރެފައިވާ އަމުރުތަކެއް ކަމަށެވެ.

އެހެންވެ، އެ އަމުރުތައް ބާތިލުކޮށް، އެ ފަސް މީހުންނަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިމެންދެން އެ ފަސް މީހުން ބަންދުގައި ބަހައްޓައިދިނުމަށް ދައުލަތުން ކުރިމިނަލް ކޯޓަށް ހުށަހަޅާތާ ހަތް ދުވަހުގެ ތެރޭގައި، އެ ފަސް މީހުން ޝަރީއަތް ނިމެންދެން ބަންދުުގައި ބެހެއްޓުމާމެދު ހައިކޯޓުން އެ މައްސަލައިގައި ނިންމި ގޮތުގެ މައްޗަށް ރިއާއަތްކޮށް ގޮތެއް ކަނޑައެޅުމަށް ހައިކޯޓުން ހުކުމްކޮށްފައި ވެއެވެ.

ހ. ވައިފިނީގައި ހިންގި އޮޕަރޭޝަންގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި 42 ދަޅާއި 28 ރަބަރު ޕެކެޓާއި 216 ސެލޯފިންކޮޅާއި ޖޫސް ޕެޓީ ކޮތަޅެއްގެ އިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗަކާއި ދުންފަތް އަޅާފައިވާ ބިޑިއަކާއި މަނާބޭހުގެ 255 ގުޅަ އާއި ބަނގުރާ ފުޅިއެއް ފެނިފައިވެ އެވެ. އޭގެ އިތުރުން އެގެއިން 17،150 ރުފިޔާ ފެނިފައިވެ އެވެ.

މި މީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ އެއް ކިލޯއަށް ވުރެ ގިނަ ކެނަބިސް އާއި 108 ގްރާމުގެ އެމްޑީއެމްއޭ އަދި ހަތް ގްރާމް ހެރޮއިން ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ.