އިނގިރޭސިވިލާތުން މިހާރު ފެނިގެންއުޅޭ ކޮރޯނާވައިރަސްގެ އާ ސްޓްރެއިން އާ ގުޅިގެން ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރާ މިންވަރު ހަރުދަނާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު އެމްޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ކޮރޯނާވައިރަސްގެ އާ ސްޓްރެއިން ނުވަތަ އެއަށް ބަދަލުއައުމުން އޭގެ އައުވައްތަރެއް (ސުލާލަތެއް) ފެނުނުކަމަށް އިނގިރޭސި ސައެންސްވެރިން ބުނެފައި ވަނީ އެވައިރަހުގެ ޖީންއަށް ފުރަތަމަ ފަހަރަށް ބަދަލެއް އައިކަން ސައެންސްގެ އަލީގައި ކަށަވަރުވުމުންނެވެ. ކޮރޯނާ ވައިރަހުގެ ޖީންއަށް ބަދަލުއައީ ޖާމް ސެލްއެއް މިއުޓޭޓްވުމުގެ ސަބަބުން ކަމަށް އިނގިރޭސި ސައެންސްވެރިން ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން ރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އާ ސްޓްރެއިންގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިފަދަ ކަންކަމުން ސަލާމަތް ވެވޭނީ ކޮވިޑް19 އިން ރައްކާތެރިވުމަށް މިހާރުވެސް އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުކަން ދީ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމުން ކަމަށެވެ.

"އަޅުގަނޑުމެން ވެސް މިދަނީ ސްޓްރެއިންގެ ކަންތައްތަ ވެސް ވަރަށް ގާތުން ބަލަމުން. މިކަމާ ގުޅިގެން މިހާރު ހުރި ފިޔަވަޅުތައް އިމްޕްލިމެންޓޭޝަން ރަނގަޅު ކުރުމަށް، އަދި ފިޔަވަޅުތައް ތަންފީޒު ކުރެވޭ މިންވަރު އިތުރު ކުރުމަށް މަސައްކަތް ކުރަމުން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ކޮރޯނާ ވައިރަހުގެ އާ ސްޓްރެއިން ފެނި އެ ވައިރަސް ފެތުރެން ފަށާފައިވީ ނަމަވެސް އެއީ ކޮވިޑް19 އަށްވުރެ ފުރާނައަށް ނުރައްކާ ސްޓްރެއިން އެއް ކަމަށް އަދި ނުބެލެވޭ ކަމަށާއި ނަމަވެސް މިކަން ކަށަވަރުކުރުމަށް ދިރާސާތަކެއް ކުރަމުންގެންދާ ކަމަށް ސައިންސްވެރިންނާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ. އާ ސްޓްރެއިންއަކީ ކުރިއަށް ވުރެ ހަލުވިކަމާ އެކު ފެތުރޭ ވައިރަހެއް ކަމަށް އިނގިރޭސި ސައިންސްވެރިން ބުނެ އެވެ.

އަލަށް ފެނުނު ސްޓްރެއިން އާމެދު ދެން އުފެދިފައިވާ ކަންބޮޑުވުވުމަކީ ކޮވިޑް19 އާ ދެކޮޅަށް މިހާރު އުފައްދާފައިވާ ވެކްސިނަށް ނުގުޑާ ބާވަތަކަށް ވެދާނެކަމުގެ ބިރު އޮތުމެވެ. ނަމަވެސް އެކަމުގެ ނެތްކަމަށް އިނގިރޭސިވިލާތުން ބުނެ އެވެ.

ކޮވިޑް19 އަށް ވެކްސިން އެއް އީޖާދުކޮށް އެ ވެކްސިން ބައެއް ގައުމުތަކުގައި ބޭނުންކުރަންފަށާފައިވާ މިދަނޑިވަޅުގައި ކޮވިޑް19 ގެ ބިރުވެރިކަން ކުޑަވެދާނެކަމުގެ އުންމީދު އާލާވެފައިވަނިކޮށް އިނގިރޭސިވިލާތުން މިހާރު ފެނިގެންއުޅޭ ކޮރޯނާވައިރަސްގެ އާ ސްޓްރެއިންގެ ސަބަބުން ދުނިޔޭގެ ގައުމުތައް އަނެއްކާ ވެސް ވަނީ ކަންބޮޑުވާން ފަށައިފަ އެވެ.