ހުޅުމާލެ ބީޗުން ވޯޓާ ސްޕޯޓްސް މަސައްކަތް ކުރާ ފަރާތްތަކަށް ބިން ދޫކުރަން ފަށައިފި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "ސަން" ވިދާޅުވީ ހުޅުމާލެ ބީޗުން ވޯޓާ ސްޕޯޓްސް އަށް ބިން ދޫކުރަނީ އެއްވެސް ގެޔެއްގެ ކުރިމައްޗަށް ނުވާނެހެން ކަމަށެވެ.

"އެއްވެސް ގެޔެއްގެ ކުރިމައްޗަށް ނުވާގޮތަށް، މަގުތަކުގެ ކަންމަތިތަކާ ދިމާވާހެން ހުންނަ ސަރަހައްދުތަކުން މި ދޫކުރަނީ،" ސުހައިލް ވިދާޅުވި އެވެ.

އެގޮތަށް ބިން ދޫކުރަނީ ކުރިންވެސް ހުޅުމާލޭ ބީޗްގައި އެގޮތަށް އެ މަސައްކަތް ކުރާކަމަށް ފާހަގަކުރެވިފައިވާ ފަރާތްތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްޑީސީ އިން ބުނީ މިހާރު ހުޅުމާލޭ ބީޗުގައި ވޯޓާ ސްޕޯޓްސްގެ ހަރަކާތްތައް ހިންގާ، އެ ވިޔަފާރި ކުރާ ފަރާތްތަކަށް ބީޗުން ޖާގަ ދިން ނަމަވެސް، އިތުރު ފަރާތްތަކަށް ޖާގަ ދޭން ނިންމާފައި ނުވާ ކަމަށެވެ.

އެގޮތަށް ޖާގަ ދެނީ ކުއްޔަށް ކަމަށް އެޗްޑީސީ އިން ބުންޏެވެ.

ނަމަވެސް ކުލީގެ ގޮތުގައި ނަގަނީ ކިހާ އަދަދެއް ކަމެއް، އަދި ދޫކުރަނީ ކިހާ ޖާގައެއް ކަމެއް ނުބުންޏެވެ.

އެޗްޑީސީ އިން ބުނީ ވޯޓާ ސްޕޯޓްސް އަށް ދޫކުރާ ބިމުގައި އިތުރު ވިޔަފާރި އެއް ނުހިންގޭނެ ކަމަށެވެ.

މީގެ ކުރިން ހުޅުމާލެ ބީޗުގައި އެއްވެސް އުސޫލެއް ނެތި ކެފޭ ރެސްޓޯރެންޓު ހިންގަމުން ދަނިކޮށް އެޗްޑީސީ އން ވަނީ އެތަންތަން ނަގައިފަ އެވެ. މިއާއެކު އާންމުންނަށް ބީޗަށްގޮސް އުޅެލެވޭނެ މާހައުލެއް ފަހިވި އެވެ.