އެމްޑީޕީގެ ފަންޑް ރައިސިން ކޮމެޓީގެ ކުރީގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ޖުމުހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށް މަޝްވަރާ ކުރައްވަމުން އަންނަ ކަމަށް އޭނާ މިރޭ ވިދާޅުވެއްޖެ އެވެ.

ޔޮޓް ޓުއާސްގެ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ ޖާބިރު މިރޭ ވިދާޅުވީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމުގެ މަޝްވަރާތައް ހިނގާ އިރު، އޭނާ ހައްދަވަން ވިދާޅުވި ޕާޓީގެ ކަންތައްތައް ވެސް ހިނގަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ އޭނާ ވިސްނަވައިގެން ހުންނެވީ އޭނާ ހުންނަވާނެ އެންމެ ފަހު ޕާޓީއަކީ އެމްޑީޕީ ކަމަށް ހެއްދެވުން ކަމަށާއި ނަމަވެސް މިއަދު ރާއްޖޭގައި ކަންކަން ހިނގާ އުސޫލަށް ބަލާ އިރު، އެ ގޮތަށް ހުންނެވުމުގެ ވިސްނުން ކޮންޓްރޯލުން ގޮސްފައިވާ ކަމަށާއި އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރައްވަން މަޖުބޫރުވެފައިވާ ކަމަށެވެ.
ޖާބިރު ވިދާޅުވީ އޭނާ މިވަގުތު ހުންނެވީ މާލެއިން ބޭރުގައި ކަމަށާއި މާދަމާ އެމްޑީޕީ އިން ވަކިވުމަށް ސިޓީ ފޮނުއްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ އެކު މަޝަވަރާތައް ކުރައްވަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށެވެ.