ޖެނީވާ (ޑިސެމްބަރު 21) : އިނގިރޭސިވިލާތުން މިހާރު ފެނިގެންއުޅޭ ކޮރޯނާވައިރަސްގެ އައު ވޭރިއަންޓާމެދު ކަންބޮޑުވާކަމަށާއި އެވޭރިއަންޓް ދިރާސާކުރުމަށް އިނގިރޭސިވިލާތުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ގިނަ މަސައްކަތް ކުރަމުން ގެންދާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔޫއެޗްއޯ) އިން ބުނެފި އެވެ.

ކޮރޯނާވައިރަސްގެ އައު ވޭރިއަންޓް ނުވަތަ އެއަށް ބަދަލުއައުމުން އޭގެ އައުވައްތަރެއް (ސުލާލަތެއް) ފެނުނުކަމަށް އިނގިރޭސި ސައެންސްވެރިން ބުނެފައި ވަނީ އެވައިރަހުގެ ޖީންއަށް ފުރަތަމަ ފަހަރަށް ބަދަލެއް އައިކަން ސައެންސްގެ އަލީގައި ކަށަވަރުވުމުންނެވެ. ކޮރޯނާ ވައިރަހުގެ ޖީންއަށް އަށް ބަދަލުއައީ ޖާމް ސެލްއެއް މިއުޓޭޓްވުމުގެ ސަބަބުން ކަމަށް އިނގިރޭސި ސައެންސްވެރިން ބުނެފައިވެ އެވެ.

ކޮރޯނާ ވައިރަހުގެ އައު ވޭރިއަންޓެއް ފެނި އެ ވައިރަސް ފެތުރެން ފަށާފައިވީ ނަމަވެސް އެއީ ކޮވިޑް-19 އަށްވުރެ ފުރާނައަށް ނުރައްކާ ވޭރިއަންޓެއް ކަމަށް އަދި ނުބެލެވޭ ކަމަށާއި ނަމަވެސް މިކަން ކަށަވަރުކުރުމަށް ދިރާސާތަކެއް ކުރަމުންގެންދާ ކަމަށް ސައެންސްވެރިންނާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ. އަލަށް ފެނުނު ވޭރިއަންޓާ މެދު ކަންބޮޑުވުން އުފެދިފައި ވަނީ އެއީ ކޮވިޑް-19 އާ ދެކޮޅަށް މިހާރު އުފައްދާފައިވާ ވެކްސިނަށް ނުގުޑާ ބާވަތަކަށް ވެދާނެކަމުގެ ބިރު އޮތުމުންނެވެ.

ނަމަވެސް މިކަން ސާބިތު ކޮށްދޭ ހެއްކެއް އަދި ލިބިފައެއް ނުވެ އެވެ. ކޮރޯނާވައިރަސްގެ އައު ވެރިއަންޓް މިހާރު ވަނީ ޔޫރަޕްގެ އިތުރު ގައުމުތަކުން ވެސް ފެނިފަ އެވެ. މީގެތެރޭގައި ނެދަލަންޑްސް ހިމެނެ އެވެ. އިނގިރޭސިވިލާތުން ފެނުނު ކޮރޯނާ ވައިރަސްގެ އައު ވޭރިއަންޓް (ސުލާލަތު) އާބެހޭ މައުލޫމާތު، އިނގިރޭސިވިލާތުން ހިއްސާ ކުރަމުން ގެންދާކަމަށް ޑަބްލިއުއެޗްއޯއިން ބުނެ އެވެ. މިއާއެކު ޑަބްލިއުއެޗްއޯއިން ވެސްވަނީ މައުލޫމާތު ލިބޭވަރަކުން މި އައު ވޭރިއަންޓާބެހޭ މައުލޫމާތު ދުނިޔޭގެ ގައުމުތަކާ ހިއްސާ ކުރަމުންދާނެ ކަމަށް ބުނެފަ އެވެ.

ކޮވިޑް-19 އަށް ވެކްސިން އެއް އީޖާދުކޮށް އެ ވެކްސިން ބައެއް ގައުމުތަކުގައި ބޭނުންކުރަންފަށާފައިވާ މިދަނޑިވަޅުގައި ކޮވިޑް-19 ގެ ބިރުވެރިކަން ކުޑަވެދާނެކަމުގެ އުންމީދު އާލާވެފައިވަނިކޮށް އިނގިރޭސިވިލާތުން މިހާރު ފެނިގެންއުޅޭ ކޮރޯނާވައިރަސްގެ އައު ވޭރިއަންޓްގެ ސަބަބުން ދުނިޔޭގެ ގައުމުތައް އަނެއްކާ ވެސް ވަނީ ކަންބޮޑުވާން ފަށައިފަ އެވެ. (ނޫސްއެޖެންސީތައް)