މާލެއެކޭ އެއްގޮތަށް އަތޮޅު ތެރޭގައިވެސް ވެކްސިން ރައްކާކުރާނެ ނިޒާމް ގާއިމްކުރާނެކަމަށް ހެލްތު އިމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ކޮވިޑާ ދެކޮޅަށް ތައްޔާރުކޮށްފައިވާ ބައެއް ވެކްސިންތަކަކީ ވަރަށް ފިނީގައި ބަހައްޓަން ޖެހޭ ވެކްސިން ތަކެކެވެ. އަދި އެ ފިނިކަންމަތީގައި ބެހެއްޓާނެ ވަސީލަތްތައް އަދި މުޅިދުނިޔޭގައިވެސް ވަރަށް މަދެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ މާލެއެކޭ އެއްގޮތަށް އަތޮޅު ތެރޭގައިވެސް ވެކްސިން ރާއްކާކުރުމުގެ ކެޕޭސިޓީ ގާއިމްކުރާނެ ކަމަށެވެ.

"މިހާރުވެސް އާންމުކޮށް ބޭނުންކުރާ ވެކްސިން ޕްރޮގްރާމްގައި ވެކްސިންތައް އަތޮޅުތެރޭގައި ރައްކާކުރެވޭނެ. އެ ފިނިހޫނުމިން ބެލެހެއްޓިގެން ދާނެ. މިހާރު އަޅުގަނޑުމެން މަސައްކަތް ކުރަނީ ޑަބްލިއުއެއްޗްއޯ އަދި ޔުނިސެފް މެދުވެރިކޮށް އިތުރު ކެޕޭސިޓީ ބޭނުންވާނެ އާ ވެކްސިނެއް ގެންނައިރުގަ. އެކަމަށް ބޭނުންވާ ހާއްސަ ރެފްރިޖިރޭޓަރާ އެއްޗެތި ގަނެގެން ގެނެސް ބެހެއްޓުމުގެ އިންތިޒާމްތައް ހަމަޖައްސާނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ވެކްސިން ދޭއިރު ވެކްސިނުން ލިބިދާނެ ސައިޑް އިފެކްޓްސްއާއި އެ ސައިޑް އިފެކްޓްސް ދެނެގަންނާނެ ގޮތާ ރައްކާތެރިކަމާއެކު ވެކްސިން ޖަހާނެ ގޮތުގެ މައުލޫމާތު މާލެއެކޭ އެއްގޮތަށް އަތޮޅުތެރޭގެ ޑޮކްޓަރުންނާއި ނަރުހުންނަށް ފޯރުކޮށްދޭނެ ކަމަށެވެ.

"ވެކްސިން ޖަހައިގެން ދިމާވެދާނެ އެއްވެސް ސައިޑް އިފެކްޓެއް ހުރެއްޖިއްޔާމު އެ ރެކޯޑްކޮށް އެ އިންވެސްޓިގޭޓްކޮށް އެކަމާ ގުޅޭގޮތުން ކުރަން ޖެހޭނެ ކަންތައްތައްތައް ކުރަން ނިޒާމެއް ހަމަޖެހިގެންދާނެ. މިހާރުވެސް އާންމު ނިޒާމްތަކަށްވެސް މި ނިޒާމް އޮވޭ. އޭގެ އިތުރުން އި ނިޒާމް އިތުރަށް ހަރުދަނާކޮށް އޭގެ ޑޭޓާ ބޭސްއެއް ގާއިމްކުރުމުގެ މަސައްކަތް ކުރާނަން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑްގެ އިތުރު ސްޓްރެއިންއެއް މިހާރު އިނގިރޭސިވިލާތުން ފެނިފައެވެ. އެގައުމަކީ ރާއްޖެއަށް ފަތުރުވެރިން ގިނަ އަދަދަަކަށް އަންނަ ގައުމެއްވެސް މެއެވެ. އެ ސްޓްރެއިންއާ ގުޅޭގޮތުން މައުލޫމާތު ޑަބްލިއުއެޗްއޯއިން ލިބިފައިވާ ކަަމަށާއި އެކަމާ ގުޅޭގޮތުން އަޅާނެ ފިޔަވަޅުތަކާ ބެހޭގޮތުން ޓެކްނިކަލް ޓީމާއެކު މަޝްވަރާކުރަމުންދާ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އާ ސްޓްރެއިންއެއް އަޔަސް އެ ސްޓްރެއިން ފެތުރުން ހުއްޓުވަން ކުރަން ޖެހޭނީ މިހާރު ކުރަން ޖެހޭ މަސައްކަތްތައްކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

"ހާއްސަކޮށް ފަތުރުވެރިން މި އަންނަ ތަންތަނުގަ މިހާރު ހުރި ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް އެކަންކަން ވަރަށް ގާތުން އެ ތަންތަނުގެ އިސް ފަރާތްތަކުން ބަލާ މޮނިޓާ ކުރުމަކީ ވަރަށް މުހިންމުކަމެއް. ކޮންމެ ސްޓްރެއިންއެއްވިޔަސް ފެތުރުން ހުއްޓުވޭނީ މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުމާއި އަތް ސާފުކުރާއި މިކަންކަމުން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.