ބަދިގެއަކީ ގޭގެ ހިތެވެ. ބަދިގޭގެ ސާފުތާހިރުކަމާއި، ތަރުތީބުކަމަކީ ހަމަ ކޮންމެހެންވެސް މުހިންމު ކަމެކެވެ. އެހެންނަމަވެސް ބަދިގޭގައި ގިނަ ވަގުތުތަކެއް ހޭދަކުރާ މީހުން އެއްބަސްވާނެ އެންމެ ބޮޑު ހަގީގަތަކީ މުޅި ގެއިންވެސް ރީތިކޮށް ބަހައްޓަން އެންމެ އުނދަގޫ ތަނަކީވެސް ހަމަ މި ބަދިގެ ކަމެވެ.

ކިތަންމެ ރީތި، އަގުބޮޑު އަދި މޮޅު ވަސީލަތްތަކާއެކުވެސް ބަދިގެއެއް ރަނގަޅު ގޮތުގައި ނުބެލެހެއްޓިޖެނަމަ އެއިން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.

އާންމުކޮށް މިފަދައިން ބަދިގެތަކުގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ކަބަޑުތަކުން ނުބައި ވަސް ދުވުމެވެ. މިއީ ފަހަރެއްގައި ވަކި މީހަކު ވަކި ގޮތަކަށް ކަމެއް ކުރުމުން ދިމާވާ ކަމަކަށް ނުވެދާނެ އެވެ. ކަބަޑުތައް ގިނަ ދުވަސްވެ މުސްކުޅިވުމުން، ނުވަތަ ގިނަ ދުވަސްތަކެއް ވާންދެން ތެތްކަން ހަރުލާފައި ހުރުން އަދި އެ ކަބަޑުތަކުގައި ގިނަ ދުވަހު ރައްކާކުރެވިފައިވާ ތަކެތީގެ ބާވަތުންވެސް އެކި ޒާތްޒާތުގެ ވަސް ހަރުލާފައި ހުރުން އެކަށީގެން ވެއެވެ.

އެކަމަކު ހަމަ ކޮންމެފަހަރަކު، ކަބަޑުން ވަހެއް ދުވަނީއޭ ކިޔާ ބަދިގެ ސެޓުތައް އުކާލަންވެއްޖެނަމަ ސަލާމަތެއް ނޯންނާނެ ތާއެވެ. މިކަމުގެ ހައްލެއްގެ ގޮތުގައި އަމިއްލައަށް މި ދެތިން ކަންތައްކޮށްލަން ހިނގާށެވެ.

މުޅި ކަބަޑު ހުސްކޮށް، ވަސް މެދުވެރިވާ ސަބަބު ހޯދާ

ފުރަތަމަ ކަމަކީ ކަބަޑުގައި ވަސް ހަރުލާން ދިމާވާ ސަބަބު ހޯދުމެވެ. އެހެންކަމުން އެ ކަބަޑެއްގައި ބެހެޢްޓިފައި ހުރި ހުރިހާ އެއްޗެއް ނެރެ މިކަމެއް ދިމާވާ އަސްލު ސަބަބު ހޯދަމާ ހިނގާށެވެ. ގިނަ ފަހަރަށް ކަބަޑުގެ ތެރޭ އަޅާފައި އޮންނަ ކަރުދާހަކުން، ރަބަރަކުން ނުވަތަ އެފަދަ އެނޫންވެސް ފޮތިކޮޅަކުން ނަމަވެސް ވަސް ދުވުން އެކަށީގެން ވެއެވެ. ނުވަތަ ގިނަ ދުވަސްވެ ހަލާކުވެފައިވާ ކޮންމެވެސް ބާވަތެއްގެ އެއްޗަކުންވެސް ވަސް ދުވާފާނެ އެވެ. އެހެންކަމުން އަވަހަށް ހުރިހާ އެއްޗެއް ބަލައި މާގިނަދުވަސްވެފައިވާ މިފަދަ އެއްވެސް އެއްޗެއް އޮތްނަމަ ބަދަލުކޮށްލާށެވެ. ނުވަތަ އަލުން ދޮވެ ހިއްކައިގެން ބޭނުން ކުރާށެވެ.

ދޮރުތައް ހުޅުވައި ވައި ދައުރުކޮށްދީ

ފަހަރެއްގައި ފުރަތަމަ ހިސާބުންވެސް ވަސްދުވަން މެދުވެރިވާ ސަބަބު ދެނެގަނެވިދާނެ އެވެ. ނޫންނަމަ އަދިވެސް އުންމީދުު ކަނޑާނުލާށެވެ. އަދި މި ލިސްޓު ހަމަ ކުރިއަށް އޮތީ އެވެ.

ވަސް ދުވަން މެދުވެރިވި ސަބަބު ދެނެގަނެ އެ އެއްޗެއް ކަަބަޑުން އުނިކުރިއަސް އަދި ވަސް ހަމަ ދުވާފާނެ އެވެ. އެހެންކަމުން ކުޑަ އިރުކޮޅަކަށް ކަބަޑުގައި އެއްޗެހި ނުބަހައްޓައި ދޮރުތައް ހުޅުވާ ވައި ދައުރުވާން ބަހައްޓާށެވެ. ބޭނުމަކީ ހަރުލާފައި ހުރިވަސްވެސް ބޭރުވުމަށް ފުރުސަތުދިނުމެވެ. މިކަން އެންމެ ރަނގަޅަށް ހާސިލްވާނީ ކަބަޑުތައް އަވީގައި ޖެހޭނަމަ އެވެ.

އެއަށްފަހު ބަދިގެ ސާފުކުރުމަށް ހާއްސަ އެއްޗެއް ބޭނުންކޮށްގެން ރަނގަޅަށް ކަބަޑުތައް ދޮވެލާށެވެ. ކަބަޑަށް އެއްޗެއް އެޅިފައިވާނަމަ އެވެސް ސާފުކޮށްލަންވާނެ އެވެ.

ވިނެގާ، ބޭކިން ސޯޑާގެ އެހީ ހޯދާލާ

މި ހުރިހާ ކަމެއް ކުރުމަށްފަހު ދެންވެސް ވަސް ނުފިލައިފިނަމަ ދެން އޮތް ހައްލަކީ މިއެވެ. އެންމެ ފުރަތަމަ ކޮފީ ބީންސް އާއި، އެސެންޝަލް އޮއިލް އަދި މިކަމަށް ހާއްސަ ކެބިނެޓް ޑިއޯޑްރަންޓްސް ބޭނުންކޮށްލާށެވެ. މާބޮޑު ކުރިއެރުމެއް ނުލިބޭނަމަ ދެން އޮތީ ވަރުގަދަ ހަތިޔާރެކެވެ.

ކަބަޑުތައް ޑިސްއިންފެކްޓް ކުރުމަށް، ސާފުކުރުމަށް އަދި ނުބައި ވަސްތަކުން ދުރުކުރުމަށް ވިނެގާއަކީ ނިކަން ރަނގަޅު އަދި އަގުހެޔޮ ފަރުވާއެކެވެ. ކުޑަ ބޯތަށްޓަކަށް ވައިޓް ވިނެގާ ނުވަތަ ސައިޑާއެއްވިޔަސް އަޅާފައި ބަހައްޓާށެވެ. އެވަރުންވެސް ވަސް ނުފިލައިފިނަމަ ވިނެގާ އާއި ބޭކިން ސޯޑާއަކާ އެއްކޮށްލުމަށްފަހު ހާކާލާށެވެ. އަދި ފަހުން ރަނގަޅަށް ހުދު ކުލަ ފިލަންދެން ސާފުކޮށްލަންވާނެ އެވެ.

މިގޮތްވެސް މަސައްކަތް ނުކޮށްފިނަމަ ބްލީޗް ސޮލިއުޝަން އެއްވެސް ބޭނުން ކުރެވިދާނެ އެވެ. އެއް މޭޒުމަތީ ސަމްސާ ބްލީޗް ގާތްގަނޑަކަށް ހަތަަރު ޖޯޑު ފެނަށް އެޅުމަށްފަހު ސްޕްރޭކޮށްލާށެވެ. މަދުވެގެން 15 މިނިޓް ބަހައްޓާށެވެ. އަދި ނިކަން ފަރުވާތެރިކަމާއި އެކު ތެތް ސްޕޮންޖަކުން ސާފުކޮށްލާށެވެ.

މިހުރިހާ ގޮތަކަށް އަމަލުކޮށްފައިވެސް ވަސް ނުފިލާނަމަ ދެން އެ ޖެހުނީ ކަމުގެ މޭސްތިރިއެއް ގެނެސްގެން ފަރުވާ ހޯދާށެވެ. ފަހަރެއްގައި މައްސަަލައަކީ ތި ހީކުރި ވަރަށްވުރެން ބޮޑު ކަމަކަށްވެސް ވެދާނެ އެވެ.