ދިވެހި ޕްރިމިއާ ލީގުގެ މެޗުވީކް ދޭއްގެ ތިންވަނަ މެޗުގައި މިއަދު ދަގްރާންޑޭ އާއި ސުޕަ ޔުނައިޓެޑް ކުޅުނު މެޗު އެއްވަރުވެއްޖެ އެވެ.

ގައުމީ ފުޓުބޯޅަ ސްޓޭޑިއަމުގައި މިއަދު ހަވީރު ކުޅުނު މި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާ އެކު މި ދެ ޓީމަށް ވެސް ވަނީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ. ސުޕަ ޔުނައިޓެޑް ފުރަތަމަ މެޗުގައި އީގަލްސް އަތުން 0-1 އިން މޮޅުވި އިރު، ދަ ގްރާންޑޭ ފުރަތަމަ މެޗުގައި 0-3 އިން ޓީސީގެ މައްޗަށް ވަނީ ކުރި ހޯދައިފަ އެވެ.

ދަ ގްރާންޑޭއާއި ސަސް ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެން --- ސަން ފޮޓޯ/ފަޔާޒް މޫސާ

ފުރަތަމަ މެޗުން ލިބުނު މޮޅާ އެކު މިރޭގެ މެޗަށް ދެ ޓީމުން ވެސް ވަރުގަދަ ސްކޮޑަކާ އެކު ނުކުން އިރު، ދެ ޓީމުން ވެސް މެޗުގައި ވަނީ ރަނގަޅު ކުޅުމެއް ދައްކާ ގޯލު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފަ އެވެ. އެގޮތުން މެޗުގެ 29 ވަނަ މިނަޓުގައި ދަ ގްރާންޑޭގެ ކެޕްޓަން ޔަސްފާދު ހަބީބް (މުލަކޭ) ފޮނުވާލި ބާރު ހަމަލާއެއް ސަސްގެ ބިދޭސީ ކީޕަރު ދިފާއު ކުރި އިރު، 30 ވަނަ މިނަޓުގައި ޖުނައިދް ޒާހިރުއަށް ވަނީ ގޯލު ޖަހަން ރަނުގެ ފުރުސަތެއް ލިބުފަ އެވެ. ގޯލުގެ ރޮނގު މަތިން ކަހަލަ ގޮތަކަށް ޖުނައިދު ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ.

އެއަށްފަހު 41 ވަނަ މިނަޓުގައި ޖުނައިދުއަށް ލިބުނު ދެވެނަ ފުރުސަތު ވެސް ދިޔައީ ބޭކާރުވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ދަ ގްރާންޑޭއިން ޓީމު ކުރިއަށް ޖައްސައިގެން ކުޅެ، 56 ވަނަ މިނަޓުގައި ވަނީ ލީޑު ނަގައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ އިފާޒް އަލީ އެވެ. އޭގެ އިރަކޮޅެއް ފަހުން އެ ޓީމުގެ ހޭދަރޯޗް އޮޓަބެކްއަށް ސަސްގެ އައިހަމް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވނީ ޕެނަލްޓީއެއް ދީފަ އެވެ. ހޭދަރޯވް ފޮނުވާލި އެ ޕެނަލްޓީ ސަސްގެ ކީޕަރު ވަނީ ދިފާއު ކޮށްފަ އެވެ.

ސަސްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ޖުނައިދު ވަރަށް މަސައްކަތުން ދިން ޕާހަކުން އެ ޓީމުގެ ބިދޭސީ މިޑްފީލްޑަރު އަތުޝީ ޔޮނެޒަވާ އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސަސްގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ މެޗުން ލިބުނު ޕޮއިންޓަކީ ކުޅުންތެރިން ދެއްކި ހިތްވަރުން ލިބުނު ޕޮއިންޓެއް ކަމަށެވެ. އަދި މެޗުގައި ލިބުނު ގިނަ ފުރުސަތުތައް ގޯލަކަށް ބަދަލުކޮށްލަން އުނދަގޫވީ ސްޓްރައިކަރުންގެ ތަޖުރިބާ މަދުވީމަ ކަމަށެވެ. އަދި އެ ޓީމުގެ ބިދޭސީ ފޯވާޑް އަނިޔާގައި ހުރުމުގެ ސަބަބުން މެޗުގައި ނުކުޅެވުމަކީ މެޗުން މޮޅުވާން އުނދަގޫވިކަމެއް ކަމަށް ނާދު ބުންޏެވެ.

ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހްފޫޒް (އިއްމަ) ބުނީ މެޗުގައި ޖުމުލަކޮށް ހުރިހާކުޅުންތެރިންގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނުނު ކަމަށެވެ. އެހެން ނަމަވެސް މިއީ ގައިގަނޑަކަށް ލިބިފައި އިން މެޗަކަށް ވެފައި ހެދުނު ބައެއް ގޯސްތަކެއްގެ ސަބަބުން ތިން ޕޮއިންޓް ނުލިބުނީ ކަމަށް ނާދު ވަނީ ބުނެފަ އެވެ.