25 Jan 2012, 21:09
މާލޭގެ އެއްވެސް ސަރަހައްދަކަށް އެއްވެ ހަމަނުޖެހުން އުފެދޭ ގޮތަށް އެއްވެސް ހަރަކާތެއް ހިންގައިފި ނަމަ އެކަން ހުއްޓުވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅު ފުލުހުން އަޅާނެ ކަމުގެ އިންޒާރު މިރޭ ފުލުހުން ދީފި އެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާލޭގައި މިހާރު ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ސަބަބުން އާއްމު ރައްޔިތުންނަށާއި ތަކެއްޗަށާއި މުދަލަށް ގެއްލުންދީ މާލޭގެ އަމަން އަމާކަން ނެތި ގޮސްފައިވާ ކަމަށެވެ.
ފުލުހުން މިރޭ އާއްމު ކުރި ބަޔާނުގައި ބުނަނީ މުޒާހިރާތަކާ ގުޅިގެން ހިނގާ ހަމަނުޖެހުންތަކުގައި އާއްމު ރައްޔިތުން ނަށާއި ނޫސްވެރިންގެ އިތުރުން ފުލުހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.
"... އާއްމު ރައްޔިތުންގެ ގެދޮރަށާއި ހޮޓާތަކަށާއި ވިޔަފާރި ކުރާތަންތަނަށާއި ޓީވީ ޗެނެލްތައް ހިންގާ ބައެއް އިމާރާތްތަކަށާއި އާއްމު ރައްޔިތުންނާއި ދައުލަތުގެ ބައެއް ވެހިކަލްތަކަށް ބޮޑެތި ގެއްލުންދީ މަގުމަތީގައި އިންދާފައި ހުރި ގަސްގަހާގެއްސަށް ވަނީ ގެއްލުންދީފަ އެވެ،" ބަޔާނުގައިވެ އެވެ.
އެއްވެސް ސަރަހައްދަކަށް އެއްވެ ހަމަނުޖެހުން އުފެދޭ ގޮތަށް އެއްވެސް ހަރަކާތެއް އެއްވެސް ފަރާތަކުން ނުހިންގުމަށް ވެސް ފުލުހުން ވަނީ ގޮވާލާ ފަ އެވެ.