21 Dec 2020, 09:27
ކޮންމެ އަހަރެއްގެ މި ދުވަސްވަރަކީ ދިވެހި ޓޫރިޒަމްގެ އެންމެ ބާރު ބޮޑު ދުވަސްވަރެވެ. ފިނިމޫސުމުގެ ޗުއްޓީ އާއި އާ އަހަރު ފާހަގަ ކުރުމަށް ލިބޭ ބޮޑު ޗުއްޓީއަށް ކޮންމެ އަހަރެއްގެވެސް މިދުވަސްވަރު އެތައް ލައްކަ ޓޫރިސްޓުންނެއް ރާއްޖެ އައިސް ފުރާލަ އެވެ. މިއީ ދިވެހި އިގްތިސާދަށް އެންމެ ދިރުން ބޮޑު ދުވަސްވަރެވެ.
މިދިޔަ އަހަރު ވެސް ޓޫރިޒަމް ސީޒަން ނިންމާލީ، 1.7 މިލިއަން ފަތުރުވެރިންގެ ރެކޯޑަކާއެކު އެވެ. ރާއްޖެއިން 2020 ވަނަ އަހަރާ ކުރިމަތިލީ އެ ރެކޯޑު ދަމަހައްޓައި އާ ކުރުމުގެ އަޒުމުގައި ނަމަވެސް، ކޮވިޑުގެ ރާޅުގައި ޖެހި އެ ހުރިހާ އުންމީދުތަކެއް އޮޔާ ދިޔައީ އެވެ.
ގާތްގަނޑަކަށް ފަސް މަހެއްހާ ދުވަހަށް ރާއްޖޭގެ ފަތުރުވެރިކަން "ތަޅުލަން" ޖެހުނެވެ. ދަތުރުފަތުރު ހުއްޓުމަކަށް އައިސް މަތިންދާބޯޓުތައް ގްރައުންޑުކޮށް މައި އެއާޕޯޓް ފަޅުވި އެވެ. ރިސޯޓުތަކާއި ޓޫރިސްޓު ހޮޓާތަކުގެ ކޮޓަރިތަކަށް ވެސް އެ ފަޅުކަން އައެވެ. ރާއްޖޭގެ އިގްތިސާދުގެ މައި ސިނާއަތް ހުއްޓުމާ އެކު އިގްތިސާދު ވެސް އެކީ ކުޑަވެ ހީނަރުވި އެވެ. ޓޫރިޒަމް ހުޅުވައިގެން މިވީ ފަސް މަހުގެ ތެރޭގައި މި ސިނާއަތަށް މިވަނީ ކިހިނެއް ހެއްޔެވެ؟

ކޮވިޑާ ގުޅިގެން ބޯޑާރު ބަންދުކުރުމާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެ، އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ދަތުރުތައް ވަނީ މަދުވެފައި، އެންމެ ޕީކް ގަޑިތަކުގައިވެސް އެއާޕޯޓް އޮންނަނީ ފަޅަށް --- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެންމެ ފުރަތަމަ ބޯޑަރު ހުޅުވި ޖުލައި 15 ގައި ގާތްގަނޑަކަށް 1،700 އެއްހައި ފަތުރުވެރިން ރާއްޖެ އައެވެ. އެ އަދަދަކީ އާންމުކޮށް އެންމެ މަދުން ފަތުރުވެރިން އަންނަ ދުވަސްވަރުގައިވެސް ދުވާލަކަށް އަންނަ އަދަދަށްވުރެ ވަރަށް ދަށް އަދަދެކެވެ.
މަހުން މަހަށް ބަލާއިރު ޓޫރިސްޓުން އަންނަ އަދަދު އިތުރުވާން ފެށީ އޮގަސްޓުން ފެށިގެންނެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު ޖުލައި މަހުގެ ފަހު 15 ގައި 1,701 ފަތުރުވެރިން، އޮގަސްޓުމަހު 7,628 ފަތުރުވެރިން، ސެޕްޓެމްބަރު މަހު 9,538 ފަތުރުވެރިން، އޮކްޓޯބަރު މަހު 21,515 ފަތުރުވެރިން އަދި މިދިޔަ ނޮވެމްބަރު މަހު 35,759 ފަތުރުވެރިންއަ އެވެ. މި ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ބައި ލައްކަ އަށްވުރެ ގިނަ ޓޫރިސްޓުން އައިސްފައި ވެއެވެ.
ކޮވިޑުގެ ބަލިމަޑުކަން ދުނިޔޭގެ އެކި ކަންކޮޅުތަކުން އަދިވެސް ފިލައިގެން ނުދާއިރު، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމުން ދޭހަވަނީ ރާއްޖޭގެ މަގުބޫލުކަން ފަނޑުނުވާކަމެވެ. މިއަހަރުގެ ވޯލްޑް ޓޫރިޒަމް އެވޯޑްސްގައި ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި ރާއްޖެ ހޮވިފައިވާއިރު، ކޮވިޑް-19 އާއި ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން، މިދިޔަ ހޮނިހިރުގެ ނިޔަލަށް 127،005 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓްގައި ޓޫރިސްޓުން ތަކެއް --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާއިރު ޓޫރިސްޓުންނަށް ހިދުމަތްދޭން ތިބި މުވައްޒަފުންވެސް ދަނީ އަނބުރާ ވަޒީފާތަކަށް ނިކުންނަމުންނެވެ. ކޮވިޑުގެ ބަލިމަޑުކަމާއެކު ޗުއްޓީ އަށް ދިޔަ ނުވަތަ ވަޒީފާ އިން ވަކިކުރި ގިނަ މުވައްޒަފުންތަކެއް އަނބުރާ ވަޒީފާ އަށް ނިކުމެފައިވާއިރު ގިނަ ރިސޯޓުތަކުގައި މިވަގުތު އޮކިޔުޕެންސީ އޮތީ 80 ޕަސެންޓުގަ އެވެ.
ދިވެހި ކުންފުންޏަކުން ހިންގާ ރިސޯޓެއްގެ މުވައްޒަފަކު ބުނީ މި ހަފްތާ ތެރޭ އެ ރިސޯޓު އޯވާ ބުކްވާނެ ކަމަށެވެ.
"ކްރިސްމަސް، ނިއު އިޔާ އާއި ދިމާކޮށް އެބަ އޯވާ ބުކްވޭ. މި ކޮމްޕެނީގެ ދަށުން ހިންގާ ހުރިހާ ރިސޯޓެއްވެސް އޯވާ ބުކްވޭ އެބަ 22-24 ހިސާބުގަ، ކުރިން، ކޮވިޑުގެ ކުރިން ޓޫރިސްޓުން އަންނަ އަދަދަށް މިހާރު އެބަ އާދޭ. މިކޮޅުގެ ގިނަ މުވައްޒަފުންވެސް މިހާރު ނެރެފި ވަޒީފާ އަށް،" އެ މުވައްޒަފު ބުންޏެވެ.
ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވަމުންދާ ކަމުގެ އެއް ސިގްނަލަކީ އަހަރުގެ ޓޫރިޒަމް ޓާގެޓު، ކަނޑައެޅި ތާރީހަށްވުރެ އަވަހަށް ހާސިލްވުމެވެ. ބޯޑަރު ހުޅުވާލިފަހުން އައި އެއް ލައްކަ ވަނަ ޓޫރިސްޓު މި މަހުގެ 12 ގައި އައިސްފައިވާއިރު އަހަރުގެ ޓޫރިޒަމް ޓާގެޓު، 500،000 ފަތުރުވެރިން ހަމަވީ މިމަހުގެ 17 ގައެވެ. މިއަހަރު ލަފާ ކޮށްފައި އޮތީ ފަސްލައްކަ ޓޫރިސްޓުން ހަމަވާނީ މިމަހުގެ 25 ގައި ކަމަށެވެ.

ޖުލައި 15، 2020: ކޮވިޑް19އާ ގުޅިގެން ތިން މަހަށްވުރެ ގިނަ ދުވަހަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުން: -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ އަހަރުގެ ބާކީ އޮތްތަނުގައި އިތުރު 40،000 ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެން ވެއްޖެނަމަ ގާތްގަނޑަކަށް ހަ ލައްކަ ޓޫރިސްޓުން ރާއްޖެ އަންނާނެ އެވެ. މިއީ މި ހާލަތުގައި ރާއްޖޭގެ ޓޫރިޒަމަށް ،ލިބޭނެ ބޮޑު ކާމިޔާބަކަށް ވާނެ އެވެ.
"އެރައިވަލް ނަންބަރުތައް އަޅުގަނޑުމެން ހީކުރި ވަރަށްވުރެ ވަރަށް ބޮޑުތައް މިވަނީ ރަނގަޅު ވެގެން ގޮސްފައި. އޭގެން އެނގެނީ ރާއްޖެ އާއި ދޭތެރޭ ދުނިޔޭގެ ގައުމުތަކުން އިތުބާރު ލިބިއްޖެކަން. ރާއްޖޭގެ ފަތުރުވެރިކަމަށް ބޭރުގައުމުތަކުގެ ސަރުކާރުތަކުންނާ ރައްޔިތުންނާ ޓުއަ އޮޕަރޭޓަރުން އަދި އެއާލައިން ތަކުގެ އިތުބާރު ރާއްޖެ އަށް ލިބިއްޖެކަން. އެއީ ވަރަށް ބޮޑު ކުރިއެރުމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ޓޫރިޒަމް ތަފާސް ހިސާބަށް ބަލާއިރު މި އަހަރު އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާ އިންނެވެ. އެއީ 46,065 ފަތުުރުވެރިންނެވެ. ބޯޑަރު ހުޅުވާލިފަހުން އެކަނިވެސް 23,226 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
ދެން އެންމެ ގިނަ ޓޫރިސްޓުން އައި ގައުމުތަކުގެ ތެރޭގައި އިންޑިއާ، އެމެރިކާ އަދި ޔޫއޭއީ އާއި އިނގިރޭސިވިލާތް ހިމެނެ އެވެ. ބްރެޒިލް އައި ޔޫކްރެއިން އަދި މިސްރުން އަންނަ ޓޫރިސްޓުންގެ އަދަދުވެސް އިތުރުވަމުންދާއިރު މިއީ ޓޫރިޒަމް ކުރިއަރަމުން އަންނަ ކަމުގެ ފެހި ސިގްލަނަލެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފަ އެވެ.
ރާއްޖެ އަންނަ އެއާލައިންތަކުގެ އަދަދު މިހާރު 20 އިން މައްޗަށް އަރާފައިވާއިރު ބައެއް އެއާލައިންތަކުން ދުވާލެއްގެ މައްޗަށް ކުރާ ދަތުރުތައްވެސް ވަނީ އިތުރު ކޮށްފަ އެވެ. ހާއްސަކޮށް ދުނިޔޭގެ އެކި ހިސާބުތަކުން ޓޫރިސްޓުން އުފުލާ އެމިރޭޓްސް، ގަތަރު އެއާވޭސް ފަދަ އެއާލައިންތަކުގެ ދަތުރުތަކަށް ޑިމާންޑު ބޮޑުވެ ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމާއެކު ޓޫރިސްޓުންގެ އަދަދު މައްޗަށް ދާތަން ދަނީ ފެންނަމުންނެވެ.
އަހަރުގެ ބާކީ އޮތް 10 ވަރަކަށް ދުވަހަކީވެސް ރާއްޖޭގެ ޓޫރިޒަމަށް އުއްމީދީ ދުވަސްތަކެކެވެ. ޓޫރިޒަމް އަލުން ކޮޅަށްޖަހާ ގައުމުގެ އިގްތިސާދު އާރާސްތުކުރުމަށް ކުރާ މަސައްކަތަށް އެންމެ ބޮޑު ހިތްވަރެއް ލިބެނީ ޓޫރިޒަމަށް އަންނަ ކުރިއެރުމުންނެވެ. އަންނަ އަހަރު 1.5 ޓޫރިސްޓުން ގެނައުމުގެ އަމާޒާއެކު މިއަހަރު ލިބުނު މި ކާމިޔާބީ އަކީ ދާއިރާގެ ހުރިހާ މަސައްކަތްތެރިންނާއި މުޅި ދިވެހިންނަށް ލިބުނު ކާމިޔާބީ އެކެވެ.