މާލޭގައި "ޑްރަގު ކެފޭ"ތައް ހިންގާ ގެތަކުގެ ވެރިންނާ ދެކޮޅަށް ދައުވާ ކުރަން ޕްރެސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފުލުހުން މައްސަލަ ފޮނުވައިފި އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ގެ ވެރިޔާ، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު މިއަދު "ސަން"އަށް ވިދާޅުވީ، މިހާތަނަށް ދައުވާ ކުރަން ފޮނުވީ އެންމެ ގެއެއްގެ މައްސަލަ ކަމަށެވެ. އޭގެ އިތުރުންވެސް އިތުރު ބައެއް އެހެން ގެތަކުގެ ވެރިންނާ ދެކޮޅަށް ދައުވާ ކުރަން ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާކިރު ވިދާޅުވި ގޮތުގައި މިހާރު ދައުވާ ކުރަން ފޮނުވާފައި ވަނީ މ. ބްރައިޓްފްލާވާ ގޭގެ ވެރިފަރާތްތަކާ ދެކޮޅަށެވެ.

"ދެން އަޅުގަނޑުމެން ހުންނާނީ އެފަދަ އެހެން ގެތަކުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަން އެތަންތަނުގެ ވެރިންގެެ ނޯޓިސްއަށް ގެނެސް، ގާނޫނީގޮތުން އަންގަން ޖެހޭ އެނގުންތައްވެސް އަންގާފައި،" ޝާކިރު ވިދާޅުވި އެވެ.

މާލޭގައި އެ ކެފޭތައް ހިންގަމުން އަންނަނީ، ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި އޭގެ ހުރިހާ ހިދުމަތެއްވެސް ދެވޭ ގޮތަށެވެ. މިއީ މިފަދަ ގެތަކުގެ ވެރިނަށް ދައުވާ ކުރަން ފޮނުވި ފުރަތަމަ ފަހަރެވެ.

އެހެން ނަމަވެސް އެތަންތަން ބަންދުކުރުމަށް ފުލުހުން ވަނީ މީގެ ކުރިން އެތައް މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން އެ ގޭގެ ވެރިންނަށް އެތަންތަނުގައި އެފަދަ އަމަލުތައް ހިންގާތީވެ، އެކަމުގެ މައުލޫމާތު އެތައް ފަހަރެއްގެ މަތިން ދީފައިވެ އެވެ. އެގޮތަށް ނޯޓިސް ދިނުމުން ވެރިފަރާތްތަކުން ވަނީ ބައެއް ތަންތަން ބަންދުވެސް ކޮށްފަ އެވެ.

ގޭގެ ވެރިފަރާތްތަކާ ދެކޮޅަށް ދައުވާކުރަން ފޮނުވި ނަމަވެސް، އެ ކެފޭތަށް ބަންދުކުރުމަށް އަދިވެސް ގާނޫނީ ހުރަސްތަކެއް ހުރި ކަމަށް ޝާކިރު ވިދާޅުވި އެވެ.

ފުލުހުން ދައުވާ ކުރަން ފޮނުވި ބްރައިޓް ފްލާވާ ގެއަކީ ގިނަ އަދަދަކަށް މަސްތުވުމަށް މީހުން ވަންނަ ގެއެކެވެ. އެތަނުގައި މީހުން މަސްތުވުމަށް ތިއްބި މަންޒަރު ފުލުހުން ވަނީ ނޫސްވެރިންނަށްވެސް މިފަހުން ދައްކާލާފަ އެވެ.

ޝާކިރު ވިދާޅުވީ، އެ ގޭގައި ދިރިއުޅޭ މީހުން ފިޔަވާ އިތުރު ބަޔަކަށް އެފަދަ ގޭގެއަށް ނުވަދެވޭ ގޮތް ހެދުމަށްވެސް މީގެ ކުރިން ފުލުހުން ކޯޓުގައި އެދުނެ އެވެ. އެހެން ނަމަވެސް ކޯޓުން އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމި ކަމަށް ޝާކިރު ވިދާޅުވި އެވެ.

ޝާކިރު ވިދާޅުވީ، އެތަންތަން ބަންދުކުރުމާމެދު ޕީޖީ އޮފީހުންވެސް ދިރާސާއެއް ހެދި ކަމަށެވެ. އެހެން ނަމަވެސް އަދި މިހާތަނަށް ގާނޫނީ ގޮތުން އެތަންތަން ބަންދު ކުރެވޭނެ ހައްލެއް އޮތް ކަމަށް އެ ދިރާސާއިން ނުދައްކާމަށް ޕީޖީ އޮފީހުން މައުލޫމާތު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން މާލޭގައި އެފަދަ 16 ވަރަކަށް ގެ އެބަހުއްޓެވެ. އޭގެ ތެރެއިން ބައެއް ގެތައް މިހާރު ބަންދުކޮށްފައިވެސް އެބަހުއްޓެވެ.