20 Dec 2020, 16:03
ގޭސްފުޅިއަކުން ގޭސް ލީކުވެ، ބާރުގަދަ ގޮވުމެއް ގޮވައި ގއ. ވިލިނގިލީ ގެެއަކަށް ގެއްލުންތަކެއް ވެއްޖެ އެވެ.
އެރަށު ގޯލްޑަން ހައުސްގެ އެއް ވަނަ ފަންގިފިލާއިން ބާރުގަދަ ގޮވުމެއް ގޮއްވީ މިއަދު ހެނދުނު 11:00 އެހާކަށްހާއިރު އެވެ.
އެ ގޭގެ ވެރިފަރާތުން "ސަން"އަށް ބުނީ، ގޮވުން ގޮވަން މެދުވެރިވީ، ބަދިގޭގެ ކަބަޑު ތެރޭގައި ހުރި ގޭސްފުޅިއަކުން ގޭސް ވަރަށް ބޮޑަށް ލީކްވެގެން ކަބަޑުގެ ތެރޭގައި އުފެދުނު ޕްރެޝަރުގެ ސަބަބުން ކަމަށެވެ.
"200 ފޫޓަށް އެ ގޮވުމުގެ އަޑު ހުރި. ގޮވުމާއެކު، ގެގޭގެ ބިއްލޫރިތައް ތެޅި، ފަންކާގެ ކަވަރުވެސް ނެއްޓުނު،" އޭނާ ކިޔައި ދިނެވެ.

ކ ފުރަތަމަ ފަންގިފިލާގެ ބިއްލޫރިތައް ތެޅިފައި ---
އޭނާ ބުނީ އެ ވަގުތު އެ ފަންގިފިލާގައި ހުރީ އެންމެ މީހެއް ކަމަށެވެ. އަދި އެ މީހާގެ ފަޔަށް ހޫނުވުމުގެ އަސަރުކޮށްގެން ކޮންމެވެސް ވަރަކަށް ފައި ފިހުނު ކަމަށް އޭނާ ބުންޏެވެ.
ގެއްލުން ލިބުނު މީހާގެ ފައިގައި މިހާރު ވަނީ ބޭސް އަޅާފަ އެވެ. އިތުރު ގެއްލުމެއް ނުލިބެ އެވެ.
ބާރުގަދަ ގޮވުމެއް ގޮވި ނަމަވެސް، އެއްވެސް ވަރަކަށް އެ ގޭގައި އަލިފާން ރޯވެފައެއް ނުވެ އެވެ.