ކޮވިޑް19ގެ ހާލަތުގައި ފަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ރަށްރަށަށް ދިޔުމުގެ ހުއްދަ ދޭނެ ހާލަތްތައް އެޗްޕީއޭ އިން ހަނދާންކޮށްދީފި އެވެ.

އެޗްޕީއޭ އިން މިއަދު އާންމުކުރި "ކޮވިޑް19ގެ ހާލަތާ ގުޅިގެން އާންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް އެއްރަށުން އަނެއްރަށަށް ދަތުރުކުރުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު"ގައި ބުނާގޮތުން ހަތް ހާލަތެއްގައި ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ރަށްރަށަށް ދެވިދާނެ އެވެ.

  • ކޭބަލް އަދި މީޑިއާ ނެޓްވޯކްގެ ހިދުމަތްތައް

  • ބޭންކުގެ ހިދުމަތްތައް
  • ވޯޓާ ސަޕްލައި، ކަރަންޓުފަދަ ޔުޓިލިޓީ ހިދުމަތްތައް
  • ސިއްހީ ހިދުމަތްދޭ ތަންތަނުގެ ކަންތައްތައް ބެލުމާއި ވަގުތީ ގޮތުން ދޭންޖެހޭ ހިދުމަތްތައް
  • މެއިންޓެނެންސް މަސައްކަތްތައް
  • ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ރަށްރަށުގައި ހިންގާ އެކިއެކި މަޝްރޫއާގުޅޭ މަސައްކަތްތައް
  • މިނޫންވެސް އާންމު ހިދުމަތްތަކާގުޅޭ އެހެނިހެން މަސައްކަތްތައް

އެޗްޕީއޭ އިން އާންމުކުރި އުސޫލުގައި، ސިޔާސީ ހަރަކާތްތައް ހިންގުމަށް ރަށްރަށަށް ދެވިދާނެ ކަމަށް ބުނެފައެއް ނުވެ އެވެ.

މި ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކަރަންޓީނުވުމުކާ ނުލާ މިފަދަ މަސައްކަތްކުރާ ފަރާތްތަކަށް ފަސް ދުވަހަށްވުރެ
ގިނަ ނޫން މުއްދަތަކަށް ރަށްރަށަށް ދާނަމަ އެޗްޕީއޭގެ ހުއްދަ ބޭނުންވާނެ އެވެ.

އެގޮތަށް މަސައްކަތެއް ކުރުމަށް މުވައްޒަފަކު ރަށަކަށް ފޮނުވަން ވާނީ އެ މުވައްޒަފެއްގެ ހުއްދައާއެކު ކަމަށް އުސޫލުގައި ބުނެ އެވެ. އަދި އެގޮތަށް ރަށެއްގައި ހުއްޓާ މުވައްޒަފު ޕޮޒިޓިވް ވެއްޖެނަމަ، އެކަން ރިޕޯޓު ކުރަންވާނެ އެވެ. އަދި ރަށަށް ގޮސް ހުންނަންވާނީ ރަށުގެ ރައްޔިތުންނާއި ވަކިންނެވެ. ކެއިން ބުއިމުގެ ކަންތައްވެސް ވަކިން އިންތިޒާމު ކުރަންޖެހޭއިރު، މަސައްކަތް ނިމުމުން ވީހާވެސް އަވަހަކަށް މުވައްޒަފު އަނބުރާ ގެންދަންވާނެ ކަމަށް އުސޫލުގައިވެ އެވެ.

އެޗްޕީއޭގެ އުސޫލުގައި ބުނީ މަސައްކަތް ކުރުމަށް 10 ދުވަހަށްވުރެ މަދު ދުވަހަށް އަންނަނަމަ އެކަމާ ގުޅިގެން އެޗްޕީއޭ އިން ނަގަން ޖެހޭ ހުއްދަތައް ނަގަން ޖެހޭނެ އެވެ.

އެޗްޕީއޭ އިން ބުނީ މި އުސޫލަކީ ކޮވިޑް-19ގެ ކޮމިޔުނިޓީ ސްޕްރެޑް އޮތް ރަށަކުން އެހެން ރަށަކަށް ގޮސް އެރަށުގައި ކޮންމެހެން ދޭންޖެހޭ ހިދުމަތްތަކާއި އެކިއެކި މަޝްރޫއުތަކުގެ މަސައްކަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ އުސޫލެއް ކަމަށެވެ.