25 Jan 2012, 20:59
ރާއްޖޭގެ އެތުލެޓިސް އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް ޒިފިޔަސް ސްޕޯޓްސް ކުލަބަގެ ފަރާތުން ވާދަކުރި މުހައްމަދު ތޮލާލް އިންތިހާބުވެއްޖެ އެވެ.
މިއަދު ހަވީރު މާލޭސިޓީ ހޯލުގައި ކުރިއަށް ދިޔަ އެތުލެޓިސް އެސޯސިއޭޝަންގެ ތިން ވަނަ އަހަރީ އާންމު ޖަލްސާގައި ތޮލާލް ރައީސްގެ މަގާމު ކާމިޔާބުކުރީ ވޯޓްލީ 10މީހުންގެ ތެރެއިން ފަސް މީހުންގެ ވޯޓުންނެވެ. ތޮލާލް އާ އެންމެ ކައިރިން ވާދަކުރީ މި މަގާމަށް ކުރިމަތިލި މުހައްމަދު ހާނިމް އެވެ. އޭނާ އަށް ލިބުނީ ހަތަރު ވޯޓެވެ. އަދި މިމަޤާމަށް ކުރިމަތިލި ނަޞީރު އިސްމާއީލަށް ލިބުނީ އެއް ވޯޓެވެ.
ރައީސް ކަމަށް އިންތިހާބުވެވަޑައިގަތުމަށް ފަހު ސަން އޮންލައިނާ ވާހަކަ ދައްކަވަމުން ތޮލާލު ބުނީ ރައީސްގެ މަގާމަށް އިންތިހާބުވުމުން އުފާވާކަމަށެވެ. އަދި ރައީސްގެ މަޤާމަށް ކުރިމަތިލީ ރާއްޖޭގެ އެތުލެޓިކްސް އަށް އިތުރު ކުރިއެރުންތަކެއް ހޯއްދައި ދިނުމުގެ އަޒުމުގައި ކަމަށާއި އެކަން އިރާދަ ކުރެއްވިއްޔާ ކުރާނެ ކަމަށް ވެސް ތޮލާލް މިއަދު ވަނީ ބުނެފަ އެވެ.
"ރައީސްގެ މަޤާމަށް ކުރިމަތިލީ ވަރަށް އަޒުމާ އެކު. މިމަގާމް ކާމިޔާބު ކުރުމުގެ އުންމީދުގައި. އެތުލެޓިކްސްގެ ކުރިމަގު ބައްޓަން ކުރުމުގެ އުންމީދުގައި. އިރާދަކުރެއްވިއްޔާ އަޅުނގަޑާ ހަވާލުވި ޒިންމާ ވަރަށް ފުރިހަމަ އަށް އަދާކުރެވޭތޯ މަސައްކަތް ކުރައްވާނަން" ތޮލާލް ބުންޏެވެ.
އެސޯސިއޭޝަންގެ ރައީސް އަކަށް ތޮލާލް އިންތިހާބުވި އިރު، ނައިބް ރައީސްއަކަށް ހޮވުނީ ހަ ވޯޓް ލިބުނު ބީޖީ ސްޕޯޓްސް ކުލަބުގެ މާދިހް އިސްމާއީލެވެ. އަދި ނައިބް ރައީސް ކަމުގެ މަގާމަށް ވާދަކުރެއްވި ސިފައިންގެ ކުލަބްގެ އަހުމަދު ޝަގީފް (ރިވަރިން)އަށް ލިބުނީ ހަތަރު ވޯޓެވެ.
އަދި މިއަދުގެ އިންތިހާބުގައި ޚަޒާންދާރުގެ މަގާމް ކާމިޔާބުކުރި މުސްތަފާ މުހައްމަދަށް ލިބިފައި ވަނީ ނުވަ ވޯޓެވެ. އަދި މިމަގާމަށް ވާދަކުރި މުޙައްމަދު ޝިހާނަށް ލިބުނީ އެއް ވޯޓެވެ.
މީގެ އިތުން އަންހެން މެމްބަރުގެ މަގާމަށް ކުރިމަތިލި ދެ މީހުންގެ ތެރެއިން އެމަގާމް ކާމިޔާބުކުރީ އާމިނަތު ޝާޒްލީ އެވެ. ހަ ވޯޓުން ޝާޒްލީ އަންހެން މެންބަރުގެ މަގާމް ކާމިޔާބު ކުރި އިރު، އެ މަގާމަށް ވާދަކުރި ޔަޒުނީ ނަޝީދާ އަށް ލިބިފައި ވަނީ ހަތަރު ވޯޓެވެ.
އިތުރު ތިން މެމްބަރުންގެ މަގާމަށް ވާދަކުރި 10 މީހުންގެ ތެރެއިން އަށް ވޯޓާ އެކު އެންމެ ކުރީގައި އުޅުނީ މުހައްމަދު ޝުޖާޢު އެވެ. އަދި ހަތް ވޯޓް މުޙައްމަދު ޝާހިދަށް ލިބުނު އިރު ތިން ވަނަ މެމްބަރަކަށް ހަ ވޯޓުން ހޮވިފައި ވަނީ ފާރިޝް އަބްދުﷲ އެވެ. އެހެން މީހުންނަށް ވޯޓް ލިބުނު ގޮތަށް ބަލާ އިރު އަލީ ނަދީމް ތިން ވޯޓް، ޔަޒްނީ ނަޝީދާ ދެ ވޯޓް އިބްރާހީމް އުމަރު އެއް ވޯޓް އަދި އަހްމަދު އަޒީލް، އަހުމަދު ޝަޤީފް (ރިވަރިން)، އިބްރާހީމް ތަވްފީގަށް އެއްވެސް ވޯޓެއް ލިބިފައެއް ނުވެ އެވެ.
މިއަދު ބޭއްވި އެތުލެޓިސްގެ އަހަރީ އާންމު ޖަލްސާގައި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ފާސްކޮށް މިއަހަރުގެ ކަލަންޑަރުގެ އިތުރުން، އެތުލެޓިސް އިން މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓް ވެސް މިއަދު ވަނީ ފާސްކޮށްފަ އެވެ. އެގޮތުން މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓަކީ 3.5 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ބަޖެޓްގެ އައިޓަމްތަކަށް ބަލާ އިރު އިންޓަނޭޝަނަލް މުބާރާތްތަކުގައި ބައިވެރިވުމަށް 1.4މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާ އިރު، ރާއްޖޭގައި ބާއްވާ މުބާރާތްތަކަށް އެއް މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނައިފަ އެވެ. އަދި ކޯޗުންނާއި އޮފީސް މުވައްޒަފުންގެ މުސާރަ އަށް 0.5މިލިއަން ޚަރަދުކުރަން އެބަޖެޓުން ރާވާފައިވާ އިރު، މީހުން ބިނާކުރުމަށް ދޮޅުލައްކަ ރުފިޔާ ވެސް ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. އަދި ނޭޝަނަލް ޕޫލްގެ ޓްރެއިނިން އަށް 82 ހާސް ރުފިޔާ ވެސް ބަޖެޓްކޮށްފައިވެ އެވެ.
އެތުލެޓިކްސް އެސޯސިއޭޝަންގެ މިހާރުގެ ހިންގާ ކޮމިޓީގެ މުއްދަތު އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާ އިރު، މިއަދު އަލަށް އިންތިހާބު ކުރެވުނު ހިންގާ ކޮމިޓީގެ މަސައްކަތް އަންނަ ޖުލައި މަހުގެ އެއް ވަނަދުވަހު ފަށާނެ ކަމަށް އެތުލެޓިސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް މިއަދު ވަނީ ވިދާޅުވެފަ އެވެ. އަދި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވެސް މުންތަގިމް އެވެ. އޭނާ ރިޔާސަތު ބެލެހެއްޓީ ރައީސް މައިޒާން އަލިބެ ސިއްހީ ފަރުވާއަކަށް ރާއްޖޭން ބޭރަށްވަޑައިގެން އުޅުއްވާތީ އާއި ނައިބް ރައީސް މޫސާ ރަޝީދު (އެސްޕީ) ޖަލްސާ އަށް ވަޑައިނުގަންވާތީ އެވެ.