20 Dec 2020, 13:48
ޖަރުމަނުގެ އެންމެ މަގުބޫލު ލެޝާ އެއާލައިން، ކޮންޑޯ އިން ރާއްޖެއަށް ދަތުރު ފަށައިފި އެވެ.
ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުގެ ކުރިން އެ އެއާލައިނުން ރާއްޖެއަށް ދަތުރު ކުރި އެވެ. އަލުން ރާއްޖެ އަށް ދަތުރު ފެށިއިރު ޖަރުމަނުގެ ފްރޭންކްފާޓް އާއި މާލެ އާ ދެމެދު ހަފްތާއަކު ދެ ދަތުރު ކުރާނެ އެވެ.
ކޮންމެ ހަފްތާއެއްގެ އާދިއްތަ އަދި އަންގާރަ ދުވަހަކު ރާއްޖެ އަށް ކޮންޑޯ އިން ދަތުރު ކުރާނެ އެވެ.
ޖަރުމަންގެ ލުފްތަންސާ އެއާލައިން އިންވެސް ރާއްޖެ އާއި ޖަރުމަނާ ދެމެދު ހަފްތާއަކު ދެ ފްލައިޓު ދަނީ ބާއްވަމުންނެވެ. އެގޮތުން މާލެެ އާއި ފްރޭންކްފާޓް އާއި ދެމެދު ކޮންމެ ހަފްތާއެއްގެ ބުދަ އަދި އާދިއްތަ ދުވަހު ދަތުރު ބާއްވަ އެވެ.
ޖަރުމަނަކީ ރާއްޖޭގެ ޓޫރިޒަމްގެ މުހިއްމު މާކެޓަކަށް ވާއިރު ޖުލައި15 އިން މި މަހުގެ 16ގެ ނިޔަލަށް ޖަރުމަނުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 5,393 އަށް އަރައެވެ. މިއަހަަރުގެ ތެރޭގައި މިހާތަނަށް އެގައުމުން 32,072 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
މި މަހުގެ 18ގެ ނިޔަލަށް ޖުމްލަ 505,092 ފަތުރުވެރިން މިއަހަރުގެ ތެރޭގައި ރާއްޖެ އައިސްފައިވާއިރު ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލިފަހުން މިމަހުގެ 16 ގެނިޔަލަށް 122,245 ފަތުރުވެރިން އައިސްފައިވެ އެވެ.
ރާއްޖެ އަންނަ އެއާލައިންތަކުގެ އަދަދު 20 އަށްވުރެ އިތުރުވެފައިވާއިރު މި އަހަރު ތެރޭ އިތުރު އެއާލައިން ތަކުން ރާއްޖެއަށް ދަތުރު ފަށަން ވަނީ ތައްޔާރުވެފަ އެވެ.