20 Dec 2020, 11:45
ހުޅުމާލެ ސާފުކުރުމަށް ކުރިއަށް ގެންދިޔަ "ސާފު ހުޅުމާލެ" ޕްރޮގްރާމުގައި އިއްޔެ 18 ޓަނުގެ ކުނި ނަގައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) އިއްޔެ އެ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ، ހަވީރު 4:00-6:00 އަށެވެ.
ހުޅުމާލެ ރުއްގަނޑު އެކެއް ސަރަހައްދުން ފެށި އެ ހަރަކާތުގައި ހުޅުމާލޭގެ 40 ސަރަހައްދެއް ވަނީ ސާފުކޮށްފައެވެ. އަދި ހަރަކާތް ނިންމާލުމަށް ފަހު، ހަރަކާތުގެ ތެރެއިން އެއްކުރި ކުނިތަކުގެ ފޮޓޯ އާންމުކޮށް އެޗްޑީސީން ބުނީ، އެ ހަރަކާތުގައި 18 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ.
ރުއްގަނޑު ސަރަހައްދަށް ކުނިތައް ގެނެސްފައި ވަނީ ބޮޑެތި ޖަމްބޯ ގޯނިތަކުގައެވެ.
އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ޝުކުރު އަދާކޮށް އެޗްޑީސީން ބުނީ، އެ ހަރަކާތް ވަރަށް ކާމިޔާބު ކަމަށެވެ.
ހުޅުމާލެ ސާފުކުރުމުގެ ޕްރޮގްރާމްގައި ނައިބު ރައީސް ފައިސަލް ނަސީމް އާއި މިނިސްޓަރުންނާއި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވިއެވެ.