ސަރުކާރުގެ މަތިންދާ ބޯޓު ދުއްވާ ކުންފުނި، އައިލެންޑް އޭވިއޭޝަންގެ ބޯޑް ޗެއާމަނަކަށް ހ. ދުއްލިސާ، މުހައްމަދު ނައީމު ]ޕައިލެޓް ނައީމް[ ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ކުރިން ސިވިލްއޭވިއޭޝަން ޑިޕާޓްމަންޓްގައި މަސައްކަތް ކުރެއްވި، ނައިމް އައިލޭންޑް އޭވިއޭޝަން ބޯޑް ޗެއާމަނަކަށް ހަމަޖެއްސީ މިއަދު ކަމަށެވެ.

މައިގަނޑުކޮށް އެތެރޭގެ ދަތުރުތައް ކުރާ އައިލޭންޑް އޭވިއޭޝަންގެ ބޯޑް ޗެއާމަނަކަށް ނައީމް ހަމަޖެއްސެވީ ކުރިން އެ މަގާމުގައި ހުންނެވި، ޔުނިވަސަލް އެންޓާ ޕްރައިސަސްގެ ޗެއާމަން ކޮލި މުހައްމަދު މަނިކު އިސްތިއުފާ ދެއްވުމުންނެވެ.
އޭނާ އިސްތިއުފާ ދެއްވީ ކީއްވެގެން ކަމެއް ރައީސް އޮފީހަކުން ނުބުނެ އެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވީ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ބަންދު އިބްރާހީމް ސަލީމް ޓެކްސްޓް މެސެޖަކުން ވަކިކުރިތާ 48 ގަޑި އިރު ވެސް ނުވަނީހެވެ.