20 Dec 2020, 15:09
ވޮޝިންޓަން (ޑިސެމްބަރު 18) : އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާކަމަށް ވިދާޅުވެ އިންތިޚާބުގެ ނަތީޖާ ބަދަލުކުރުމަށްޓަކައި މާޝައްލޯ (އަސްކަރީ ގާނޫނު) އިއުލާނު ކުރުމާބެހޭގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ މުސްތަޝާރުންނާ މަޝްވަރާ ކުރައްވައިފި އެވެ.
ވައިޓް ހައުސްގެ ވަރަށް އިތުބާރުހުރި މަސްދަރަކާ ހަވާލާދީ ސީއެންއެން ބުނިގޮތުގައި އެމެރިކާގައި މާޝައްލޯ އިއުލާނު ކުރުމާބެހޭގޮތުން ޓްރަމްޕް އޭނާގެ މުސްތަޝާރުންނާ މަޝްވަރާ ކުރައްވާފައިވަނީ އިއްޔެ ވައިޓްހައުސްގައި ބޭއްވި ސިއްރު ބައްދަލުވުމެއްގަ އެވެ. މާޝައްލޯ (އަސްކަރީ ގާނޫނު) އިއުލުނުކުރުމަށް ޓްރަމްޕަށް ހިޔާލު ދެއްވީ ދާދިފަހުން ޓްރަމްޕް މައާފްދެއްވި އެމެރިކާގެ ގައުމީ ސަލާމަތާބެހޭ ކުރީގެ މުސްތަޝާރު މައިކަލް ފްލިން ކަމަށްވެސް ސީއެންއެން ބުނެފައިވެ އެވެ. މާޝައްލޯ އިއުލާނު ކޮށްފިނަމަ އެމެރިކާގައި މަދަނީ ގާނޫނުތަށް ތަންފީޒެއް ނުކުރެވޭނެ އެެވެ.
އެމެރިކާގެ މަޝްހޫރު ވެބްސައިޓެއް ކަމަށްވާ "އެކްސިއޮސް" ބުނާގޮތުން ޓްރަމްޕްވަނީ އެމެރިކާގައި ވޯޓުލުމަށް ބޭނުންކުރާ އިލެކްޓޯނިކް މެޝިންތައް ފެޑްރަލް ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށްވެސް ނާކާމިޔާބު މަސައްކަތްތަކެއް ކުރައްވާފަ އެވެ. މިގޮތުން އެމެރިކާގައި ވޯޓުލުމަށް ބޭނުންކުރާ އިލެކްޓޯނިކް މެޝިންތައް ކޮންފިސްކޭޓްކޮށް (ފެޑްރަލް ސަރުކާރުގެ ބާރުގެ ދަށަށް ގެނަސް) ފެޑްރަލް ސަރުކާރުގެ ވުޒާރާއެއްކަމަށްވާ ހޯމްލޭންޑް ސެކިއުރިޓީން ކޮންޓްރޯލް ކުރާގޮތަށް ހަމަޖެއްސުމަށް ޓްރަމްޕް މަސައްކަތް ކުރެއްވި ކަމަށާ އެކަން ނާކާމިޔާބު ވެފައިވާކަމަށް "އެކްސިއޮސް" ބުނެ އެވެ.
އެމެރިކާގެ އިންތިހާބުތަކުގެ ކަންކަން ކުރަނީ ކޮންމެ ސްޓޭޓަކުންވެސް އެސްޓޭޓެއްގައި އޮންނަ އިންތިހާބުތަކާބެހޭ މުސްތަގިއްލު އިދާރާއެއްގެ ބެލުމުގެ ދަށުންނެވެ. އިންތިހާބުތަކާބެހޭ ފެޑްރަލް އިދާރާއެއް އެމެރިކާގައި ނޯވެ އެވެ. ޓްރަމްޕްވަނީ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާވަނީ އޮޅުވާލާފައިކަމަށް އެތަށް ފަހަރަކު ވިދާޅުވެ ނަތީޖާ ގަބޫލުކުރުމަށް ދެކޮޅު ހައްދަވާފަ އެވެ.
ޓްރަމްޕް ކުރެއްވި ޓްވީޓްތަކެއްގައި ވަނީ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާއާމެދު ރައްޔިތުން ތިބީ ވަރަށް ރުޅިއައިސްފައި ކަމަށާއި އެމެރިކާގެ އެއްވެސް އިންތިހާބެއްގައި އޮޅުވާލާފައިނުވާ މިންވަރަށް އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި އޮޅުވާލާފައިވާ ކަމަށް ދާދިފަހުންވެސް ވިދާޅުވެފަ އެވެ. ޓްރަމްޕް ވަނީ ރިޔާސީ އިންތިހާބުގެ އޮޅުވާލުންތަކާ ކުރިމަތިލުމަށް ރިޕަބްލިކަން ޕާޓީން ހަނގުރާމައިގެ ހުނަރުތައް ދަސްކުރުމަށް ވެސް ގޮވާލާފަ އެވެ.
ޓްރަމްޕްގެ އިސް އެހީތެރިއަކުވަނީ އަންނަ ޖަނަވަރީމަހު ގެ 20 ގައި ބައިޑެން އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރެއްވި ނަމަވެސް ޓްރަމްޕް ވައިޓްހައުސް އިން ނުކުމެ ވަޑައިނުގަތުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވިދާޅުވެފަ އެވެ. (ސީއެންއެން+އެކްސިއޮސް)